ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ހުމާއި ރޯގާގެ ސަބަބުން ބިއުޓިފުލް އައިސް އޮފް މޯލްޑިވްސް އާއި ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން ބާއްވަން އޮތް އިވެންޓް ކެންސަލް ކޮށްފި އެވެ.
ޑައުން ސިންޑްރޯމް ކުދިންނާ ގުޅޭ ގޮތުން އާމުން ހޭލުންތެރިކުރުވުމުގައި މަސައްކަތްކުރާ ބިއުޓިފުލް އައިސް އޮފް މޯލްޑިވްސްގެ ފައުންޑާ އަހުމަދު އަންސަމް ވިދާޅުވީ، ދުނިޔޭގެ ޑައުންސިންޑުރޯމް ދުވަހާ ގުޅިގެން އެ ޖަމިއްޔާއިން އަންނަ އަންގާރަ ދުވަހު ބާއްވަން އޮތް އިވެންޓް ކެންސަލް ކޮށްފައިވާ ކަމަށެވެ.
ބެލެނިވެރިންގެ ކަންބޮޑުވުމާ އެކު ހެންވޭރު ދަނޑުގައި ބާއްވަން އޮތް އެ އިވެންޓް ކެންސަލްކުރި ނަމަވެސް އެ އިވެންޓް އަލުން ބާއްވާނެ ތާރީހެއް އަދި ނިންމާފައިނުވާ ކަމަށާއި ބާއްވާ ތާރީހު ފަހުން އިއުލާން ކުރާނެ ކަމަށް އަންސަމް ވިދާޅުވި އެވެ.
ޓައިނީ ހާޓްސް އޮފް މޯލްޑިވްސްގެ ފަރާތުން ވެސް މިމަހުގެ 19 އިން 21 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "ކެއާ ފޯ ޓައިނީ ހާޓްސް ކޭމްޕް" ވެސް ފަސް ކުރަން ވަނީ ނިންމާފަ އެވެ.
އެ ޖަމިއްޔާ އިން ނެރުނު އިއުލާނެއްގައި ބުނީ، ސިއްހީ މުއައްސަސާތަކުގެ ލަފާގެ މަތިން މިހާރު ފެތުރެމުންދާ ބަލިމަދުކަން ފެތުރުމުގެ ނުރައްކާތެރިކަން ނެތްކަން ކަށަވަރުވުމާ އެކު ވީ އެންމެ އަވަސް ފުރުސަތެއްގައި ކޭމްޕު ބޭއްވުމުށް މަސައްކަތްކުރާނެ ކަމަށެވެ.