80000 ރުފިޔާ ހޯދަން 108 ޓީމު ފެށި ރޭހުގައި މިހާރު ތިބީ 4 ޓީމު

"އެޗްޑީސީ ޔޫތު ފުޓްސަލް ކަޕް 2017" ގެ ތެރެއިން--ފޮޓޯ/ އެޗްޑީސީ

ޖުމްލަ 108 ޓީމާއެކު ފެށި "އެޗްޑީސީ ޔޫތު ފުޓްސަލް ކަޕް 2017" ގެ ސެމީ ފައިނަލަށް ދަތުރުކުރި ޓީމުތައް ކަށަވަރު ވެއްޖެ އެވެ.

ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަނުން ކުރިއަށް ގެންދާ ރާއްޖޭގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތުގެ ސެމީ ފައިނަަލަށް ދަތުރު ކޮށްފައި ވަނީ އެފްސީ ސޯޕް، ކޮލެޖް ފްރެންޑްސް، ބަޖިޔޭ އަދި ނޮއެނާއެވެ.

މި ހަތަރު ޓީމު ސެމީއަށް ދަތުރު ކުރި ގޮތަށް ބަލާއިރު އެފްސީ ސޯޕް ސެމީއަށް ދަތުރުކުރީ ކުއާޓާރ ފައިނަލުގައި އެލްއެފްގެ މައްޗަށް 4-3 ލަނޑުން ކުރި ހޯދައިގެންނެވެ.

ކޮލެޖް ފްރެންޑްސް މި މުބާރާތުގެ ސެމީ އަށް ދަތުރުކުރީ ޕްރިޒަން ރެކްރިއޭޝަންގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ. އަދި ބަޖިޔޭ ސެމީ އަށް ދިޔައީ 3-1 ދާއެޅުން ބަލި ކޮށްގެންނެވެ. ސެމީގެ ފަހު ޖާގަ ނޮއެނާއިން ކާމިޔާބު ކުރީ 5-0 ތިމަރަ ޔޫތު ޕްލެޔާސްގެގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ސެމީފައިނަލުގެ މެޗުތައް ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ އެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދަނީ ހުޅުމާލޭގައެވެ.

"އެޗްޑީސީ ޔޫތު ފުޓްސަލް ކަޕް 2017"ގެ ޗެމްޕިއަން ޓީމަށް 80000 ހާސް ރުފިޔާ ދިނުމަށް ނިންމާފައިވާއިރު ރަނަރަޕް ޓީމަށް 40،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފެއާޕްލޭ ޓީމަށް 20،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ހޮނިހިރުދުވަހުގެ ރޭ އެވެ.

comment ކޮމެންޓް