އަކްޝޭ އާއެކު ފިލްމުގެ މަސައްކަތް ކުރަން މި ހުރީ ތައްޔާރަށް: ސަލްމާން ޚާން

އަކްޝޭ ކުމާރާ އެކު ފިލްމެއްގެ މަސައްކަތް ކުރުމަށް އެއްބަސްވުމަށް ފަހު، ސަލްމާން ޚާން އެ ޕްރޮޖެކްޓު ދޫކޮށްލި ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.

ކަރަން ޖޯހަރު އާއެކު، އަކްޝޭ ލީޑު ރޯލުން ފެނިގެންދާ ފިލްމެއް ކޯޕްރޮޑިއުސް ކުރުމަށް ނިންމާފައިވާ ކަން ސަލްމާން ހާމަކުރީ މިދިޔަ އަހަރު އެވެ. ނަމަވެސް ސަލްމާން އެ ޕްރޮޖެކްޓުގައި މަސައްކަތް ނުކުރަން ނިންމާފައިވާ ކަމަށް ބުނެ ރިޕޯޓުތަކެއް ވަނީ ފެންމަތިވެފައެވެ.

މިއަދު ސަލްމާން ކުރި ޓުވީޓެއްގައި ވަނީ އެ ރިޕޯޓުތައް ދޮގުކޮށްފައެވެ. ސަލްމާންގެ ކާމިޔާބު ފިލްމު 'ދަބާންގް' ގެ ޑައިލޮގަކާ އެކު، ކުރި ޓުވީޓުގައި އޭނާ ވަނީ ދެކެވޭ ވާހަކަތައް ގަބޫލު ނުކުރުމަށް އެދިފައެވެ.

"އަކްޝޭ އާއެކު ފިލްމުގެ މަސައްކަތް ކުރާނަން،" ސަލްމާން ބުނެފައިވެ އެވެ.

އެ ފިލްމުގެ މަސައްކަތް އަދި ފަށާފައި ނުވާއިރު، ފިލްމު ޕްރޮޑިއުސް ކުރާނީ ސަލްމާން އަދި ކަރަން ޖޯހަރު އެވެ. ފިލްމު ޑައިރެކްޓު ކުރާނީ އަނޫރާގް ސިންގ އެވެ.

ސަލްމާން އާއި އަކްޝޭ ވަނީ 2003 ވަނަ އަހަރު ނުކުތް ފިލްމު 'މުޖްސޭ ޝާދީ ކަރޯގީ' ގައި އެކުގައި މަސައްކަތް ކޮށްފައެވެ.

ސަލްމާން އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމު 'ސުލްތާން' އިން އަނުޝްކާ ޝަރްމާ އާއެކު އެވެ. ދެން ސަލްމާން އެންމެ އަވަހަށް ފެނިގެން ދާނީ ކަބީރު ޚާންގެ 'ޓިއުބްލައިޓް' އިންނެވެ.

comment ކޮމެންޓް