އަންނަ ބުދަ ދުވަހުގެ ރޭ ޝްވެކް ސިނަމާގައި އަޅުވަން ހަމަޖެހިފައިވާ ޔަރާ ޕްރޮޑަކްޝަންގެ ފިލްމު "ވިޝްކާ" ގެ ޕްރިމިއަރ ނައިޓަށް ވާންޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް ކަމަށް ފިލްމުގެ ޓީމުން ބުނެފިއެވެ.
ސަންއާ ވާހަކަދައްކަމުން ފިލްމުގެ ޕްރޮޑިއުސަރު އައިޝަތު ރިޝްމީ ބުނީ، ބުދަ ދުވަހު ފިލްމުގެ ތިން ޝޯ އެއް އަޅުވާނެ ކަމަށެވެ. އޮގޮތުން އެ ދުވަހުގެ ހަވީރު 4:30 ގައި މީޑިއާ ތަކަށާއި ފިލްމުގެ ތަރިންގެ އިތުރުން ފިލްމަށް ސްޕޮންސަރ ދިން ފަރާތްތަކަށް ޝޯ އެއް އޮންނާނެ ކަމަށް އޭނާ ބުންޏެވެ. އަދި އެ ޝޯގެ ފަހުން ނޫސްވެރިންނަށް މައުލޫމާތު ދިނުން އޮންނާނެ ކަމަށް ރިޝްމީ ބުންޏެވެ.
އޭނާ ބުނީ އާންމުންނަށް ބާއްވާ ޝޯ ތައް ރެޑް ކަޕެޓްގައި އޮންނަ ހަރަކާތްތަކާ އެކު ހަމަ އެ ދުވަހުގެ ރޭ 8:30 ގައި ފަށާނެ ކަމަށެވެ. އަދި ހަމަ އެރޭ 11:30 ގައިވެސް އާންމުންނަށް ޝޯ އެއް ދައްކާނެ ކަަމަށް ރިޝްމީ ބުންޏެވެ.
ރިޝްމީ ބުނިގޮތުގައި އެ ފިލްމުގެ ޕްރިމިއަރ އިންވެސް ތަފާތު ކަމެއް ފެންނާނެއެވެ. ނަމަވެސް އެކަން އޮތީ އަދި ސިއްރެއްގެ ގޮތުގައެވެ.
"ވިޝްކާ"ގެ ޓިކެޓް މިދިޔަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ވިއްކަމުންދާއިރު ބެލުންތެރިންގެ ފަރާތުން ލިބެމުންދާ ތަރުހީބު ބޮޑު ކަަމަށް ވެސް ރިޝްމީ ބުންޏެވެ. އަދި މިމަހުގެ 16 ވަނަ ދުވަހާ ހަމައަށް ޓިކެޓް ވިއްކަމުންދާ ކަމަށާއި ބެލުންތެރިންގެ ތަރުހީބު ލިބޭ ވަރަކުން ޝޯތައް އިތުރު ކުރާނެ ކަމަށްވެސް ރިޝްމީ ބުންޏެވެ.
ކުރައިމް ތުރިލާ އަކަށް ހަދާފައިވާ "ވިޝްކާ"ގެ މައި ކާސްޓުންގެ ތެރޭގައި ހިމެނެނީ ފިލްމުގެ ޕްރޮޑިއުސަރ ރިޝްމީ އާއި ޑައިރެކްޓަރ ރަވީ ފާރޫގުގެ އިތުރުން އެކްޓަރު އަހުމަދު ސައީދެވެ.
ފިލްމު އަޅުވަން ކުޑަތަން ވަމުންދާއިރު ފިލްމުގެ މިލްކުވެރިކަމުގެ މައްސަލައެއްގައި، މަޝްހޫރު ކެމެރާމަން ހަސަން ހަލީމް (ކޮކޯ) އަންނަނީ ކޯޓަށް ދާން ތައްޔާރު ވަމުންނެވެ.