ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެ ޕާޓީގެ ފަރާތުން އިންތިހާބުތަކުގައި ވާދަކުރާ އަންހެން ކެންޑިޑޭޓުންގެ ކެމްޕޭނަށް ފައިސާގެ އެހީ ފޯރުކޮށްދޭން ނިންމައިފި އެވެ.
އެމްޑީޕީން ބުނީ ސިޔާސީ އަދި ދައުލަތުގެ އިސް މަގާމުތަކުގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު މަދުކަމަށާއި، އެފަދަ މަގާމުތަކުގައި އަންހެނުންގެ ހިއްސާ އިތުރު ކުރުމަކީ އެފަދަ އެހީއެއްދޭން ނިންމި މައިގަނޑު ސަބަބު ކަމަށެވެ.
އެމްޑީޕީން ބުނީ އަންހެނުންނަށް އިންތިހާބުތަކުގައި ބައިވެރިވުމަށް ތަފާތު ގޮންޖެހުންތައް ހުރިކަމަށާއި، އެހެން ކަމުން އެފަދަ އެހީއެއްދޭން ނިންމީ ކަމަށެވެ.
އެގޮތުން ކެމްޕޭނުތަކުގައި ވާދަކުރުމަށް ބޭނުންވާ މާލީ ފޯރުންތެރިކަން ނެތުމަކީ އިންތިހާބީ މަގާމުތަކުގައި އަންހެނުންނަށް ވާދަކުރުމަށް ކުރިމަތިވާ ގޮންޖެހުމެއް ކަމަށާއި، ކެމްޕޭނަށް ފައިސާގެ އެހީ ފޯރުކޮށްދިނުމުން ސިޔާސީ މައިދާނުގައި މަސައްކަތް ކުރުމުގެ އިތުރު ފުރުސަތުތަކެއް އަންހެނުންނަށް ހުޅުވިގެން ދާނެ ކަމަށް އުއްމީދު ކުރާ ކަމަށް އެމްޑީޕީން ބުނެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، އެމްޑީޕީގައި ހަމަހަމަ ފުރުސަތުތައް އުފައްދައި، ޕާޓީ ހިންގުން އިތުރަށް ވަރުގަދަ ކުރުމަށް އަންހެނުންގެ ދައުރު ކަށަވަކޮށްދިނުމައި އެޕާޓީން ދެމިތިބޭނެ ކަމަށެވެ.
އެޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސް ސިފާ މުހައްމަދު ވިދާޅުވީ، ކެމްޕޭނުތަކާއި ޕާޓީގެ ހަރަކާތްތައް ރޭވުމުގައި އަންހެނުންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އެހެން ކަމުން އިންތިހާބުތަކުގައި ބައިވެރިވުމާއި ގައުމު ބައްޓަން ކުރުމުގައި އަންހެނުން އިތުރު ކުރަން ޖެހޭ ކަމަށެވެ.
އެމްޑީޕީގެ އިންތިހާބުތަކުގައި ވާދަކުރާ އަންހެންގެ ކެމްޕޭނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްޑީޕީން ނިންމާފައިވާ އިރު، ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްއިން އިއްޔެ ވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ފައިސާގެ އެހީ ދޭން ނިންމައިފަ އެވެ.