ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ އޭޕްރަންގެ މަސައްކަތް ނިމި، ބޭނުންކުރަން ފަށާފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)އިން މިއަދު ބުނެފިއެވެ.
މީގެ ކުރިން ބޭނުންކުރި ރަންވޭ ބަންދުކޮށް އާ އޭޕްރަން ބޭނުންކުރަން ފަށާފައިވަނީ އިއްޔެ ޖެއްސި މޯލްޑިވިއަންގެ ފްލައިޓަކާ އެކުގައެވެ.
އެ އޭޕްރަންއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އާރްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން "ސަން"އަށް ވިދާޅުވީ، މި އޭޕްރަންއަކީ ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރޭގައި ނުހިމެނޭ ބައެއް ކަމަށެވެ.
އެގޮތުން މުބީން ވިދާޅުވީ މި އޭޕްރަންއަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުފުޅުގެ ދަށުން ކުންފުނީގެ އާމްދަނީ އިތުރުކުރުމަށް ކުރި މަސައްކަތެއް ކަމަށެވެ.

ހަނިމާދޫ އެއާޕޯޓުގެ އާ އޭޕްރަން ބޭނުންކުރަން ފެށުން ---- ފޮޓޯ/އާރްސީއެލް
ބޮޑު މިނުގައި 42،000 އަކަފޫޓު ހުންނަ މި އޭޕްރަންގެ މަސައްކަތް އަވަސް މުއްދަތެއްގައި ނިންމީ އެއާޕޯޓަށް އަންނަ ބޯޓުތައް ވަގުތީ ގޮތުން ޕާކު ކުރުމަށް ކަމަށް މުބީން ވިދާޅުވިއެވެ.
"އަލަށް ހަދާ ރަންވޭގެ ފުރަތަމަ ބައި ހުޅުވާއިރުގައި ވަގުތީ ގޮތުން މި އަންނަ ބޯޓުތައް ޕާކުކޮށް ބާއްވާ ހަދަން ބޭނުންކުރަންށާ އެއްކޮށް މި ތަން މި ހެދީ. އެކަމަކު މިއީ ލޯންގްޓާމްގައި އަޅުގަނޑުމެން ޖެޓު ޕާކު ކުރުމަށް ބޭނުންކުރާނެ ތަނެއް،" މުބީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަލަށް ހުޅުވި އޭޕްރަންގައި އެއްފަހަރާ 7-6 ވަރަށް ޖެޓު ޕާކު ކުރެވޭނެ ކަމަށެވެ.
ޖެޓު ޕާކުކުރާ ތަން އިތުރުވުމުން ކުންފުންޏަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށާއި ވިޔަފާރީގެ ބޭނުންތަކަށްވެސް މި އޭޕްރަން ބޭނުންކުރާނެ ކަމަށް މުބީން ފަހާގަކުރެއްވިއެވެ.

ހަނިމާދޫ އެއާޕޯޓުގެ އާ އޭޕްރަން ބޭނުންކުރަން ފެށުން --- ފޮޓޯ/އާރްސީއެލް
މީގެއިތުރުން، އެ އޭޕަރްންގެ މަސައްކަތް ކޮށްފައިވަނީ އައިސޮލޭޝަން ބޭއެއް ހިމަނައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އައިސޮލޭޝަން ބޭއެއް ކުރިން ކުރަހާފަ އިން އިރަކު ނެތް. ރައީސް ޑރ. މުޙައްމަދު މުއިއްޒު އަޅުގަނޑަށް ދެއްވާފައި ހުރި އިންސްޓްރަކްޝަންއަކީ މި ގޮތަށް ހުރި މުހިންމު ކަންތައް އިތުރަށް ހިމަނަން،" މުބީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ އެއާޕޯޓުން އަލުން އިންޓަނޭޝަލް ދަތުރުތައް އަންނަ އޭޕްރީލް މަހުގެ 12ގައި ފެށޭނެ ކަމަށެވެ. އަދި އެކަމުގެ ތައްޔާރީތައް މޯލްޑިވިއަނުން ވަމުން އަންނަ ކަމަށް މުބީން ފާހަގަކުރެއްވިއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ހަވާލުކުރީ 136.6 މިލިއަން އެމެރިކާ ޑޮލަރަށް އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ. ޖޭއެމްސީ ޕްރޮޖެކްޓްސްއަކީ އިމާރާތް ކުރުމުގެ ދާއިރާއާއި ހަކަތައިގެ ދާއިރާގެ މަޝްރޫއުތައް ހިންގާ އިންޑިއާގެ ކުންފުންޏެކެވެ.
އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ގައި ސޮއި ކުރި ކްރެޑިޓް ލައިނުން ހިންގާ އެ މަޝްރޫއުގައި، ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތްކުރުން ހިމަނާފައިވެއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ފެށި މަޝްރޫއެކެވެ.