މަސްތުވާތަކެތި ބޭނުންކުރާ އަންހެނަކު ވިހެއި ކުއްޖަކު ޖެންޑާގެ ބެލުމުގެ ދަށަށް ގެނެސްފި

ނ. ވެލިދޫ

މަސްތުވާތަކެތި ބޭނުންކުރާ އަންހެނަކު ވިހެއި ކުއްޖަކު ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ޖެންޑާ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އައިމިނަތު ހުސައިން ޝަރީފް ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު ނ. ވެލިދޫ ސިއްހީ މަރުކަޒަށް ވިހޭ އެ ކުއްޖާ ޖެންޑާގެ ބެލުމުގެ ދަށަށް ގެނައީ ކުއްޖާ ބެލުމުގެ ގާބިލްކަން މަންމަގެ ކިބައިގައި ނެތުމުން ކަމަށެވެ.

"ކުއްޖާގެ މަންމައަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް. އެ ކުއްޖާ ވިހާފައިވެސް ވަނީ ދުވަސް ނުފުރާ. އަދި ކުއްޖާގެ ކޮންމެވެސް ވަރެއްގެ ސިއްހީ މައްސަލަތަކެއް އެބަހުރި،" އައިމިނަތު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ވެލިދޫގައި ވިހެއި ކުއްޖަކީ ބައްޕަ ކަށަވަރު ނުވާ ކުއްޖެކެވެ. އަދި ދުވަސް ނުފުރާ ވިހެއި އެ ކުއްޖާގެ ނޭވާލުމުގެ މައްސަލަތަކެއްގެ އިތުރުން ކުއްޖާގެ ބަރުދަންވެސް ހަމައެއް ނުވެއެވެ.

އައިމިނަތު ވިދާޅުވީ، އެ ކުއްޖާގެ ސިއްހީ މައްސަލަތަކެއް ހުރުމުން ވެލިދޫ ސިއްހީ މަރުކަޒުންނާއި ނ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ނަމަވެސް އެ ދެ ތަނުންވެސް އެކަށީގެންވާ ފަރުވާ ދެވެން ނެތުމުން ކުއްޖާ މިހާރު އައިޖީއެމްއެޗަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، މަސްތުވާތަކެތި ބޭނުންކުރާ އެ އަންހެން މީހާގެ ދެ ކުދިން މިހާރު ވެސް ތިބީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އަންހެން މީހާގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް