ކަރަން ޖޯހަރަށް އެއް މާބަނޑު ދެ ކުދިން ލިބިއްޖެ

ކަރަން ޖޯހަރު: އޭނާ އަކީ މިހާރު އެއްމާބަނޑު ދެކުދިންގެ ބައްޕަ އެއް --

ބޮލީވުޑުގެ ކާމިޔާބު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު، ކަރަން ޖޯހަރަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ އެވެ. ދެ ކުދިންނަކީ ސަރޮގޭޓް މަންމައެއް (އެއްބަސްވުމެއްގެ ދަށުން ބަލިވެ އިންނަ އަންހެނާ) މެދުވެރިކޮށް ކަރަން ހޯދާފައިވާ ދެ ކުދިންނެވެ.

ޓައިމްސް އޮފް އިންޑިއާގައި ބުނެފައި ވަނީ ކަރަން އަށް ލިބިފައި ވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ކަމަށެވެ. ދެބެން އުފަންވެފައި ވަނީ މިދިޔަ މަހު އިންޑިއާގެ އަނދޭރީގެ މަސްރާނީ ހޮސްޕިޓަލުގަ އެވެ.

ސިވިކް އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން ބުނެފައި ވަނީ މިދިޔަ ހުކުރު ދުވަހު އުފަންވާ ކުދިންގެ ލިސްޓުގައި އެ ދެ ކުދިން ރަޖިސްޓަރ ކޮށްފައިވާ ކަމަށެވެ.

ދެ ކުދިން ލިބުނު ކަން ޔަގީންކޮށްދީ ކަރަން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފިރިހެން ދަރިފުޅަށް ކިޔާފައި ވަނީ ޔަޝް ކަމަށާއި އަންހެން ދަރިފުޅަށް ކިޔާފައިވާ ނަމަކީ ރޫހީ ކަމަށެވެ.

އަދި އެއީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު އުފާ ކަމަށާއި، ބައްޕަ އެއްގެ ވާޖިބު އަދާކުރަން އޭނާ ހުރިހާ ގޮތަކުން ވެސް ތައްޔާރަށް ހުރި ކަމަށެވެ.

ކަރަން އޭނާގެ ސްޓޭޓްމަންޓުގައި ބުނެފައި ވަނީ އޭނާއަށް މިހާރު އެންމެ މުހިންމީ ދަރިން ކަމަށާއި، މަސައްކަތާއި އެހެނިހެން ކަންކަން އަންނާނީ އެކުދިންގެ ފަހުގައި ކަމަށެވެ.

އަދި ދެ ކުދިން ތަރުބިއްޔަތު ކުރުމަށް އޭނާގެ މަންމަގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ސްޓޭޓްމަންޓު ނިންމާލަމުން ކަރަން ވަނީ ސަރޮގޭޓް މަންމަ އަށާއި، ޑޮކްޓަރަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.

ސަރޮގޭޓް މަންމަ އެއް މެދުވެރިކޮށް ކަރަން ދެ ކުދިން ހޯދާފާއި ވާއިރު، އޭނާގެ ބަޔޮގްރަފީގައި ކަރަން ވަނީ ކުއްޖަކު އެޑޮޕްޓު ކުރުމަކީ ނުވަތަ ސަރޮގޭޓް މަންމަ އެއް ބޭނުން ކޮށްގެން ދަރިއަކު ހޯދުމަކީ އޭނާ ދެކެމުން އަންނަ ހުވަފެނެއް ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް