އިންޓަވިއުއެއްގެ މެދުތެރެއިން ރިޕޯޓަރެއްގެ ފޯނަށް ޖަވާބު ދިނީ އަނުޝްކާ!

އިންޓަވިއުއެއްގެ މެދުތެރެއިން ފޯނެއް ރިންގު ވުމަކީ އުނދަގޫވާ ކަމެކެވެ. ޚާއްސަކޮށް އިންޓަވިއު ދޭން އިންނަ މީހާ އަށެވެ. ނަމަވެސް ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރްމާ މިވަނީ އިންޓަވިއުގެ މެދުތެރެއިން ރިޕޯޓަރެއްގެ ފޯނު ރިންގުވާން ފެށުމުން އެ ފޯނަށް ޖަވާބު ދީފައެވެ.

އަނުޝްކާގެ ކުރިއަށް އޮތް ފިލްމު 'ފިއްލޯރީ' ގެ ޕްރޮމޯޝަން އިވެންޓެއްގެ ތެރެއިން، ނޫސްވެރިން ކުރަމުން ދިޔަ ސުވާލުތަކަށް ޖަވާބު ދެމުން ދަނިކޮށް، ރެކޯޑަރު ތަކާ އަދި މައިކު ތަކާ އެކު ބާއްވާފައި އޮތް ފޯނެއް ރިންގުވާ މަންޒަރު އަނުޝްކާއަށް ވަނީ ފެނިފައެވެ.

ރިޕޯޓަރަށް ގުޅަނީ އޭނާގެ މަންމަ އެވެ. އަނުޝްކާ ވަނީ ވަގުތުން އެ ފޯނަށް ޖަވާބު ދީފައެވެ. އަދި އޭނާގެ ދަރިފުޅު އިނީ އިންޓަވިއު އެއްގައި ކަމަށާއި، އިންޓަވިއު ނިމިގެން އަލުން ގުޅާނެ ކަމަށް އަނުޝްކާ ބުންޏެވެ.

"މިއީ އަނުޝްކާ. ދައްތަގެ ދަރިފުޅު ފަހުން ގުޅާނެ. މިހާރު އޭނާ އިނީ އިންޓަވިއުއެއްގައި،" އަނުޝްކާ ބުންޏެވެ.

އަނުޝްކާގެ މި އަމަލުގެ ސަބަބުން، ފިލްމުގެ ބަތަލު ދިލިޖީތު އާއި ހާޒިރުވެ ތިބި ރިޕޯޓަރުންނަށް ވެސް ވަނީ ބޮޑު ހައިރާންކަމެއް ލިބިގެން ގޮސްފައެވެ.

comment ކޮމެންޓް