ޗައިނާގެ ދިފާއީ ބަޖެޓް ބޮޑުކޮށްފި

ޗައިނާގެ އަސްކަރީ ސިފައިން

ބެއިޖިންގް (މާޗް 6) : ޗައިނާގެ ދިފާއީ ބަޖެޓް ބޮޑުކޮށްފި އެވެ. ޗައިނާގެ ދިފާއީ ވުޒާރާއާ ހަވާލާދީ އެގައުމުގެ ރަސްމީ މީޑިޔާ ބުނާގޮތުން ދިފާއީ ބަޖެޓް ބޮޑުކުރީ 7 އިންސައްތައަށެވެ.

މި ބޮޑުކުރުމާއެކު ޗައިނާގެ މިހާރުގެ ދިފާއީ ބަޖެޓަކީ 151.43 ބިލިޔަން އެމެރިކާ ޑޮލަރެވެ. ޗައިނާގެ ދިފާއީ ބަޖެޓަކީ ދުނިޔޭގެ ބޮޑެތި ބާރުތަކުން (ޚާއްސަކޮށް އެމެރިކާ) އިން ވަރަށް ސީރިޔަސްކޮށް ބަލައި ދިރާސާކުރަމުންގެންދާ ބަޖެޓެކެވެ. މިގޮތުން ޗައިނާގެ ދިފާޢީ ބަޖެޓަށް އިތުރުކުރާ މިންވަރަކީ މިގައުމުތަކުން ވަރަށް ކަންބޮޑުވެ އެކަމާމެދު ވާހަކަތައް ދައްކަމުން ގެންދާ މައްސަލައެކެވެ.

ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ޗައިނާ، އެގައުމުގެ ދިފާއީ ބަޖެޓް އިތުރުކުރަމުން ގެންދަނީ މަޑުމަޑުންނެވެ. ކޮންމެއަހަރަކު ވެސް ވަކި އިންސައްތައެއް ޗައިނާ ސަރުކާރުން އެގައުމުގެ ދިފާއީ ބަޖެޓަށް އިތުރުކުރަމުން ގެންދެ އެވެ. ޗައިނާގެ ދިފާއީ ބަޖެޓަށް އެންމެ ބޮޑަށް ލޯއަޅަމުންގެންދާ ގައުމު ކަމަށްވާ އެމެރިކާ ތުހުމަތުކުރާ ގޮތުގައި ޗައިނާގެ ހަގީގީ ދިފާއީ ބަޖެޓް، އެގައުމުން އިއްލާންކުރާ ދިފާއީ ބަޖެޓްގެ މިންވަރަށްވުރެ މާބޮޑުވާނެ އެވެ.

ޗައިނާ އުފައްދާ ބައެއް ހަތިޔާރު

ޗައިނާ ސިފައިންގެ ލަޝްކަރުތަކަށް ހޯދާ ހަތިޔާރާއި އެލަޝްކަރުތަކުގެ ފެންވަރު ރަނގަނޅުކޮށް އަސްކަރީ އޮނިގަނޑާއި ކޮމާންޑް ސެންޓަރުތައް އިސްލާހުކޮށް ދިފާއީ އިންފްރާސްޓްރަކްޗަރ ބިނާކުރުމަށް ޗައިނާ ހޭދަކުރާ މިންވަރު ގާތްގަނޑަކަށް 300 ވަރަކަށް ބިލިޔަން ޑޮލަރަށް އަރާނެކަމަށް އެމެރިކާ ބުނެ އެވެ.

އަސްކަރީ ރިޕޯޓްތައް ބުނާގޮތުން ޗައިނާގެ ދިފާއީ ބަޖެޓް އިތުރުކުރަމުން ގެންދަނީ އެގައުމުގެ އިގްތިސާދު ފުޅާވަމުންދާ މިންވަރަށް ބަލައިގެންނެވެ. ޗައިނާގެ އިގްތިސާދީ ކުރިއެރުން އަހަރުން އަހަރަށް އިތުރުވަމުންދާ އިރު ދިފާއީ ބަޖެޓް ވެސް އިތުރުކުރަމުން ގެންދަނީ މިއިގްތިސާދީ ކުރިއެރުންތަކާ ގުޅުވައިގެންނެވެ. ޗައިނާގެ ދިފާއީ ބަޖެޓްގެ ބޮޑުބައެއް ހޭދަކުރަނީ އެގައުމުގެ ބިޔަ ލަޝްކަރުތައް ޒަމާނީ ފެންވަރަށް ބައްޓަންކޮށް އިސްލާޙް ކުރުމުގެ މަސައްކަތަށެވެ.

ޗައިނާ ބުނާގޮތުން އެގައުމުގެ ދިފާއީ ރޭވުންތައް މައިގަނޑު ގޮތެއްގައި ބައްޓަންކުރަނީ އެގައުމުގެ އަދަދު ބޮޑު ބިޔަ ލަޝްކަރުތަކުގެ އަދަދު ކުޑަކޮށް ބައު ހަތިޔާރުތަކުގެ ބަދަލުގައި ޒަމާނީ ހަތިޔާރަށް އެލަޝްކަރުތައް އަހުލުވެރި ކުރުވުމަށާއި މިކަމަށް ބޭނުންވާ ޒަމާނީ ތަމްރީންތައް ސިފައިންނަށް ދިނުމަށެވެ. ގާބިލްކަންކުޑަ ބިޔަލަޝްކަރެއްގެ ބަދަލުގައި ހުނަރުވެރި އަސްކަރީ ފަންނީ ގާބިލްކަން ލިބިފައިވާ ޒަމާނީ ކުޑަލަޝްކަރެއް އޮތުމުން ޚަރަދު ކުޑަވާނެކަމަށް ޗައިނާ ދެކެ އެވެ.

ޗައިނާގެ އަންހެން ސިފައިން

އެމެރިކާއަކީ ޗައިނާ އާ ދާދިއެއްވަރުގެ އިގްތިސާދެއް އޮންނަ ގައުމަކަށްވިޔަސް އެމެރިކާގެ ދިފާއީ ބަޖެޓަކީ ގާތްގަނޑަކަށް 600 ބިލިޔަން ޑޮލަރެވެ. މިއީ ޗައިނާގެ އަސްކަރީ ބަޖެޓަށްވުރެ ހަތަރުގުނަ ބޮޑު ބަޖެޓެކެވެ. މިއާއެކު ވެސް ޗައިނާގެ ދިފާއީ ބަޖެޓް ބޮޑުކުރާތީ ކަންބޮޑުވާކަން ހާމަކުރަނީ އެމެރިކާއިންނެވެ.

ޗައިނާ އިގްތިސާދީ ގޮތުން އެމެރިކާގެ މައްޗަށް ކުރި ހޯދީ އެމެރިކާ، ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އިރާގާއި އަފްޣާނިސްތާން ފަދަ ބައެއް އިސްލާމީ ގައުމުތަކަށް އަރައިގަނެ ކުރަމުންގެންދިޔަ ހަނގުރާމަތަކުގެ ތެރޭގައި އެމެރިކާގެ އިގްތިސާދު ތާށިވެފައިވަނިކޮށް އެކަމުގެ އެޑްވާންޓޭޖް ނަގައިގެންނެވެ.

އެމެރިކާ ގެންގުޅޭ ހަނގުރާމައާއި ތަޅާފޮޅުމުގެ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ އިގްތިސާދީ ކުރިއެރުން 2001 ވަނަ އަހަރުން ފެށިގެން އަހަރަކު ހަތަރެއް އިންސައްތައަށް ދަށްވެފައިވާ އިރު ފާއިތުވި ފަނަރަވަރަކަށް އަހަރު ތެރޭގައި ޗައިނާ ގެ އިގްތިސާދު ކުރިއަރާފައިވަނީ އަހަރަކު ހަތެއް އިންސައްތައާއި އަށެއް އިންސައްތައާ ދެމެދުގެ މިންވަރެއްގަ އެވެ. އެމެރިކާގެ އިގްތިސާދީ ދުވެލި މިދިޔަ އަހަރު ވެސް ވަނީ 4 އިންސައްތައަށްވުރެ ދަށުގަ އެވެ.

އެހެންކަމުން އިގްތިސާދީ މިދުވެލީގައި އަސްކަރީ ބަޖެޓް މިހާރު ކަނޑައަޅާފައިވާ ފެންވަރުގައި ގެންދަން އެމެރިކާ އުޅެފިނަމަ އެމެރިކާގެ އިގްތިސާދު މުސްތަގްބަލްގައި މިހާރަށްވުރެ ބޮޑަށް ބަލިކަށިވެ މިހާރު ކުރަމުންގެންދާ އަސްކަރީ ޚަރަދުތައް ކުރަން އެމެރިކާއަށް ދަތިވެގެންދާނެ އެވެ. މިއާޚިލާފަށް ޗައިނާގެ އިގްތިސާދީ ދުވެލި ބާރުވެފައި އަސްކަރީ ބަޖެޓް ކުޑަކަމުން ޗައިނާއަށް މިމައްސަލަ ކުރިމަތިނުވާނެ ކަމަށް އަސްކަރީ ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް