ޑައުންސިންޑްރޯމް ދުވަހާއި ގުޅޭގޮތުން ބާއްވާ ހާއްސަ އިވެންޓް "ސްޓެޕް އަޕް ފޯ ޑައުން ސިންޑްރޯމް" ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ކޮންމެ އަހަރެއްގެ މާރޗް މަހުގެ 21 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގުވާމީ ޑައުން ސިންޑްރޯމް ދުވަހާއި ގުޅިގެން، ޑައުން ސިންޑްރޯމް އެސޯސިއޭޝަން ބިއުޓިފުލް އައިސް އިން އިންތިޒާމުކުރާ މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ.
ކުޑަކުދިންނާއި ގުޅޭ ތަފާތު އެކިއެކި ހަރަކާތްތަކާއި، ކުޅިވަރުތަކާއެކު ކުރިއަށްދާ މި އިވެންޓުގައިި 21 މިނިޓުގެ ހާއްސަ ކަސްރަތުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމަ އެއާއެކު، ޑައުން ސިންޑްރޯމް ކުދިންނަށް ބޮޑުބެރު ޖަހަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްގެ ފެށުންވެސް އެ އިވެންޓްގައި ކުރިއަށްދާނެއެވެ. މި ޕްރޮގްރާމަކީ ހަ މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްދާނެ ޕްރޮގްރާމެކެވެ.
މީގެ އިތުރުންވެސް ޑައުން ސިންޑްރޯމްއާ ބެހޭގޮތުން އާންމުން ހޭލުންތެރިކޮށް އަދި ފަންޑް ރެއިސްކުރުމުގެ ގޮތުން، ތަފާތު ހަރަކާތްތަކެއް މިއަދުވެސް ކުރިއަށްދާނެއެވެ. މިގޮތުން ސްކޫލްތަކުގެ ދަރިވަރުން މިއަދު ސްކޫލަށް ދިއުމަށް ހަމަޖެހިފައި ވަނީ ދެ ވައްތަރުގެ ދެ އިސްޓާކީން ކިބައަށް އަރައިގެނެވެ. މި ހަރަކާތުގެ މަގްސަދަކީ "ލޮޓްސް އޮފް ސޮކްސް" ކެމްޕެއިންގެ ދަށުން، ތަފާތުތަކެއް ހުއްޓަސް ޑައުން ސިންޑްރޯމް ކުދިން ބަލައިގަތުމަށް ގޮވާލާ އެ މާނަ ދޭހަވާ ގޮތަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
Limited stock only now. Did you get your Down Syndrome Day Event T-shirt? Call 760 6776. Join our event on March 23rd, at hulhumale' pic.twitter.com/1kxhXn0Kmh
— World Down Syndrome Day 2019 ????❤️ (@BeautifulEyesMV) March 19, 2019
އަދި ހަމައެޔާއެކު މި ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ޑައުންސިންޑްރޯމް ދުވަހުގެ ސްޓިކާ ވިއްކުމުގެ ހަރަކާތެއްވެސް ދަނީ ކުރިއަށްދަމުންނެވެ. މި ސްޓިކާއަކީ ބޭނުންވާ އަގަކަށް ލިބެން ހުންނާނެ އެއްޗެކެވެ. މީގެ އިތުރަށް ބިއުޓިފުލް އައިސްއިން ވިއްކާ ޓީޝާޓް ލިބެން ހުންނާނީ 150 ރުފިޔާއަށެވެ. އަދި ޑައުން ސިންޑްރޯމް ދުވަހުގެ ހާއްސަ އިސްޓާކީން ވިއްކަނީ 50 ރުފިޔާ އަށެވެ.