ސާކް ފިލްމު ފެސްޓިވަލުން 2014ގައި ބްރޯންޒް މެޑެލް ހޯދި "އިނގިލި" އަށް ފަހު، މަހުދީ އަހުމަދު ސްކްރީންޕްލޭ ލިޔެ، އޭނާ ޕްރޮޑިއުސް ކުރާ ދެވަނަ ފިލްމު "މާޔޫސް" ޝޫޓިން ނިމިފައި އޮންނަތާ ތިން އަހަރެއްހާ ދުވަސް ވެއްޖެ އެވެ. ބެލުންތެރިން ތިބީ ރަނގަޅަށް ވެސް " މާޔޫސް" ނުފެނިގެން މާޔޫސް ވެފަ އެވެ.
ގިނަ ފިލްމުތަކާއި ޑްރާމާތައް ލިޔެފައިވާ މަހުދީ 'ސަން' އަށް ބުނީ، އެ ފިލްމު ނުފެނިގެން މާޔޫސްވާން އަދި ކައިރިނުވާ ކަމަށާއި ވަރަށް އަވަހަށް ފިލްމުގެ ހުރިހާ މަަސައްކަތެއް ނިމި ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށެވެ.
"މި ފިލްމު 2014ގައި މިވަނީ ޝޫޓްކޮށް ނިމިފައި. ފިލްމުގެ އެޑިޓިން ފަށައިގެން އުޅެނިކޮށް ޖެހުނީ ރީ އެޑިޓަކަށް ދާން. އެޑިޓިން ރަނގަޅު ކުރާށާއި ބައެއް ޓެކްނިކަލް މަސައްކަތްތަކެއް ކުރަން ރީ އެޑިޓަކަށް ދާނެ މިޖެހެނީ. އެކަމަކު މިހާރު އޮތީ ވަގުތީ ގޮތުން މަސައްކަތް ހުއްޓިފައި. ދެން އެ ހުރިހާ މަަސައްކަތެއް ނިންމާފައި ފިލްމު ބެލުންތެރިންނަށް ދޫކޮށްލާނަން،" ފިލްމު ދިގުލައިގެން ދާ ސަބަބު މަހުދީ ބުނެދިނެވެ.
މަހުދީ ބުނީ، ފިލްމު ބެލުންތެރިންނަށް ދައްކާނެ ވަކި ތާރީހެއް ބުނަން އެނގޭނީ ފިލްމުގެ ހުރިހާ މަސައްކަތެއް ނިމުނީމާ ކަމަށާއި މިއަހަރުގެ ތެރޭގައި ފިލްމު ރިލީޒް ކުރަން ވިސްނާ ކަމަށެވެ. މީގެ ކުރިން މަހުދީ ވަނީ އެ ފިލްމު މިދިޔަ އަހަރު ވެސް އަޅުވަން ނިންމައިފަ އެވެ.
"މާޔޫސް" އަކީ އަންބަކު އޭނާގެ ފިރިމީހާގެ ދެބެންގެ ދެދަރި ކޮއްކޮ އަކާއެކު ހިންގާ ލޯބީގެ ގުޅުންތަކެއް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމުގެ ލީޑު ރޯލުން ކުޅަދާނަ ބަތަލާ ނިއުމާ މުހައްމަދު ފެންނަ އިރު، ދެން ފެންނާނީ އިސްމާއީލް ރަޝީދު(ކޮޕީ އިއްސެ)ގެ އިތުރުން ޖުމައްޔިލް ނިމާލެވެ.
މިއީ މި ތިން ތަރިން އެއްކޮށް ފެންނާނެ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ޖުމައްޔިލް ފިލްމީ ދާއިރާއަށް ތައާރަފްވި "އަނިޔާ' އެވެ.
މަހުދީ ބުނީ، ބ. އޮތޮޅުގައި ޝޫޓްކޮށްފައިވާ "މާޔޫސް" ބެލުންތެރިންނާ ހަމައަށް ގެނެސްދޭން ތަފާތު ހިޔާލުތަކެއް އެބަ ގެންގުޅޭ ކަމަށެވެ. އެގޮތުން ފިލްމު ސިނަމާގައި އެޅުވުމުގެ ބަދަލުގައި ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ޕްލެޓްފޯމް މެދުވެރިކޮށް ފިލްމް ނެރުމުގެ ހިޔާލު ވެސް އަންނަނީ ގެންގުޅެމުން ކަމަށް ކަމަށެވެ.
"މި ފިލްމުގެ މާކެޓިން މަސައްކަތް ވަރަށް އަވަހަށް ފަށާނަން. އެބަ ގެންގުޅެން ފިލްމު އޮލިމްޕަހުގައި ނާޅުވައި ވީޑިއޯ ޕްލެޓްފޯމަކުން މި ފިލްމު ނެރެން. އޭރުން ކޮންމެ ތާކު ހުރެގެން ވެސް ފިލްމު ބަލާލެވެނެ. އެކަމަކު އަދި ވަކި ގޮތެއް ޑިސައިޑެއް ނުކުރަން. ފިލްމުގެ ހުރިހާ މަަސައްކަތެއް ނިމުނީމަ ވަކި ގޮތެއް އިނގޭނީ،" މަހުދީގެ ހިޔާލު ފާޅުކޮށްލި އެވެ.
ތިން ލައްކަ ރުފިޔާއަށް ވުރެ ބޮޑު ބަޖެޓެއް އެ ފިލްމަކަށް ހަރަދުކޮށްގެން އުފައްދާ "މާޔޫސް" ޑައިރެކްޓް ކޮށްފައި ވަނީ ގިނަ ލަވަތަކެއް ޑައިރެކްޓްކޮށްފައިވާ އަޖުނާޒު އަލީ އެވެ. މޫމިން ފިއާދު ކެމެރާ ކޮށްދީފައިވާ އެ ފިލްމުގެ ބެކް މިއުޒިކް ހަދާފައިވަނީ އައްޔުމަން ޝަރީފެވެ.
ޓީ ފޯ 2 އާއި ލުޔޫ ޕްރޮޑަކްޝަން ގުޅިގެން ހަދާފައިވާ "މާޔޫސް" އަކީ ނިއުމާގެ ރިލީޒްނުވެ ހުރި ފިލްމުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ފިލްމެވެ.