މައްޔިތުން އުފުލާ ފެރީ މަރާމާތު ކުރުމަށްފަހު އަލުން ޚިދުމަތް ދޭން ފަށައިފި

އެމްޓީސީސީގެ ފެރީއެއް: --- ސަން ފައިލް ފޮޓޯ

މާލެއާއި ވިލިގިލީގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލުމަށް ގެންދަން ބޭނުން ކުރާ ފެރީގައި ދިމާވި މައްސަލަ ހައްލުކޮށް އަލުން އެ ފެރީގެ ޚިދުމަތް ދޭން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު، މުހައްމަދު އަހުސަން "ސަން" އަށް ވިދާޅުވީ، އެ ފެރީގެ މަރާމާތަށް ތިލަފުއްޓަށް ގެންގޮސް، ކުރަން ޖެހޭ މަރާމާތުކުރުމަށްފަހު މިހާރު އެ ފެރީގެ ޚިދުމަތް އަލުން ދޭން ފަށާފައިވާ ކަމަށެވެ. އެމްޓީސީސީއާ ހަވާލާދީ އޭނާ ވިދާޅުވި ގޮތުގައި ފެރީގައި ދިމާވީ ކަރަންޓުގެ މައްސަލައެކެވެ.

"އެ މައްސަލަ ހައްލު ކުރަން ތިލަ ފުއްޓަށް ފެރީ ގެންދިޔައީ މިދިޔަ ހުކުރު ދުވަހު. މިހާރު މިއަދުން ފެށިގެން ފެރީގައި މައްޔިތުން އުފަލަން މިވަނީ ފަށާފަ،" އަހުސަން ވިދާޅުވިއެވެ.

އެ ފެރީއަކީ 40 މީހުންގެ ޖާގައިގެ ފެރީއެކެވެ. އެ ފެރީގައި މައްސަލަ ޖެހުމާ ގުޅިގެން ހުކުރު ދުވަހުން ފެށިގެން މިއަދާ ހަމައަށް މައްޔިތުން ހުޅުމާލެއަށް ގެންދަން ބޭނުން ކުރީ ހުޅުމާލެއާއި މާލެއާ ދެމެދު ސައިކަލް ގެންދަން ހާއްސަކޮށްފައި އޮންނަ ފެރީ އެވެ.

މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލެއަށް ގެންގޮސް ވަޅުލާން އަލުން ފެށީ މިދިޔަ މަހު އެވެ.

comment ކޮމެންޓް