ސްޓެލްކޯ އިން 14 ބުރީގެ އިމާރާތެެއް އަޅަން ބީލަމަށް ހުޅުވާލައިފި

ސްޓެލްކޯ ހިންގާ އިމާރާތް: 14 ބުރީގެ އިމާރާތެއް އަޅައިދޭނެ ފަރާތެއް ހޯދަން ވަނީ ބީލަމަށް ލާފައި --- ސަން ފައިލް ފޮޓޯ

ސަރުކާރުގެ މައި ކަރަންޓު ކުންފުނި، ސްޓެލްކޯ އިން 14 ބުރީ އިމާރާތެއް އަޅަން ބީލަމަށް ހުޅުވާލައިފި އެވެ.

އެ ފުރުސަތު ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް ހުޅުވާލައި މިހާރު ވަނީ ގެޒެޓްގައި ޝާއިއުކޮށްފަ އެވެ.

ބީލަން ޑޮކިއުމެންޓް ގަންނަ ފަރާތްތަކަށް އެކަނި ކުރިމަތިލެވޭ އެ ބީލަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 12 އިން 22 ނިޔަލަށް ބިޑް ޑޮކިއުމަންޓް ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ބިޑް ޑޮކިއުމެންޓް ވިއްކަނީ 200 އެމެރިކާ ޑޮލަރަށެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް ފަހު މައުލޫމާތު ސާފު ކުރުން އޮންނާނީ މި މަހުގެ 23 ވަނަ ދުވަހު 10:00 ޖަހާއިރު ކަމަށް ސްޓެލްކޯ އިން ގެޒެޓްގައި ޝާއިއުކޮށްފައިވާ އިއުލާނުގައިވެ އެވެ.

އެ އިއުލާނުގައިވާ ގޮތުން ބީލަން ހުށަހަޅަން ޖެހެނީ އަންނަ މަހުގެ ތިން ވަނަ ދުވަހު 10:00 ގަ އެވެ. ސާދަ ފަންގިފިލާ އަށް ހަދާ އެ އިމާރާތުގެ މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 300،000 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށް އިއުލާނުގައިވެ އެވެ. ރުފިޔާ ހުށަހަޅަންޖެހެނީ ބޭންކް ގެރެންޓީ ސިޓީ ނުވަތަ ބޭންކް ޑްރާފްޓް ނުވަތަ ބޭންކް ގެރެންޓީ ދީފައިވާ ޗެކަކުންނެވެ.

ސްޓެލްކޯގެ 14 ބުރީގެ އިމާރާތް އަޅަނީ ސްޓެލްކޯގެ މައި އިމާރާތުގެ ގޮތުގައި މިހާރު ބޭނުން ކުރަމުން އަންނަ ހަ ބުރީގެ އިމާރާތް ވެސް ހުރީ ގޯތީގެ ތެރޭގަ އެވެ.

އެ އިމާރާތާ ބެހޭ އެހެން ތަފުސީލްތައް އަދި އެ ކުންފުނިން ހާމަކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް