އިންޓަރސްކޫލް ހޭންޑްބޯލް މުބާރާތް ފަސްކުރަނީ!

މިދިޔަ އަހަރު ބޭއްވި އިންޓަސްކޫލް ހޭންޑްބޯލް މުބާރާތުގެ ތެރޭން. މިހާރު ފެތުރެމުންދާ ހުމުގެ ރޯގާއާ ގުޅިގެން މިފަހަރުގެ މުބާރާތް ފަސްކުރާން ވިސްނަމުންދާ ކަމަށް ހޭންޑްބޯލް އެސޯސިއޭޝަނުން މައުލޫމާތުދޭ --- ފޮޓޯ/ ހޭންޑްބޯލް މޯލްޑިވްސް

ރާއްޖޭގައި މިހާރު ފެތުރެމުންދާ އެޗްވަންއެންވަން، ނުރައްކާތެރި ދަރަޖައަކަށް ގޮސްފައި ވާތީ، އަންނަ މަހު އެއްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް ފަސްކުރުމަށް ވިސްނަމުންދާ ކަމަށް ހޭންޑްބޯލް މޯޑިވްސް އިން ބުނެފިއެވެ.

ހޭންޑްބޯލް މޯޑިވްސް ރައީސް އަހްމަދު އިސްމާއިލް މިއަދު ސަން ސްޕޯޓްސްއަށް ވިދާޅުވީ، ސްކޫލްތަކުގެ ހޭންޑްބޯޅަ މުބާރާތަކީ ވަރަށް ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވާ މުބާރާތަކަށް ވާތީ، "މިފަދަ ހާލަތެއްގައި" މުބާރާތް ފަސްކުރާން ޖެހޭނޭކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މިފަދަ ހާލަތެއްގައި މުބާރާތް ފަސްކުރާން ޖެހޭނޭ ކަމަށް. އަޅުގަނޑުމެން މިއަދުގެ ވަގުތެއްގައި ގޮތެއް ނިންމާފައި އިއުލާނުކުރާނަން. މުބާރާތަށް ވާންޖެހޭ ތައްޔާރީތައް ވަނީ ގާތްގަނޑަކަށް ނިމިފައި. ޓީމުތައްވެސް ވަރަށް ދުރާލައި ދަނީ މިފަހަރުގެ މުބާރާތަށް ތައްޔާރުވަމުން،" އަހްމަދު ވިދާޅުވިއެވެ.

ރާއްޖޭގައި ހަލުއިކަމާއެކު ސްވައިން ފްލޫ ފެތުރެމުންދާތީ، އެޑިއުކޭޝަން މިނިސްޓްރީން ވަނީ، މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަންދުކުރާން ނިންމައިފައެވެ. ކުރިއަށް އޮތް ހަފްތާއަކީ ސްކޫލްތަކުގެ މިޑްޓާމް ބްރޭކެވެ.

މިއަހަރުގެ އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، އޭޕްރީލް 1-17އަށެވެ. މި މުބާރާތުގައި 14 ސްކޫލަކުން 68 ޓީމު ވާދަކުރާނެއެވެ.

"މުބާރާތް ފަސްކުރާން ޖެހުނަސް، އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް، ހުރިހާ ސްކޫލްތަކުންވެސް މުބާރާތާ ގުޅޭގޮތުން އެސޯސިއޭޝަނަަށް ހުށަހަޅަން ޖެހޭ އެންމެހާ ޑޮކިއުމަންޓްތައް މިހާރުވެސް ހަމަޖެހިފައިވާ ތާރީޚަށް ފޮނުވައި ދެއްވުން. އެއީ މާޗް 23ގެ ނިޔަލަށް،" ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް ވިދާޅުވިއެވެ.

ސްކޫލްތަކުގެ ހޭންޑްބޯލް މުބާރާތުގައި މި އަހަރު އަތޮޅު ތެރޭގެ ސްކޫލުތަކުން ވެސް ބައިވެރިވާގޮތަށް ހަމަޖެހިފައިވާއިރު މުބާރާތުގައި ޓީމުތައް ވާދަކުރަނެ އުމުރު ފުރާތަކަކީ 12 އަހަރު 14 އަހަރު އަދި 16 އަހަރުން ދަށުގެ އުމުރުފުރާތަކެވެ.

comment ކޮމެންޓް