ރާއްޖެޓީވީ އިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފޮނުވި ޚަބަރަކާ ގުޅިގެން، އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން އެ ސްޓޭޝަނާއި އެ ޚަބަރު ލިޔުނު ނޫސްވެރިޔާ ޖުމްލަ 250،000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
ބްރޯޑްކާސްޓިންގް ކޮމިޝަނުން މިއަދު އަންމުކުރި، ޝަކުވާ ނިންމި ގޮތުގެ ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 19 ވަނަ ދުވަހު ތިން ގަޑިއެއްގައި ފޮނުވި، އައްޑޫ ސިޓީގެ ހިތަދޫގައި ހިނގި ރޭޕު މައްސަލައަކާ ގުޅޭ ޚަބަރެއްގައި، އެ މައްސަލާގައި ހިމެނޭ ކުއްޖާގެ އާއިލާއާ އެކު މަސައްކަތް ކުރާ ސޯޝަލް ވޯކަރެއް ކަމުގައިވާ ފަސާހަތު ހުސައިން، ރޭޕްގެ އެ މައްސަލަ އޮއްބާލަން މަސައްކަތްކޮށް، އެ މައްސަލަ ބެލުމަށް ނުފޫޒު ފޯރުވުމަށް ތުހުމަތުކޮށްފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އަދި އޭނާގެ ބަހެއް ނުހޯދައި، އޭނާގެ ފުރިހަމަ ނަން ކިޔާފައިވާތީއާއި، ފަސާހަތު ހުސައިނަކީ ގިނަ އާއިލާތަކަކާ އެކު މަސައްކަތްކުރާ ސޯޝަލް ވޯކަރަކަށް ވާތީ، އެފަދަ ވާހަކައެއްގެ ތެދު ދޮގު ނުބަލައި ރިޕޯޓުކުރުމުން އޭނާއަށާއި އޭނާގެ އާއިލާއަށް ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށް ބްރޯޑްކޮމްއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.
މި މައްސަލަ ބްރޯޑްކޮމްއިން ބަލައި، ނިންމާފައި ވަނީ އެ ޚަބަރު ރާއްޖެޓީވީ އިން ގެނެސްދީފައި ވަނީ އަބުރުގެ ގާނޫނުގެ 100 ވަނަ މާއްދާއާ ޚިލާފަށް، ފަސާހަތުގެ އަބުރުގެ ކަރަމާތަށް އުނިކަން ލިބޭ ގޮތަކަށް ކަމަށެވެ.
އެހެންކަމުން ބްރޯޑްކޮމުން ނިންމާފައި ވަނީ އަބުރުގެ ގާނޫނުގެ ހަވަނަ ބާބުގެ ދަށުން ޖޫރިމަނާކުރުމާ ބެހޭ އުސޫލުގެ 14 ވަނަ މާއްދާގެ (ށ) އަދި (ބ) އަށް ރިޢާޔަތް ކުރުމަށް ފަހު، އެ އުސޫލުގެ 10 ވަނަ މާއްދާގެ ދަށުން ރާއްޖެޓީވީ ދެލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.
މީގެ އިތުރުން އެ ޚަބަރު ތައްޔާރުކުރި ރާއްޖެޓީވީގެ ނޫސްވެރިޔާ އާލާ އިބްރާހިމް، އެ އުސޫލުގެ 10 ވަނަ މާއްދާގެ (ށ)ގެ ދަށުން ބައިލައްކަ ރުފިޔާ އިން ޖޫރިމަނާކުރުމަށް ވެސް ބްރޯޑްކޮމް އިން ނިންމާފައިވެ އެވެ.
ބްރޯޑްކޮމުން ބުނެފައި ވަނީ ރާއްޖެޓީވީއާއި ނޫސްވެރިޔާގެ ފަރާތުން އެ 250،000 ރުފިޔާ 30 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ދައްކަން ޖެހޭނެ ކަމަށެވެ.