ހުޅުމާލެ ފިހާރަބަރިން ފުންމާލި ކުއްޖާގެ ކަށިތައް ބިނދިފައި

ހުޅުމާލެ ފިހާރަ ބަރި-- ފޮޓޯ: ޓުރިޕްއެޑްވައިޒާ

ސިކުނޑީގައި އުނިކަމެއް ހުންނަ ކުއްޖަކު ހުޅުމާލޭ ފިހާރަބަރީގެ ފުރަތަމަ ފަންގިފިލާ އިން ފުންމާލައިގެން ޒަހަމް ވުމުން ފަރުވާދެމުން އެބަދެ އެވެ.

މިދިޔަ މަހު 22 ވަނަ ދުވަހު ހިނގި އެ ހާދިސާގައި ޒަހަމްވެފައި ވަނީ ހުޅުމާލެ ގާޒީ ސްކޫލުގެ ގުރޭޑް ނުވައެއްގައި ތައުލީމް ހާސިލް ކުރަމުން އަންނަ ފިރިހެން ކުއްޖެކެވެ.

ހއ.ފިއްލަދުއަށް ނިސްބަތްވާ އެކުއްޖާގެ ބައްޕަ އަބްދުލް ރަހީމް ސަން ބުނީ އޭނާގެ ދަރިފުޅު ފިހާރަބަރިން ފުންމާލީ ކުލާސް ކުދިންތަަކަކާ އެކު އެތަނަށް ގޮސް އުޅުމުގެތެރެއިން ކަމަށެވެ.

އެކަމުގެ ސަބަބުން ތަނބިކަށީގެ ދެތަނަކުން ކަށިތައް ބިނދިގެން ވަނީ ބޭރަށް ނުކުމެފައިކަމަށާއި އައިޖީއެމްއެޗް އިން ފަރުވާދެމުން އަންނަ ކަމަށް ބުންޏެވެ. ހާލު މިހާރު އެހާ ސީރިއަސްއެއް ނޫން ކަމަށް އާއިލާ އިން ބުންޏެވެ.

"ހުޅުމާލޭ ހޮސްޕިޓަލް ކުރިމަތީ ހުންނަ ފިހާރަ ބަރި މަތިން ފުންމާލީ، ފުންމާލީމަ ކަށިތަކާއި އެއްޗެހި ނުކުތީ، ފުލުހުން [ހޮސްޕިޓަލަށް] ގެންދިޔައިރު ވެސް އެމީހުން ވެސް ލޭގަނޑެއްހެން ހީވަނީ، ލޭ ހުސްނުވީ ކިރިޔާ،" އެކުއްޖާގެ ބައްޕަ ބުންޏެވެ.

މީގެ ކުރިން ފުލެޓަކުން ފުއްމާލަން އުޅެނިކޮށް ފުލުހުން ވަނީ އެކަން ހުއްޓުވާފައި ކަމަށް އޭނާގެ ބައްޕަ ބުންޏެވެ.

ސިކުނޑީގައި އުނިކަމެއް ހުންނާތީ ބޭސް ކުރަމުންދާތާ ދުވަސްކޮޅެއްވެފައިވާ ކަމަށް ވެސް އަބްދުލް ރަހީމް ބުންޏެވެ.

މިދިޔަ ހަފްތާގައި ވެސް ވަނީ ހުޅުމާލޭ ރޯހައުސްއެއްގެ ފުރަތަމަ ފަންގިފިލާއިން ކުޑަކުއްޖެއް ވެއްޓި އަނިޔާވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް