ކާނާ ނުލިބުމުގެ ސަބަބުން ބަނޑަށް މަރުވުމުގެ ނުރައްކާ އޮތް މީހުންގެ އަދަދު 100 މިލިއަނަށް ވުރެ ގިނަވެފައިވާ ކަމަށް އދގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
އދ.ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހައިހޫނުކަމާ ކުރިމަތިލާންޖެހިފައިވާ މީހުންގެ އަދަދު މިދިޔަ އަހަރު ވަނީ 102 މިލިއަނަށް އަރައިފައެވެ. އެއީ 2015 ވަނަ އަހަރާ އަޅައިބަލާއިރު 30 ޕަސެންޓު އިތުރުވުމެކެވެ.
އެ އަދަދު އިތުރުވެފައި ވަނީ ހަމަނުޖެހުމާއި ހަނަފަސްކަމުގެ ސަބަބުން، ޔަމަނާއި ދެކުނު ސޫދާނާއި ނައިޖީރިއާ އާއި ސޯމާލިއާގައި ކާނާ އުފައްދާ މިންވަރު މަދުވުމުގެ ސަބަބުން ކަމަށް އދން ބުނެ އެވެ.
އެގޮތުން ޔަމަނާއި ނައިޖީރިއާ އާއި ދެކުނު ސޫދާނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެގައުމުގެ އާބާދީގެ ބޮޑު ބައެއް ހާލުގައި ޖެހިފައިވާ އިރު އިރުމަތީ އެފްރިކާއަށް ދިމާވެފައިވާ ހަނަފަސްކަމުގެ އަސަރު އެގައުމުގެ އިގުތިސާދަށްކޮށް، އެތައް މިލިއަން މީހުންނަށް ވަނީ ފަގީރުކަމާ ކުރިމަތިލާން ޖެހިފައެވެ.
މިދިޔަ މަހު އދ.ގެ ވޯލްޑް ފުޑް ޕްރޮގްރާމުން ބުނި ގޮތުގައި ކުރިއަށް އޮތް ހަ މަސްތެރޭގައި ކާނާ ނުލިބުމުގެ ސަބަބުން 20 މިލިއަން މީހުން މަރުވުމުގެ ނުރައްކާ އެބައޮތެވެ.
އދ.ގެ ކާނާއާއި ދަނޑުވެރިކަމާ ބެހޭ ޖަމިއްޔާ (އެފްއޭއޯ)ގެ އެމާޖެންސީ ޑިވިޝަންގެ ޑިރެކްޓަރު ޑޮމިނީކް ބާޖަން ވިދާޅުވި ގޮތުގައި ކާނާ ބޭނުންވެފައިވާ ފަރާތްތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ އިތުރުން އެގައުމުތަކުގެ ދަނޑުވެރިންނަށްވެސް އެހީތެރިކަން ފޯރުކޮށްދޭން ޖެހެއެވެ. އަދި އެފަދަ ފިޔަވަޅު ނާޅާ ނަމަ ހައިހޫނުކަމާ ކުރިމަތިލާން ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާނެ ކަމަށް ބާޖަން ވިދާޅުވި އެވެ.
"ކާނާ ފޯރުކޮށްދިނުމަށް ގިނަ އަދަދެއްގެ އެހީ ލިބުނު ނަމަވެސް ދަނޑުވެރިންނަށް ލިބޭ އެހީ ވަރަށް ކުޑަ. އެމީހުންގެ އަމިއްލަ ބިމުގައި ދަނޑު ހައްދައިގެން މުސްތަގުބަލުގައިވެސް އެގޮތަށް ދިރިއުޅެވޭނެ ގޮތް ހަދަން ޖެހޭ،" ބާޖަން ވިދާޅުވި އެވެ.
އެފްއޭއޯއިން ދަނީ ނައިޖީރިއާއަށް އަންނަން އޮތް ދަނޑުހައްދާ މޫސުމާ ދިމާކޮށް އެގައުމުގެ ދަނޑުވެރިންނަށް ދޭން 20 މިލިއަން ޑޮލަރު އެއް ކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެމަސައްކަތް ނިމެން ދެ ހަފްތާއަށްވެފައިވާ އިރު އަދި އެއްކުރެވިފައި ވަނީ ބޭނުންވާ މިންވަރުގެ ތިން ބައި ކުޅަ އެއްބަޔަށްވުރެ ވެސް މަދު އަދަދެއް ކަމަށް ބާޖަން ހާމަ ކުރެއްވި އެވެ.
މީގެ އިތުރުން އެކަށީގެންވާ ވަރަށް ފަންޑު ނުލިބުމުގެ ސަބަބުން ކާނާ އުފައްދާ މިންވަރު އިންތިހާއަށް ދަށްވެފައިވާ ސީރިއާއަށް ވެސް އެހީ ފޯރުކޮށްދިނުމަށް ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ބާޖަން ވިދާޅުވި އެވެ. (އިންޑިޕެންޑެންޓް)