ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ ހޯދާ ފަރާތްތަކާއި، ވަޒީފާ ދޭ ފަރާތްތަކާ ގުޅުވައިދޭ ޚާއްސަ ޕްލެޓްފޯމެއް ހޮޓަލިއާ މޯލްޑިވްސްއިން ގާއިމުކޮށްފިއެވެ.
ހޮޓަލިއާ މޯލްޑިވްސްއިން ބުނި ގޮތުގައި "ޓެލެންޓް ޕޫލް"ގެ ނަމުގައި، އެ ވެބްސައިޓުގައި ތައާރަފުކުރި އާ ސެކްޝަނަށް، ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ ހޯދާ ފަރާތްތަކަށް އެފަރާތްތަކުގެ ސީވީ އަޕްލޯޑު ކުރެވޭނެއެވެ. ސީވީ އަޕްލޯޑުކޮށް، ވަޒީފާ ހޯދާ ފަރާތެއްގެ ގޮތުގައި ލިސްޓުވުމަށް އެއްވެސް އަގެއް ނުނަގައެވެ.
ހޮޓެލިއާ މޯލްޑިވްސްއިން ބުނީ ފަތުރުވެރިކަމާއި ހޮސްޕިޓެލިޓީ އިންޑަސްޓްރީގައި ހަރަކާތްތެރިވާ 20،000 އަށް ވުރެ ގިނަ ޕްރޮފެޝަނަލުން، އެ ސެކްޝަނުގެ ރީޑާ ބޭސްގައި ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ހޮޓެލް އޯނަރުންނާއި، ހޮޓެލް އޮޕަރޭޓަރުން، ސަޕްލަޔަރުން އަދި އެހެނިހެން ސްޓޭކްހޯލްޑަރުން ހިމެނެއެވެ.
މި ޕްލެޓްފޯމުގައި ސީވީ ހުށަހަޅާ ފަރާތުގެ ތައާރަފާއި ކޮންޓެކްޓް އިންފޮމޭޝަން ހިމަނަން ޖެހޭ އިރު އެފަރާތަކަށް ވަޒީފާ ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ސީވީ އާއި މައުލޫމާތުތައް ބެލުމަށްފަހު، އެފަރާތަކަށް ގުޅައި ކަންކަން ހަމަޖެއްސޭނެއެވެ.