ކުށް ކުރާ ކުދިންގެ ތެރެއިން، އެއީ ކުށެއްކަން އެނގިތިބެ ކުށްކުރާ ކުދިންނަށް އަދަބު ނުލިބުމަކީ މައްސަލައެއް ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ގާނޫނު އިސްލާހު ކުރަން ޖެހޭ ކަމަށް، މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
އއ. ރަސްދޫގައި ތަރާވީހް ނަމާދު ވަގުތު މިސްކިތުގައި ކުޑަ ކުއްޖަކަށް ގަނާކުރި މައްސަލައާ ގުޅޭ ގޮތުން ދުންޔާ "ސަން"އަށް ވިދާޅުވީ އެއީ ވަރަށް އަނިޔާވެރި އަމަލެއް ކަމަށާއި އެފަދަ މައްސަލަތަކަށް ހައްލު ހޯދަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ކުށްކުރާ ކުދިންގެ ތެރެއިން އެ ކުރެވެނީ ކުށެއްކަން ދެނެގަނެވޭ އުމުރުގެ ކުދިންނަށް އަދަބު ނުލިބި ދިޔުމަކީ މައްސަލައެއް ކަމަށެވެ. އެހެންވެ، ގާނޫނުތައް އިސްލާހުކޮށް ގާނޫނު ތަންފީޒު ކުރާ ފަރާތްތަކުން އެގޮތަށް އަމަލުކުރަން ޖެހޭ ކަމަށް ދުންޔާ ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މި ބަދަލުތައް އަޅުގަނޑުމެން ގެންނަން އެބަ ޖެހޭ އެކަމަކު ވިސްނުންތެރިކަމާއެކީގައި، ވަގުތު ނަގައިގެން ކުރަން ޖެހޭ މަސައްކަތްތަކެއް ހުރި ކަމަށް އަޅުގަނޑު ދެކެނީ." އޭނާ ވިދާޅުވިއެވެ.
"ބައެއް ފަހަރަށް ސަރުކާރުތަކުން މިކުއްލިއަކަށް ކަމެއް ދިމާވީމައި އެންމެ ރަނގަޅަށް ނޫން ކަންނޭނގެ އަމަލުތައް ގެންދެވެނީކީ."
ކުޑަކުދިން ކުށް ކުރުން ހުއްޓުވުމަށް، މުޖުތަމައުގެ ވެސް ޒިންމާއެއް އޮތްކަން ފާހަގަކުރައްވައި ދުންޔާ ވިދާޅުވީ ވަކިން ޚާއްޞަކޮށް މައިންބަފައިގެން ޒިންމާ ބޮޑު ކަމަށެވެ. އެގޮތުން ރަނގަޅާއި ނުބަޔަކީ ކޮބައިކަން މައިންބަފައިން ކުޑަކުދިންނަށް ދަސްކޮށްގެންދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެން ކުދިންނަށް އަނިޔާކޮށް، ބުލީކޮށް އަދި ޚާއްޞަކޮށް ހިތާމަކުރަން 27 ވިލޭރޭގައި މިސްކިތެއްގައި ތަރާވީސް ނަމާދަށް އެންމެން ތިއްބައި މިކަހަލަ ކަމެއް ހިނގަމުން ދިޔައީތީވެ. އަޅުގަނޑުގެ އުއްމީދަކީ ރާއްޖޭގައި މިކަހަލަ ކަންތައްތައް ފޮހެލުން، އަޅުގަނޑުމެން ހުރިހާ އެންމެން މިކަންތައްތަކަށް އެބަ މަސައްކަތްކުރަން ޖެހޭ،" ދުންޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ކުޑަކުދިން ގްރޫމް ކުރުމާއި ބޮޑެތި މީހުން ކުޑަކުދިންނަށް އަނިޔާކުރުމާއި، އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވަން ވެސް އިތުރު މަސައްކަތްތައް ކުރަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ރަސްދޫގައި ކުޑަކުއްޖަކަށް ބުލީ ކުރާ މަންޒަރު ފެންނަ ވީޑިއޯއިން، އެ ކުއްޖާ ގައިގައި ތަޅާ އަނިޔާކޮށް ކުއްޖާގެ އަތުގައި އޮތް ފެންފުޅިއެއް ކުއްޖާގެ ބޮލަށް އޮއްސާލާ މަންޒަރު ފެނެއެވެ.
އެފަދަ މައްސަލަތައް ހުއްޓުވުމަށް މި ސަރުކާރުގެ ވިސްނުމަކީ، ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ދަށްކުރުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ރޭ ވިދާޅުވެފައެވެ.