ސަތޭކައަށްވުރެ ގިނަ ޓީމު ވާދަކުރި އެޗްޑީސީ ޔޫތު ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ''ބަޖިޔާ''އަށް

ޖުމްލަ 108 ޓީމާއެކު ބޭއްވި "އެޗްޑީސީ ޔޫތު ފުޓްސަލް ކަޕް 2017"ގެ ޗެމްޕިއަންކަން ހޯދި "ބަޖިޔާ" ޓީމުން މުބާރާތުގެ ޓްރޮފީ އުފުލައިލަނީ-- ސަން ފޮޓޯ: ފަޔާޒް މޫސާ

ޖުމްލަ 108 ޓީމާއެކު ބޭއްވި "އެޗްޑީސީ ޔޫތު ފުޓްސަލް ކަޕް 2017"ގެ ޗެމްޕިއަންކަން "ބަޖިޔާ" އިން ހޯދައިފިއެވެ.

މިއީ ރާއްޖޭގައި ބޭއްވި އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކުރިއަށްގެންދިޔަ އެ މުބާރާތުގެ ޗެމްޕިއަންކަން ބަޖިޔާއިން ހޯދީ މިއަދު ހުޅުމާލޭގައި ކުޅުނު ފައިނަލުގައި އެފްސީ ސޫޕް 2-0 ބަލިކޮށްގެންނެވެ.

މިރޭ ހުޅުމާލޭގައި ކުރިއަށްދިޔަ އެ މުބާރާތުގެ ފައިނަލު މެޗުގައި އެފްސީ ސޫޕްގެ ކުޅުންތެރިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ބޭނުން ހިފައި އެ ޓީމުން ވަނީ އެފްސީ ސޫޕް ކޮޅަށް ދެ ލަނޑު ޖަހައިފައެވެ. ބަޖިޔާގެ ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޖާޒީ ނަންބަރު ނުވައެއް އިބްރާހިމް މުބީންއެވެ. ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަބްދުﷲ ޝާފިއުއެވެ.

ޖުމްލަ 108 ޓީމާއެކު ބޭއްވި "އެޗްޑީސީ ޔޫތު ފުޓްސަލް ކަޕް 2017"ގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި "ބަޖިޔާ" - ސަން ފޮޓޯ: ފަޔާޒް މޫސާ

އެ ނަތީޖާއާއެކު ބަޖިޔާ ޓީމަށްވަނީ ޖުމުލަ 80000 ރުފިޔާގެ ފައިސާގެ އިނާމެއް އެޗްޑީސީގެ ފަރާތުން ދީފައެވެ. މުބާރާތުގެ ރަނަރަޕް އެފްސީ ސޫޕްއަށް 40000 ރުފިޔާގެ ފައިސާގެ އިނާމެއްވެސް ވަނީ ދީފައެވެ.

އެ މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެފްސީ ސޫޕް ގެ ކޯޗު އަހްމަދު އަރީފްއެވެ. އެންމެ އުންމީދީ ކުޅުންތެރިޔަކަށް ނޫކަށި ފުރާގެ އަލީ އަޖްފާން އަމްޖަދު ހޮވުނުއިރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ދާއެޅުން ޓީމުގެ މުހައްމަދު ނާޝިދެވެ. އޭނާ ވަނީ މުބާރާތުގައި ޖުމްލަ 13 ގޯލް ޖަހައިފައެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ ކޮލެޖް ފްރެންޑްސްއެވެ. އެޓީމަށް ވަނީ 20000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

އެ މެޗުގެ ޝަރަފްވެރި މެހެމާނަކީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލުއެވެ.

އެ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ، ހުޅުމާލެ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިފަދަ މުބާރާތެއް ބޭއްވީ ޒުވާނުންގެ މެދުގައި ފުޓްސަލްއަކީ ތަރުހީބު ބޮޑު ކުޅިވަރަކަށް ވާތީ އެ ކުޅިވަރުގެ ތެރެއިން ކުރިއަށްދިއުމުގެ ފުރުސަތު ހޯދައިދުނުމަށް ކަމަށެވެ.

އެ މުބާރާތުގައި 1296 ޒުވާނުން ބައިވެރިވެ، އެމީހުންގެ ހުނަރު ދައްކާލާފައިވެއެވެ. އެއީ މިހާ ގިނަ އަދަދެއްގެ ޓީމުތައް ބައިވެރިވެގެން ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

comment ކޮމެންޓް