ސިނާއީ ބޭނުމަށް ވިލާ އަށް ހުޅުމާލެއިން ދޫކުރި ބިން އަތުލީ ރަނގަޅަށް: ހައިކޯޓު

ހައިކޯޓު --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ހަކަތަ ޕްރައިވެޓް ލިމިޓެޑަށް ހުޅުމާލެއިން ދޫކުރި ސިނާއީ ބިން އަނބުރާ އަތުލީ އެއްބަސްވުމާ ޚިލާފަށް ކަމަށް ހުޅުމާލޭ ކޯޓުން ކުރި ހުކުމް ހައިކޯޓުން މިއަދު ބާތިލް ކޮށްފިއެވެ.

އެޗްޑީސީން އިސްތިއުނާފު ކުރި މައްސަލަ ބެލުމަށްފަހު ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ ސިނާއީ ބޭނުމަކަށް ހުޅުމާލެއިން ކުއްޔަށް ހިފި ބިން އެއްބަސްވެފައިވާގޮތަށް ވިލާއިން ބޭނުންކުރަމުންނުދާކަން އެނގެން އޮންނަ ކަމަށެވެ.

އެ ބިމުގައި އެއްބަސްވިގޮތަށް މަސައްކަތް ނުކޮށް ތިބުމަށް ކޮންޓްރެކްޓާބެހޭ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ލުޔެއް ދީފައިނުވާނެކަމަށް އެޗްޑީސީން ބުނެފައިވާ ކަމަށް އެ ހުކުމްގައިވެއެވެ.

ވިލާ އިން އެއްބަސްވެފައިވާ ސިނާއީ މަސައްކަތް ފަށަންޖެހޭ މުއްދަތެއް އެއްބަސްވުމުގައި ނެތުމަކީ، އެ ބިމުގައި ގާއިމްކުރަން ޖެހޭ ތަން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ގާއިމުނުކުރުމަށް އޮތް ހުއްޖަތެއްކަމުގައި ނުބެލެވޭނެކަމަށް ވެސް އެ ހުކުމްގައި ވެއެވެ. އެހެންކަމުން ވިލާއާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކުރަން އެޗްޑީސީން ފޮނުވި ނޯޓިސްއަކީ ބާތިލް އެއްޗެއް ކަމަށް ހުޅުމާލޭ ކޯޓުން ކަނޑައެޅީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ވަނީ ކަނޑައަޅައިފައެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިލާ ހަކަތައަށް ސިނާއީ ބޭނުމަށް 25 އަހަރަށް ބިން ކުއްޔަށްދޫކުރީ 2005 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ސޮއިކުރި އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުން ބާތިލްކުރީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

comment ކޮމެންޓް