ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން އަލަށް ގާއިމުކުރެވުނު ރަންވޭ ބޭނުންކުރަން ފަށައިފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)އިން އިއްޔެ ބުނެފިއެވެ.
އެ ކުންފުނިން ބުނީ ހަނިމާދޫ އެއާޕޯޓުގައި ތަރައްގީކުރަމުން އަންނަ ރަންވޭގެ 1200 މީޓަރު ނިންމައި އެބައި ރަސްމީކޮށް ހުޅުވައިފައިވާ ކަމަށެވެ.
އާ ރަންވޭ ބޭނުންކުރަން ފެށުމުގެ ގޮތުން އެ ތަނަށް ޖެއްސި ފުރަތަމަ ފްލައިޓުގައި އާރްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީންއާއި އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވަނީ ހަނިމާދުއަށް ވަޑައިގެންފައެވެ.
އާރްސީއެލްއިން ބުނީ ދިގުމިނުގައި 2.46 ކިލޯމީޓަރު ހުންނަ އާ ރަންވޭގެ މަސައްކަތް އަންނަ މާޗު މަސް ނިމުމުގެ ކުރިން އެއްކޮށް ނިންމައި، ރޭގަނޑުގެ ދަތުރުތަކާ އެކުގައި ބޭނުންކުރަން ފެށޭނެ ކަމަށެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫއު ހަވާލުކުރީ 136.6 މިލިއަން އެމެރިކާ ޑޮލަރަށް އިންޑިއާގެ ޖީއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ. ޖޭއެމްސީ ޕްރޮޖެކްޓްސްއަކީ އިމާރާތް ކުރުމުގެ ދާއިރާއާއި ހަކަތައިގެ ދާއިރާގެ މަޝްރޫއުތައް ހިންގާ އިންޑިއާގެ ކުންފުންޏެކެވެ.
އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ގައި ސޮއި ކުރެވުނު ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތްކުރެވޭނެއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ފެށި މަޝްރޫއެކެވެ.