ޑައުންސިންޑްރޮމް އެސޯސިއޭޝިއަންގައި ބޭއްވި ހަރަކާތެއްގެ ތެރެއިން--- ސަން ފޮޓޯ: އަހުމަދު އަވުޝަން އިލްޔާސް

މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޑައުން ސިންޑްރޯމް ދުވަހެވެ. ކޮންމެ އަހަރެއްގެވެސް މާޗު މަހުގެ 21 ވަނަ ދުވަސް ޑައުން ސިންޑްރޯމް ކުދިންނަށް ހާއްސަކުރާ އިރު، މި ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ނިންމީ 2012 ވަނަ އަހަރު އެކުވެރި ދައުލަތްތައް ނުވަތަ އދ.އިންނެވެ.

ޑައުން ސިންޑްރޯމްއާ ބެހޭގޮތުން އާންމުން ހޭލުންތެރިކޮށް، ޑައުން ސިންޑްރޯމް ކުދިންނަށާއި އާޢިލާތަކަށް އެހީތެރިކަންދީ އެއްބާރުލުން ދިނުމުގެ ގޮތުން މި ދުވަސް ފާހަގަކުރަމުން އަންނަނީ ޑައުން ސިންޑްރޯމް އިންޓަނޭޝަނަލްއާއި އަދި އެކި ގައުމުތަކުގެ ޑައުން ސިންޑްރޯމް އެސޯސިއޭޝަންތަކާ ޖަމިއްޔާތައް ގުޅިގެންނެވެ.

ޑައުން ސިންޑްރޯމް ނުވަތަ ޓްރައިސޮމީ 21، އަކީ ކްރޯމޮސޯމްގެ 21 ވަނަ ޖޯޑުގައި އިތުރު ކޮޕީއެއް އިނުމުގެ ސަބަބުން އުފެދުމުގައި ހުންނަ ނުކުޅެދުންތެރިކަމެކެވެ. މާރޗް މަހުގެ 21 މި ދުވަހަށް ހާއްސަވަނީވެސް މި ސަބަބާއި ހެދިއެވެ.

ޑައުން ސިންޑްރޯމާއެކު އުފަންވާ ކުދިންގެ ކިބައިން އަންނަނިވި ކަންތައްތައް ފާހަގަ ކުރެވޭނެއެވެ.

  • ފުޅާ ފަތި މޫނެއް އިނުން
  • ކަރު ކުރުވުން
  • ތުންފަތް އަދި ދޫ ބޮޑުވުން
  • ނޭފަތް ކުޑަވުން
  • މައްޗަށް ލެނބިފައި ލޯއިނުން
  • ކަންފަތް ތިރިއަށް ޖެހިފައި އިނުން
  • މަސްތަކުގައި ވަރު ނުހުރުން
  • ހިތް އަދި ގުރުދާ ރަނގަޅަށް އުފެދިފައި ނެތުން
  • ސިކުނޑީގައި އުނިކަމެއް ހުރުން
  • ފައިތިލަ، އަތްތިލަ އަދި އިނގިލިތަކުގެ ރޮނގުތައް ތަފާތުކޮށް ހުރުން

ރާޢްޖޭގައި ޑައުން ސިންޑްރޯމް ކުދިންނަށް ހާއްސަ ޖަމިއްޔާއަކީ "ބިއުޓިފުލް އައިސް"އެވެ. 2012 ވަނަ އަހަރު މި ޖަމިއްޔާ އުފެދުނުއިރު މިއަދާ ހަމައަށް މި ޖަމިއްޔާގައި ރަޖިސްޓްރީވެފައި ވަނީ 84 ކުދިންނެވެ.

އެހެން ނަމަވެސް މުޅި ރާއްޖޭގައި ގާތްގަނޑަކަށް 600 އާއި 700 އާ ދެމެދުގެ އަދަދަކަށް ޑައުން ސިންޑްރޯމް ކުދިން ތިބޭނެކަމަށް މި ޖަމިއްޔާއިން ލަފާކުރެއެވެ.

މުޅި ދުނިޔޭގައިވެސް މި ދުވަސް ކުލަގަދަކޮށް ފާހަގަކުރާއިރު، މިއަހަރަށް ކަނޑައެޅިފައިވާ ޝިއާރަކީ "ލީވް ނޯ ވަން ބިހައިންޑް" ނުވަތަ "އެއްވެސް މީހަކު ބާކީ ނުކުރާށެވެ." މި ޝިއާރެވެ.

comment ކޮމެންޓް