އިންޓަރސްކޫލް ވޮލީ މުބާރާތަށް ބޮޑު ތަރުހީބެއް، ނަމަވެސް ކަންބޮޑުވުންތަކެއް އެބަހުރި!

އިންޓަރސްކޫލު ކޮލެޖް އަދި ޔުނިވާސިޓީ ވޮލީބޯޅަ މުބާރާތެއްގެ ތެރެއިން: މިއަހަރުގެ މުބާރާތް މިއަދު ފަށާނެ--- ފައިލް ފޮޓޯ/ ވީއޭއެމް

މިއަދު އިންޓަރސްކޫލު ކޮލެޖް އަދި ޔުނިވާސިޓީ ވޮލީ މުބަރާތް ފަށާއިރު ދަރިވަރުންނާއި ސްކޫލުތަކުންވަނީ މި މުބަރާތަށް އެމީހުންގެ ފެންވަރުން ތައްޔާރުވެފައެވެ. ވަރަށް ހާލުން ނަމަވެސް ކޯޗުންނާއި ޓްރޭނަރުން ހޯދައިގެން ވަރަށް ފޯރީގައި މުބާރާތަށް ވަނީ ތައްޔާރުވެފައެވެ. ނަމަވެސް މި ކުދީން މި ފަދަ މުބާރާތަކާ ކުރިމަތިލާއިރު ދިމާވެފައިވާ ގޮންޖެހުންތައް ބައިވަރެވެ. ފަރިތަ ކޮށްލާނެ ބޯޅަ ނެތިގެން ބައެއް ސްކޫލްތަކުން އެންމެ ބޯޅައަކުން ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވާއިރު އެ ސްކޫލުތަކުން ބުނާ ގޮތުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ވީ ފަރިތަ ކޮށްލާނެ ކޯޓެއް ހޯދުމެވެ.

ސަން ސްޕޯޓްސްއާ ވާހަކަދެއްކި، މާލޭ ސްކޫލެއްގެ ސީނިއާރ ސްޕޯޓްސް ސުޕަވައިޒަރަކު ވިދާޅުވީ، މުބާރާތަށް މުޅި ސްކޫލުވެސް ވަރަށް ބޮޑަށް ތައްޔާރުވެފައި ވާކަމަށާއި ނަމަވެސް މިހާހިސާބަށް ޓީމު ގެނެވުނީ ގިނަ ގޮންޖެހުންތަކަކާ އެކު ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް ދިމާވީ ފަރިތަ ކޮށްލާނެ ކޯޓެއް ނެތުން ކަމަށް ސުޕަވައިޒަރު ވިދާޅުވިއެވެ.

" މޭރީ ބްރައުން ކައިރީ އޮންނަ ކޯޓު ގިނަ ސްކޫލުތަކާއި ކޮލެޖްތަކުން މި ބޭނުން ކުރަންޖެހެނީ. ކުދިންގެ ޓީއުޝަނާ ކިޔެވުން އޮންނަ ގޮތަށް ބަލާފައި ޕްރެކްޓިސް ރާވަނީ، އެހެންނަމަވެސް އެގަޑިއަކަށް ކޯޓެއް ނުލިބޭ. ދެން ތަންކޮޅެއްގަ މި ފަރިތަކުރުންތައް ކުރިއަށްގެންދަން ޖެހެނީ،" ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ވާހަކަދައްކަމުން ސުޕަވައިޒަރު ވިދާޅުވިއެވެ.

ސްކޫލުތަކުން ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިންފެށިގެން މޭރީ ބްރައުން ސަރަހައްދުގައި ފަރިތަކުރުންތައް ކުރިއަށް ގެންދާ އިރު މުޅި ސަރަހައްދު އޮންނަނީ ތޮއްޖެހިފައެވެ. ސްކޫލުތަކުގެ ބައެއް ބެލެނިވެރީން ބުނީ އުންމީދުތަކާ އެކު އެމީހުންގެ ދަރީން، ބޮޑެތި ހަރަދުކޮށްގެން ކުޅެން ފޮނުވާއިރު ކުޅޭނެ ބޯޅަ ނެތުމާއި ކުޅޭނެ ކޯޓެއް ނެތުމަކީ ހިތާމަކުރާކަމެއް ކަމަށެވެ.

" މުބާރާތް ކުރިއަށް މިދަނީ އިންޑޯ ކޯޓުގައި، ނަމަވެސް ފަރިތަ މިކުރަނީ ވެލި ކޯޓެއްގައި. ދެން ވަރަށް ދެރަވޭ ސްކޫލުތަކުން ކޯޓު ހޯދަން އުޅޭ ހާލު ފެނުނީމަ. ބައެއް ފަހަރު ކުދިން ގޮވައިގެން ކުޅޭ ތަނަށް ލާން ދާއިރު ކޯޓު ނުލިބެގެން ކުދިން ގޮވައިގެން އެބަ ޖެހޭ އެތައް އިރަކު ހުންނަން،" 19 އަހަރުންދަށުގެ ބައިގައި ވާދަކުރާ ސްކޫލެއްގެ ބެލެނިވެރިއަކު ބުންޏެވެ.

މި ދަތިތަކާ މެދު ވޮލީ އެސޯސިއޭޝަންގެ ބަސް

ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފު ވިދާޅުވީ އިންފްރާ ސްޓަރަކްޗާގެ މައްސަލައަކީ މިވަގުތަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއްކަމަށާއި ހާއްސަކޮށް މާލޭގައި ވޮލީ ކުޅޭނެ ކޯޓުތައް މަދުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެމައްސަލަ ހައްލު ކުރުމަށް ސަރުކާރުންވެސް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިންފްރާ ސްޓްރަކްޗާރ ވަރަށް މަދު. ސަރުކާރުންވެސް މަސައްކަތް ކުރޭ އެބަ އިންފްރާ ސްޓްރަކްޗާގެ މައްސަލަ ހައްލުކުރެވޭތޯ. ނަމަވެސް މި ވަގުތަށް އަޅުގަޑުމެންނަށް ހައްލުކުރެވޭނެ މައްސަލައެއް ނޫން މިއީކީ،" ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ، ވޮލީ އެސޯސިއޭޝަނުން މަސައްކަތް ކުރަމުންދަނީ މިހާރު ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން އެންމެ ފުރިހަަމައަށް ކަންކޮށް ނިންމާލެވޭތޯ ކަމަށެވެ.

ވަޒީރު ވިދާޅުވި ފަދައިން 30 ވޮލީ ކޯޓު އަޅައިފި ނަމަ އެއީ މި މައްސަލައަށް ހައްލެއްބާ؟

ވޯލްޑް ވިމެންސް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފައިން މުބާރާތް ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން، ކައިރި މުސްތަގުބަލެއްގައި 30 ވޮލީ ކޯޓު އެޅުމަށް ނިންމާފައިވާކަމަށް ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެފައި ވެއެވެ. މިނިސްޓަރު ވިދާޅުވީ މި ކޯޓުތައް ހަދަނީ ވޮލީ އިތުރަށް ދިރުވައި އާލާކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މި ކޯޓުތައް ވުޖޫދަށް އައުމުން ވޮލީއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ކޮންމެވެސް ވަރަކަށް ހައްލުވެގެންދާނެކަމަށް ވޮލީގެ ތަޖުރިބާކާރުން ގަބޫލުކުރެއެވެ. އަދި މިހާރު ވޮލީ އެސޯސިއޭޝަނުން އިންޓަރސްކޫލު މުބާރާތް އަތޮޅު ތެރޭގައި ބޭއްވުމަށްފަހު ކޮލިފައިވާ މަދު ޓީމުތަކެއް މާލެ ގެނެސް މުބާރާތް ކުރިއަށް ގެންދިޔުމަކީވެސް މި މައްސަލައަށް އޮތް ހައްލެއްކަމަށް ތަޖުރިބާކަރުން ބުނެއެވެ.

comment ކޮމެންޓް