ޕީޕީއެމް ޓިކެޓްގައި ކައުންސިލަށް ވާދަކުރާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެނީ

ޕީޕީއެމްގެ ކައުންސިލްގެ ކުއްލި ބައްދަލުވުން ނިންމާލުމަށްފަހު އާރިފް މީޑިއާއަށް މައުލޫމާތު ދެނީ --- ސަން ފޮޓޯ: މުއާވިއަތު އަންވަރު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ޓިކެޓް ދިން ފަރާތްތަކަށް އެ ޕާޓީން މާލީ އެހީތެރިކަން ދޭން ނިންމައިފިއެވެ.

ޕީޕީއެމްއިން އެ ގޮތަށް ނިންމީ މިއަދު މެންދުރު އެ ޕާޓީގެ އޮފީހުގައި ބޭއްވި ކައުންސިލްގެ ކުއްލި ބައްދަލުވުމެއްގައެވެ.

އެ ބައްދަލުވުން ނިންމާލުމަށްފަހު މީޑިއާއާ ވާހަކަ ދައްކަމުން ޕީޕީއެމްގެ ތަރުޖަމާނު އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ، ކައުންސިލް ބައްދަލުވުމުގައި މެމްބަރުންގެ އިއްތިފާގުން ވަނީ ކެނޑިޑޭޓުންނަށް މާލީ އެހީތެރިކަން ދޭން ނިންމާފައި ކަމަށާއި ކަނޑައެޅިފައިވާ ވަކި އުސޫލެއްގެ ދަށުން ފައިސާ ދޫކުރަމުން ދާނެ ކަމަށެވެ.

"ކައުންސިލުން މި ނިންމީ ކެނޑިޑޭޓުންނަށް ޕޯސްޓަރުތައް ހަދައިދިނުމާއި އެހެނިހެން ހަރަކާތްތަކަށް މާލީ ގޮތުން ކޮންމެ ވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް. އޭގެ ތެރޭގައި ރަށު ކައުންސިލާއި އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލަށް ދޭނެ އަދަދުތަކެއް ވާނީ ކަނޑައަޅާފައި،" އާރިފު ވިދާޅުވިއެވެ.

މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ކެނޑިޑޭޓުންނަށް ދޭނެ ފައިސާގެ ތަފްސީލެއް ޕީޕީއެމްއިން ހިއްސާކޮށްފައިނުވި ނަމަވެސް އާރިފް ވިދާޅުވީ، އެއީ އެ ޕާޓީން އަލަށް ކުރާ ކަމެއް ނޫން ކަމަށާއި މިދިޔަ އިންތިހާބުތަކުގައި ވެސް ކެމްޕޭނުގެ ހަރަކާތްތަކަށް ވާނީ މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ.

އަންނަ މަހު 15 ވަނަ ދުވަހު މުޅި ރާއްޖޭގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްއިން ވާދަކުރަނީ އެމްޑީއޭ އާއި ޑީއާރުޕީއާ އެކު ކޯލިޝަނެއް ހަދައިގެންނެވެ.

comment ކޮމެންޓް