ރަސްމީ މަސައްކަތަށް އަންހެނުން ނުކުތުމުގެ ފުރުސަތު ދިނުމަށް ދުންޔާ ގޮވާލައްވައިފި

މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި ސްޓޭޓް މިނިސްޓަރ ދުންޔާ މައުމޫން، ލަންކާ ސަފީރު ޒާހިޔާ ޒަރީރު (ކ) އަދި އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމްއާ އެކު --ސަން ފޮޓޯ/ ފަޔާޒު މޫސާ

ގޭތެރެ ފަދަ ތަންތަން "ބެލެހެއްޓުން" ފަދަ ޒިންމާތަކުގެ ބަދަލުގައި، އަންހެނުނުން ރަސްމީ މަސައްކަތަށް ނުކުމެވޭނެ ގޮތް ހަދައިދޭންޖެހޭ ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

އިއްޔެ ފާހަގަކުރި ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ކުރީގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ދުންޔާ މައުމޫން ވިދާޅުވީ މިއަހަރުގެ ތީމް ކަމުގައިވާ "ބަދަލުވަމުންދާ މަސައްކަތުގެ ދުނިޔޭގައި އަންހެނުން: 2030 ގެ ކުރިން ޕްލެނެޓް 50-50" އަކީ 2015 ވަނަ އަހަރު އދ. އިން އެކުލަވާލި ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުލަނޑިތައް ހާސިލުކުރުމަށް ކަނޑައަޅާފައިވާ ތީމެއް ކަމަށެވެ.

ދުންޔާ ވިދާޅުވީ، ދެޖިންސުގެ ހަމަހަމަކަން ހާސިލުކުރުމަށް ލިސްޓުކޮށްފައިވާ އިރު، އަންހެނުން މަސައްކަތުގެ މައިދާނުގައި ކުރިމަތިލާންޖެހޭ ހުރަސްތައް ނައްތާލަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ދުންޔާ ވިދާޅުވި ގޮތުގައި މީގެ ކުރިން ފިރިހެނުން ޑޮމިނޭޓުކުރަމުން އައި ބައެއް ވަޒީފާތައް އަންހެނުންވެސް ނަގަމުން އަންނަ ކަމަށާއި، މިއީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. މީގެ އިތުރުން ވަޒީފާގެ މަގާމު އަދާކުރާ މީހާގެ ޖިންސަށް ރިއާޔަތް ނުކޮށް، އަދާކުރާ ވަޒީފާގެ މަގާމަށް މުސާރަ ދޭ ނިޒާމެއް ގާއިމުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ޔޫއެންއެފްޕީއޭގެ އޮފީހުގައިވެސް މީގެ ކުރިން މަސައްކަތް ކުރެއްވި ދުންޔާ ވިދާޅުވީ، "ޕްލެނެޓް 50-50" ނުވަތަ ދެޖިންސު ހަމަހަމަ ދުނިޔެއެއް ހާސިލުކުރުމަށްޓަކައި، އަންހެނުންނަށް ވަޒީފާގެ މާހައުލުގައި ދިމާވާ އެންމެހާ ހުރަސްތައް ނައްތާލަންޖެހޭ ކަމަށެވެ.

"މިކަން ހާސިލުކޮށް، މަސައްކަތުގެ ދުނިޔޭގައި އަންހެނުންނާއި ފިރިހެނުން އެއް ހަމައެއްގައި ހުރުމަށްޓަކައި، އަންހެނުން ރަސްމީ މަސައްކަތަށް ނުކުތުމަށް ހުރި ހުރަސްތައް މުޖުތަމައުން ނައްތާލަންޖެހޭ،"

އެގޮތުން، ހަމައެކަނި "ކެއާ ވޯކް" ނުވަތަ ދަރީންނާއި އެހެނިހެން މީހުންނާއި ގޭތެރެ ބެލެހެއްޓުން ފަދަ މަސައްކަތްތަކުގެ ބަދަލުގައި، އުޖޫރައެއް ލިބޭނެ، ރަސްމީ ވަޒީފާތައް އަންހެނުންނަށް އަދާކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަންޖެހެ ކަމަށް ދުންޔާ ވިދާޅުވިއެވެ.

"އުޖޫރައެއް ލިބޭ ރަސްމީ މަސައްކަތަށް ނުކުމެ، ވަޒީފާއާ ބެހޭ ގާނޫނުތަކުގެ ރައްކާތެރިކަމާއި އިޖްތިމާއީ ރައްކާތެރިކަންވެސް ލިބޭނެ ގޮތަކަށް އޮނިގަނޑުތައް ފަރުމާކުރަން ޖެހޭ،" ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ އަންހެނުންގެ ދުވަސް ފާހަގަކުރާ އިރު، އެކަކު އަނެކަކަށް އެހީތެރިކަމާއި ހިތްވަރުދީ، މަސައްކަތުގެ މާހައުލަކީ ހުރިހާ އަންހެނުންނަށް ވެސް ރައްކާތެރި މާހައުލަކަށް ހެދުމަށް ގޮވާލާ ކަމަށެވެ.

comment ކޮމެންޓް