ނ.ވެލިދޫ ހުންނަ އެ އަތޮޅުގެ ތައުލީމީ މަރުކަޒަށް އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ޓީޗަރު، ސުލްތާނާ މޫސާ ވަޒީފާއިން އިއްޔެ ރިޓަޔާ ކުރައްވާފައި ވަނީ އަގު ނުކުރެވޭ ހިދުމަތްތަކެއް ކުރައްވައިފައެވެ.
ސުލްތާނާ މިސްއަކީ އެ ސުކޫލުގައި ހުރި އެންމެ ދުވަސްވީ ޓީޗަރެވެ. މީގެ 43 އަހަރު ކުރިން އެ ސްކޫލުގެ ހިދުމަތް ފެށީއްސުރެއް އިއްޔެއާ ހަމައަށް އޭނާ ހުންނެވީ މެދު ނުކެނޑި ހިދުމަތުގައެވެ.
ނ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް މުހައްމަދު ނިޒާރު ވިދާޅުވިގޮތުގައި އެންމެ ކުރީއްސުރެން ސުކޫލަށް އައި ހުރިހާ ބަދަލުތަކާއި ކިޔަަވައިދިނުމުގެ ވައްޓަފާޅިއަށް އައި ބަދަލުތައް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ސުލްތާނާއަށެވެ.
އެހެންވެ، ސްކޫލަށް އަގުހުރި ގިނަ ހިދުމަތްތަކެއް ގިނަ ދުވަސްތަކެއް ވަންދެން ކޮށްދެއްވި ސުލްތާނާ ވަޒީފާއިން ވަކިވެވަޑައިގަތުމުން ރަށުގެ އެންމެންނަށް ވެސް ވަރަށް ފުން އަސަރެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސުލްތާނާއަކީ އެ ސްކޫލްގެ ކީ ސްޓޭޖުގެ ދަރިވަރުންނަށް ދިވެހި އަދި އިސްލާމް ކިޔަވައިދިން ޓީޗަރެވެ. އޭނާ ބޮޑަށް ޚާއްސަވެފައިވަނީ ދިވެހި މާއްދާއަށެވެ.
ނިޒާރު ވިދާޅުވިގޮތުގައި ސުލްތާނާއަކީ ހިވާގި ކަމާއެކު މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނާއި ދަރިވަރުންގެ ލޯބިލިބިފައިވާ ޓީޗަރެކެވެ.
"ސުލްތާނާ މިސްއަކީ އިޚްލާސްތެރިކަމާއެކު ފިލާވަޅަށް ތައްޔާރުވެވަޑައިގެން ވަރަށް ރަނގަޅަށް ކުލާހުގައި ފިލާވަޅުތައް ނަންގަވައިދެއްވާ ބޭފުޅަކަށްވާތީ ދަރިވަރުންނާއި ބެލެނިވެރިން އަދި އެކުގަ އުޅޭ ހުރިހާ ސްޓާފުންގެ ލޯތްބާއި އިހުތިރާމް ހޯއްދަވާފައިވާ ބޭފުޅެއް" ނިޒާރު ވިދާޅުވިއެވެ.
ސުލްތާނާ ވަނީ 2001 ވަނަ އަހަރު، ރައީސުލްޖުމްހޫރިއްޔާ ދެއްވި ދިގުމުއްދަތަށް ގައުމަށް ޚިދުމަތް ކުރުމުގެ އެވޯޑު ހާސިލްކުރައްވައިފައެވެ.
ތައުލީމަށް ސުލްތާނާގެ ހިތުގައި އޮތް ލޯބީގެ މިންވަރު ބޮޑުކަމުން، އޭނާ ވަނީ ވަރަށް ދޮށީ އުމުރުގައި ދިވެހިި މާއްދާގެ ޓީޗިން ޑިގްރީ ހާސިލް ކުރައްވައިފައެވެ.
ސުލްތާނާ ވަޒީފާއިން ރިޓަޔާކުރެއްވުމުން އިއްޔެ ވަނީ އެ ސްކޫލްގައި އޭނާއަށް ހާއްސަ ވަދާއީ ސަލާމެއް އަރުވާފައެވެ. މި ވަދާއީ ސަލާމުގައި ވަނީ އެ ސްކޫލްގެ ހުރިހާ ޓީޗަރުންނާއި މުވައްޒަފުން، ކަޅު ހެދުމުގައި ބައިވެރިވެފައެވެ.
"ސުކޫލުގެ ހުރިހާ މުވައްޒަފުންގެ ފަރާތުންވެގެން ސުލްތާނާ މިސްއަށް ވަނީ ހަނދާނީ އައްޑަނައަކާއި ޚިދުމަތުގެ މުއްދަތު ރަމްޒުކޮށްދޭ ޝޭޝްއަކާއި ހުރިހާ މުވައްޒަފުންގެ ޝުއުރު ފާޅުކުރެވިފައިވާ ފޮތެއް ދީފައި،" ނިޒާރު ފާހަގަކުރެއްވިއެވެ.
ނިޒާރު ވިދާޅުވީ ސްކޫލްގައި އިއްޔެ ބޭއްވި ވަދާއީ ސަލާމަކީ ސްކޫލް މުވައްޒަފުންގެ ރިކްރިއޭޝަނަލް ކްލަބުން އިންތިޒާމުކޮށްގެން ބޭއްވި ހަރަކާތެއް ކަމަށެވެ.
ސުލްތާނާގެ ޝަރަފުގައި ޙާއްސަ ސަޔެއް ބާއްވާފައިވާއިރު ހަރަކާތް ނިންމާލީ ހަތްކޮޅުގައި އޭނާ ގެޔަށް ގެންގޮސް ދިނުމަށް ފަހުއެވެ.
ސުލްތާނާގެ ވަދާއީ ސަލާމުގައި އޭނާ ސްކޫލްގެ މުވައްޒަފުންނާ ސަލާންކުރައްވަމުން ގެންދެވިއިރު، އޭނާއަށް ހުރީ ރޮވިފައެވެ. އަދި ސްކޫލްގެ ބައެއް މުވައްޒަފުން ވެސް ރޮވިފައި ތިބި މަންޒަރު ފޮޓޯތަކުން ފެނެއެވެ.