"މަލިކާ"އިން ސްކޫލްތަކުގެ ޕީޓީއޭ ތަކަށް އެހީތެރިކަން ދެނީ

މަލިކާ ފިލްމު އިޝްތިހާރު ކުރުމަށް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓަރެއް --- ފޮޓޯ/ މަލިކާ ފޭސްބުކް ޕޭޖް

ބިންމާ އިބްރާހީމް ވަހީދުގެ ސްކްރީންޕްލޭ އަކަށް ލިލީގެ ޗެއާމަން މައްލާ ނާސިރު (މައްލާ ނާބެ) އާއި އިބްރާހިމް ރަޝީދު (މަހުރަބު އިއްބެ) ޕްރޮޑިއުސްކޮށްފައިވާ "މަލިކާ" އިން، ސްކޫލްތަކުގެެ ޕީޓީއޭ ތަކަށް އެހީވާން ހާއްސަ ޝޯތަކެއް އަޅުވަން ނިންމައިފިއެވެ.

ފިލްމުގެ މާކެޓިން ކަންކަމުގައި އެންމެ އިސްކޮށް އުޅޭ ހުސައިން ނޫރައްދީން (ނޫރޫ) ބުނީ، ސްކޫލްތަކުގެ ޕީޓީއޭ އަށް އެހީތެރިވުމުގެ ގޮތުން ޕީޓީއޭ ތަކާ ގުޅިގެން ފިލްމުގެ ޝޯ ތަކެއް ކުރިޔަށް ގެންދަން ނިންމާފައިވާކަމަށާއި ޝޯތައް ދައްކައިގެން ލިބޭ ފައިސާއިން 50 ޕަސެންޓް، ޕީޓީއޭ ތަކަށް ދޭން ނިންމާފައިވާ ކަމަށެވެ.

"މަލިކާ" އަކީ އާއިލީ މައްސަލަ ތަކެއް ދައްކުވައިދޭ، ރަނގަޅު އިބުރަތެއް ހާސިލްވާނެ ފިލްމެއް ކަމަށާއި އެކަން މުޖުތަމައު އަށް އެންމެ ބޮޑަށް ފޯރުކޮށްދެވޭނެ އެއްބަޔަކީ ޕީޓީއޭ ކަމަށް ވެސް ނޫރު ވަނީ ފާހަގަ ކޮށްފައެވެ.

އެގޮތުން ރެޔާއި، މިރޭ އަދި މަދަމާރޭ ފިލްމުގެ ޝޯތަކަށް ކޮންމެ ސްކޫލެއްގެ ޕީޓީއެއްގެ ތިން މެންބަރުން ފިލްމު ބަލާލަން ހިލޭ ވަޑައިގެންނެ ވޭނެ ކަމަށާއި ފިލްމު އެބޭފުޅުންނާ ކަމުދާ ކަމުގައި ވާނަމަ މަލިކާގެ ޓީމާއި ގުޅިވަޑައިގަތުމަށް ވެސް ނޫރު ވަނީ އެދިފައެވެ.

ފިލްމު "މަލިކާ"ގެ މަންޒަރެއްގައި ނުޒޫ އަދި އިސްމާއީލް ޒާހިރު---

"ކުރިޔަށް މި އޮތް ތިން ރޭ ކޮންމެ ސްކޫލެއްގެވެސް ޕީޓީއޭގެ ތިން ބޭފުޅަކު ހަމަ ފިލްމު ބަލާލަން އަންނަންވީ، ދެން އެބޭފުޅުންނަށް ކަމުދަންޏާ އަޅުގަނޑުމެންނާ ހަަމަ ގުޅިގެން ކުރިޔަށް ދާންވީ،" ނޫރު ބުންޏެވެ.

ނޫރު ބުނީ، މިއީ ސްކޫލްތަކުގެ ޕީޓީއޭ ތަކަށް ފަސޭހަ ގޮތަކަށް ފައިސާ ހޯދުމަށް ހުޅުވާލަދިން ދޮރެއް ކަމަށާއި ފިލްމުު ބަލާލަން އަންނަ ކޮންމެ ބޭފުޅަކުވެސް ހިތް ހަމަ ޖެހޭނެ ފިލްމްކަށް"މަލިކާ" ވެގެން ދާނެ ކަމަށެވެ.

"އަސްލު ޕީޓީއޭ އަކީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރާ ބައެއް ފަންޑްރައިޒް ކުރަން. ޖަންބަލް ސޭލް ތަކާއި ތަފާތު އެއްޗެހި ތައްޔާރުކޮށް އެ ވިއްކާ ހަދައިގެން ރުފިޔާ ހޯދަނީ. އެކަމު މި ހުޅުވާލީ ވަރަށް ފަސޭހަ ދޮރެއް. ޓިކެޓެއް ވިއްކާލައިގެން ރުފިޔާ ހޯދައިލަންވީ. އެބޭފުޅުންގެ ހައްޓައްވެސް ލުއި ގޮތެއް،" ނޫރު ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރިލީޒްކުރި "މަލިކާ" ގެ ޝޯތައް ކުރިޔަށް ހުރި އިރު ރަށްރަށުގެ ސްކޫލް ތަކުގެ ޕީޓިއޭ ތަކުންވެސް މި ފުރުސަތުގައި ބައިވެރިވެ ފަންޑްރައިޒް އިވެންޓަށް ތައްޔާރުވުން އެއީ ވަރަށް މުހިއްމު ކަމެއް ކަމަށް ނޫރު ބުންޏެވެ.

ނޫރު ބުނީ، "މަލިކާ" ގެ ފަރާތުން ކުރިޔަށް މިގެންދާ ހަރަކާތްތަކަކީ ވަރަށް ފައިދާ ކުރާނެ ހަރަކާތްތަކެއް ކަމަށާއި ފިލްމީ ދާއިރާގެ އެހެން ބޭފުޅުންވެސް އެ މަަސައްކަތް ބަލައިގަންނާނެ ކަމަށެވެ.

ފިލްމު "މަލިކާ"ގެ މަންޒަރެއްގައި ނުޒޫ ---

ފިލްމީ ދާއިރާއަށް މުޅިން އާ ތަރިއެއް ފިލްމުގެ ލީޑު ރޯލުން ފެނިގެންދާ "މަލިކާ" އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި ކާމިޔާބު ޝޯ ތަކެއް އޮލިމްޕަހުގައި ދައްކަމުންދާކަމަށް ނޫރު ބުންޏެވެ. ށ.މިލަންދޫ އަދި ހދ. ކުޅުދުއްފުށީގައި ފިލްމު އަޅުވާފައިވައިރު ކުރިޔަށް އޮތް ހަފްތާގެ ތެރޭގައި އެހެން ރަށްރަށުގައިވެސް "މަލިކާ" އަޅުވަން ދަނީ ތައްޔިރުވަމުންނެވެ.

"މަލިކާ" ރިލީޒް ކުރުމުގެ ކުރިންވެސް ވަނީ ތަފާތު ގޮތް ގޮތަށް ފިލްމު ޕްރޮމޯޓް ކުރަން ގިނަ މަަސައްކަތްތަކެއް ކޮށްފައެވެ.

comment ކޮމެންޓް