ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެމްޑީޕީ ހަރުގެއަށް ވަދެ ބައެއް ތަކެތި ގެންގޮސްފި

07 މާޗް 2017: ފުލުހުން އެމްޑީޕީ ހަރުގެ ބަލާ ފާސް ކުރުން: ހަރުގެއަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެ، އެތަން ބަލައި ފާސްކޮށް އެތަނުގައި ހުރި ބައެއް ތަކެތި ވަނީ ގެންގޮސްފަ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެމްޑީޕީއިން ހެންވޭރު އާޓިފިޝަލް ބީޗު ކުރިމަތީގައި ހިންގާ ހަރުގެއަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެ، އެތަން ބަލައި ފާސްކޮށް އެތަނުގައި ހުރި ބައެއް ތަކެތި ގެންގޮސްފިއެވެ.

މިއަދު 5:30 ހާއިރު އެމްޑީޕީ ހަރުގެ ސަރަހައްދަށް ފުލުހުން ގޮސް އެސަރަހައްދުގައި ޓޭޕު ދަމައި، ވަނީ ކޯޑަން ކޮށްފައެވެ. އަދި ހ. ވެޔޮވިލާ 2 ގޭގައި ހަދާފައި ހުރި ހަރުގެއަށް ފުލުހުން ވަނީ ވަދެ، އެތަން ބަލައި ފާސްކޮށްފައެވެ.

ހަރުގެއަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެ، އެތަން ބަލައި ފާސްކޮށް އެތަނުގައި ހުރި ބައެއް ތަކެތި ވަނީ ގެންގޮސްފަ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފުލުހުން ގެނައި ކޯޓު އަމުރުގައި ބުނެފައިވަނީ، އެތަން ބަލައި ފާސްކުރަން ބޭނުންވަނީ ބޭރު ގައުމުތަކުގެ އެކި ވެރީންނާއި އިއްޒަތްތެރީން ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާތީ، އެގައުމުތަކުގެ ސިޔާދަތާއި، ޒިޔާރަތްކުރާ އިއްޒަތްތެރީންގެ ޝަރަފާއި ގަދަރަށް އުނިކަން ލިބޭފަދަ އަމަލުތަކެއް ހިންގުމަށް ރާވާ ކަމަށް ތުހުމަތުކުރެވޭތީ ކަމަށެވެ. އަދި އެ މައްސަލައިގައި ހަރުގޭގައި ހަދަމުން ދިޔަ ބެނާތަކާއި އެއާ ގުޅުންހުރި އެންމެހާ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ބޭނުންވާ ކަމަށް ކޯޓު އަމުރުގައި ވެއެވެ.

ފުލުހުން ވަނީ ހަރުގެ ބަލައި ފާސްކުރުމަށްފަހު، އެތަނުގައި ހުރި ބައެއް ތަކެތި އަޅާފައިވާ ހަތަރު ކަރުދާސް ކޮތަޅާއި، 19 ރޯލުގެ ރީނދޫ ފޮތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ އިތުރުން އެމްޑީޕީ ހަރުގޭގައި ތައްޔާރުކޮށްފައިވާ ގިނަ އަދަދެއްގެ ބެނާތަކެއްވެސް ފުލުހުން ވަނީ ގެންގޮސްފައެވެ.

ފުލުހުން އެމްޑީޕީ ހަރުގެ ބަލާ ފާސް ކުރުން: ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފުލުހުން އެމްޑީޕީގެ ހަރުގެ ބަލައި ފާސްކުރީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލްސައްތާރާއި، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ ވެސް ހާޒިރުގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން އެމްޑީޕީ ހަރުގެ ހިންގާ ތަނަށް ފުލުހުން ވަދެ، ހަރަކާތްތެރިވެފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދު މިމަހުގެ ތެރޭގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ އިރު، ސައުދީ ސަރުކާރުން ވަނީ ފ. އަތޮޅުގައި ތަރައްގީގެ ބޮޑު މަޝްރޫއެއް ހިންގުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެމަޝްރޫއުގެ ތަފްސީލުތައް ފަހުން ހާމަކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް އިދިކޮޅު އެމްޑީޕީއާއި އެހެނިހެން އިދިކޮޅު ފަރާތްތަކުން ދަނީ އެ މަޝްރޫއާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

comment ކޮމެންޓް