ކޯލިޝަނަކާ ނުލައި ރައީސް ޔާމީން 2018 ކާމިޔާބު ކުރައްވާނެ: ފަލާހު

އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު

އިތުރު ޕާޓީއަކާ ކޯލިޝަން ނުހަދައިވެސް އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކާމިޔާބު ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އިން މާލެ ސިޓީ ކައުންސިލަށް ކުރިމަތިލާ ކެންޑިޑޭޓުން ތައާރަފްކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ޕީޕީއެމްގެ ދަފްތަރުގައި މިހާރު 82،000 އަށްވުރެ ގިނަ މެމްބަރު އެބަތިބި ކަމަށާއި އަންނަ އަހަރުގެ ކުރިން އެޕާޓީގެ މެމްބަރުންގެ އަދަދު 125،000 އަށް އިތުރު ވާނެ ކަމަށެވެ. އަދި އެއާ އެކު އިތުރު ޕާޓީއަކާ ނުލައި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިތުރު ޕާޓީތަކެއް ޕީޕީއެމްއާ ނުގުޅުނަކަސް އިރާދަކުރެއްވިއްޔާ ރައީސް ޔާމީން މި ގައުމުގެ ވެރިކަން ކާމިޔާބު ކުރައްވާނީ އެއްބުރުން. އެމަނިކުފާނު އެކަންޏާ ނުކުމެވަޑައިގެން. އެމަނިކުފާނު މިގައުމަށް އެވަރަށް ޚިދުމަތް ކޮށްދެއްވައިފި. ރައްޔިތުން އެކަން ގަބޫލު ކޮށްފި،" ފަލާހު ވިދާޅުވިއެވެ.

އިދިކޮޅު މައި ޕާޓީ، އެމްޑީޕީއަށް ފާޑު ވިދާޅުވަމުން ފަލާހު ވިދާޅުވީ އެޕާޓީގައި މިހާރު ތިބެނީ 5000 އެއްހާ މެމްބަރުން ކަމަށާއި 2018 ގައި އެޕާޓީއަށް އެއްވެސް ވަރެއްގެ ކާމިޔާބީއެއް ނުލިބޭނެ ކަމަށެވެ. އަދި އެޕާޓީގެ ފަރާތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދުވެސް އިންތިޚާބުގައި ކުރިމަތި ނުލާނެ ކަމަށާއި، ޕާޓީ ތެރޭގައި ޖެހިގެން އުޅޭ މައްސަލަ އެއަށްވުރެ މާ ބޮޑު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފ. އަތޮޅަށް އަންނަނީ ހަތް ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށާއި އެ މަޝްރޫއުގެ ސަބަބުން ރާއްޖެއަށް ފައިދާކުރާނެ ކަމަށެވެ. އަދި ސައުދީ އަރަބިއާގެ ރަސްގެފާނު ރާއްޖެ ވަޑައިގެން ފ. އަތޮޅުގައި އިންވެސްޓު ކުރެއްވުމަށް ނިންމެވީ އެމަނިކުފާނާއި ރައީސް ޔާމީނާ ދެމެދު އުފެދިފައި އޮތް ގާތް ގުޅުމުގެ ސަބަބުން ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ދީދީ އާއި ސަރުކާރުގެ ވަޒީރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންވެސް ބައިވެރިވެވަޑައިގަތެވެ.

comment ކޮމެންޓް