ފަސް ރަށެއްގައި އެއާޕޯޓް އަޅަން މެލޭޝިޔާގެ ކުންފުންޏަކާ ހަވާލުކޮށްފި

ފަސް ރަށުގައި އެއާޕޯޓް އެޅުމަށް ހަވާލުކުރުން-- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ހދ. ކުޅުދުއްފުޓާއި ފ. ނިލަންދުއާއި ގދ. މާވަރުލު އާއި ފަރެސްމާތޮޑާ އާއި ށ.ފުނަދޫގައި އެއާޕޯޓް އެޅުމުގެ މަސައްކަތް މެލޭޝިޔާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ހަފްލާއެއްގައި ސަރުކާރުގެ ފަރާތުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެއެއްބަސްވުމުގައި ސޮއިކުރެއްވި އިރު މެލޭޝިއާގެ ގުރައިފޯން އެނާޖީ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޯޕަރޭޓް އޮފިސާ ޑީކް ކުއިންޓެންނެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވީ އެ ފަސް އެއާޕޯޓް އަންނަ އަހަރުގެ އޮކްޓޫބަރު މަހު ހުޅުވޭނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ނޫސްވެރިންނަށް މައުލޫމާތު ދިނުން-- ސަން ފޮޓޯ: މުހައްމަދު އަފްރާހް

މިނިސްޓަރު ޒަމީރު ވިދާޅުވީ އެ ޕްރޮޖެކްޓްއަކީ 57.5 މިލިއަން ޑޮލަރު (886.65 މިލިއަން ރުފިޔާ)ގެ ޕުރޮޖެކްޓެއް ކަމަށެވެ.

އެ މަޝްރޫގެ ދަށުން އެންމެ ބޮޑު ޗެލެންޖަކަށް ވާނީ ކުޅުދުއްފުށީ އެއާޕޯޓް ކަމަށާއި އެއީ އެ ރަށު ކުޅި ހިއްކައިގެން އެއާޕޯޓް އަޅަންޖެހޭތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނިލަންދުއާއި ފަރެސްމާތޮޑާ ހިއްކައިގެން އެއާޕޯޓް އެޅުމަށް ނިންމާފައިވާ އިރު މާވާރުލު އެއާޕޯޓް މިއަހަރު ހުޅުވޭވަރު ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ބައެއް އެއާޕޯޓްތަކުގެ އެންވައިރޮމެންޓް އެސެސްމަންޓްތައް މިހާރު ހަދާފައިވާ އިރު އެހެން އެއާޕޯޓްތަކުގެ އެސެސްމަންޓްތައް މަސައްކަތާ އެކު ހެދެމުންދާނެ، ..މިއީ ރާއްޖޭގެ ޓްރާންސްޕޯޓް ސިސްޓަމް ރަނގަޅުކުރުމަށް ހިންގާ މަޝްރޫގެ ދަށުން މަޝްރޫއެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އެނާޖީ ކޯޕަރޭޝަންގެ ޗީފް ކޯޕަރޭޓް އޮފިސާ ޑީކް ކުއިންޓެން ވިދާޅުވީ ޕުރޮޖެކްޓް ހިންގުމަށް ދިވެހި ސަރުކާރުގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށެވެ.

މިއަދު ހަވާލުކުރި ފަސް އެއާޕޯޓުގެ ތެރެއިން ކުޅުދުއްފުށީ އެއާޕޯޓާއި ފުނަދޫ އަދި މާވާރުލު އެއާޕޯޓަކީ ގިނަ ދުވަސްތަކެއް ވަންދެން އިއުލާންކޮށް މިހާތަނަށް ނުހެދި ހުރި އެއާޕޯޓްތަކެވެ.

comment ކޮމެންޓް