ފުރަތަމަ ހާފުގައި ޖެހި ދެ ލަނޑުން ޔޫވީ އަތުން އީގަލްސްއަށް މޮޅެއް

މާލޭ ލީގުގައި އީގަލްސްއާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އީގަލްސް މޮޅުވީ 2-0 ލަނޑުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފުރަތަމަ ހާފުގައި ޖެހި ދެ ލަނޑުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ކްލަބު އީގަލްސް މޮޅުވެއްޖެއެވެ.

މާލޭ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޔޫވީ އަތުން އީގަލްސް މޮޅުވީ 2-0 ލަނޑުންނެވެ. އެ މެޗަކީ މާލޭ ލީގުގައި ޔޫވީ ކުޅުނު ފުރަތަމަ މެޗަށްވީއިރު، އެއީ އީގަލްސްގެ ދެވަނަ މެޗެވެ. ލީގުގައި އީގަލްސް ކުޅުނު ފުރަތަމަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު އަތުން ބަލިވީ 1-0 ލަނޑުންނެވެ.

މާލޭ ލީގުގައި އީގަލްސްއާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އީގަލްސް މޮޅުވީ 2-0 ލަނޑުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަދު ކުޅުނު މެޗުގެ 27 ވަނަ މިނެޓުގައި އީގަލްސްގެ ފުރަތަމަ ލަނޑު ފެނިގެންދިޔައެވެ. އެ ލަނޑު އީގަލްސްއަށް ކާމިޔާބުކޮށްދިނީ އަންސަރު އިބްރާހިމް (އަންކޮ)އެވެ. އޭނާ އެލަނޑު ކާމިޔާބުކުރީ ރިހާމް އަބްދުލްޣަނީ (ބޮބީ) ދިން ރީތި ބޯޅައަކުންނެވެ.

ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ އީގަލްސްއިން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ހާފު ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށެވެ. އިބްރާހިމް މުބީން (މުއްކި) ދިން ބޯޅައަކުން އީގަލްސްއަށް އެލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ނެދަލެންޑްސް ފޯވަޑް ޑޮނަވަން ޑީކްމަންއެވެ. ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅަ ލިބުނުއިރު، ޑީކްމަން ހުރީ ވަރަށް ހުސްކޮށެވެ.

މާލޭ ލީގުގައި އީގަލްސްއާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އީގަލްސް މޮޅުވީ 2-0 ލަނޑުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗުގައި ޔޫވީއަށް ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ އެޓީމުގެ އިބްރާހިމް ނޫރައްދީން އަދި އަހުޝަން ނައީމްއަށެވެ. އެ ދެ ހަމަލާ ވެސް ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ހާފުގައެވެ. ދެވަނަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެއް ނުވެއެވެ.

މާލޭ ލީގުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު ވެލެންސިއާއާއި ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރަމުންދާ ގްރީން ސްޓްރީޓެވެ. މާދަމާ ހަވީރު 4:00ގައި ކުޅޭ އެ މެޗަކީ ލީގުގައި ވެލެންސިއާ ކުޅޭ ފުރަތަމަ މެޗެވެ. ގްރީން ސްޓްރީޓް ވަނީ އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބު އަތުން 1-0 ލަނޑުން މޮޅުވެފައެވެ.

comment ކޮމެންޓް