ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ބިއުޓިފުލް އައިޒް ޑައުން ސިންޑްރޯމް އެސޯސިއޭޝަން ގުޅިގެން، ހދ. އަތޮޅުގެ ރަށްތަކުގައި ދިރިއުޅޭ އަޑުއިވުމާއި ވާހަކަދެއްކުމުގެ ދަތިކަން ހުންނަ ކުދިންނަށް ޚާއްޞަ ކޭމްޕެއް ކުރިއަށްގެންގޮސްފިއެވެ.
މި ކޭމްޕް ކުރިއަށްގެންގޮސްފައިވަނީ، ނޮޅިވަރަންފަރު، ނޮޅިވަރަމް، އަދި ކުޅުދުއްފުށީ ސިޓީގައި މިދިޔަ ބުދަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ.

އާކް އާއި ބިއުޓިފުލް އައިޒް ގުޅިގެން ހދ އަތޮޅުގައި ކުރިއަށްގެންދިޔަ ހިއަރިން ކޭމްޕްގެ ތެރެއިން-- ފޮޓޯ/އާކް
އާކްއިން ބުނީ މި ކޭމްޕުގައި ރާއްޖެއިން ބޭރުގެ ސްޕީޗް ތެރަޕިސްޓަކު، އަޑުއިވުމާއި ވާހަކަދެއްކުމުގައި ދަތިކަން ހުންނަ 90 އަށްވުރެ ގިނަ ކުދިންގެ ހާލު ބެލިކަމަށެވެ. އެގޮތުން ވަކިވަކި ކުދިންގެ މައްސަތައް ހުރިތޯ ބަލައި، މައްސަލަތައް ދެނެގަނެ، އެ ކުދިންނަށް އަޑު އިވޭ މިންވަރު ބެލުމަށް އޯޑިއޯމެޓްރިކް ޓެސްޓު ހެދިއެވެ.
އެ ހުރިހާ ކަމެއް ވެސް ކޮށްދީފައި ވަނީ ހިލެއެވެ.

އާކް އާއި ބިއުޓިފުލް އައިޒް ގުޅިގެން ހދ އަތޮޅުގައި ކުރިއަށްގެންދިޔަ ހިއަރިން ކޭމްޕްގެ ތެރެއިން-- ފޮޓޯ/އާކް
މީގެ އިތުރުން މި ކޭމްޕްގައި ނޮޅިވަރަންފަރު، ނޮޅިވަރަމް، އަދި ކުޅުދުއްފުށީ ސިޓީގެ ސްކޫލްތަކުގައި މަސައްކަތްކުރާ 70 އަށްވުރެ ގިނަ ސްޕެޝަލް އެޑިއުކެޝަން ނީޑްސް (ސެން) ޓީޗަރުންނާއި ފައުންޑޭޝަން ސްޓޭޖުގެ ޓީޗަރުންނަށް މައުލޫމާތު ދިނުމުގެ މަސައްކަތު ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އާކް އާއި ބިއުޓިފުލް އައިޒް ގުޅިގެން ހދ އަތޮޅުގައި ކުރިއަށްގެންދިޔަ ހިއަރިން ކޭމްޕްގެ ތެރެއިން-- ފޮޓޯ/އާކް
މި ބައްދަލުވުންތަކުގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއެކު މަސައްކަތްކުރާ ޓީޗަރުންނަށް އެ ކުދިންނާ ވާހަކަދެއްކުމުގައި ހުންނަ ދަތިތައް ފާހަގަކޮށް އެކަންކަމަށް ހައްލު ހޯދައިދިނުމަށް ކުރެވޭނެ ކަންތައްތަކުގެ މުހިއްމު މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

އާކް އާއި ބިއުޓިފުލް އައިޒް ގުޅިގެން ހދ އަތޮޅުގައި ކުރިއަށްގެންދިޔަ ހިއަރިން ކޭމްޕްގެ ތެރެއިން-- ފޮޓޯ/އާކް
މި ކޭމްޕް ކުރިއަށްގެންދިއުމުގައި ނޮޅިވަރަންފަރު، ނޮޅިވަރަމް، އަދި ކުޅުދުއްފުށީ ސިޓީގެ ހެލްތް ސެންޓަރުތަކާއި، ސްކޫލްތަކުގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަމަށްވެސް އާކް އާއި ބިއުޓިފުލް އައިޒް ޑައުން ސިންޑްރޯމް އެސޯސިއޭޝަނުން ބުންޏެވެ.