އިސްލާމްދީނުގެ މުޢުޖިޒާތަކުގެ ތެރެއިން: ޢުމަރު ޘާާނީ ޢުމަރުބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ

އުމަވީ ދައުލަތުގައި އިސްލާމީ ޢުއްމަތުގެ ވެރި ރަށަކީ ސޫރިޔާގެ ދިމިޝްކެވެ. މިއީ ދިމިޝްކްގެ މަސްޖިދް އަލް އުމަވީ އަލްކަބީރި---

"ދުނިޔަވީ މަސައްކަތްޕުޅުތައް ހުއްޓައިލައްވައި ފިޤުހު ޢިލްމު އުނގަންނައިދެއްވުމަށް އަމިއްލަފުޅު ނަފުސު ވަގުފުކުރައްވައިގެން ތިއްބެވި އިލްމުވެރީންކުރެ ކޮންމެ ބޭކަލަކަށް އަހަރެންގެ މިސިޓީ ލިބުމާއެކު ބައިތުލްމާލުން ސަތޭކަ ދީނާރު ދޭށެވެ. އެބޭކަލުން އިޤްތިޞާދީ ފިކުރުން މިންޖުވެ ވަޑައިގެން ތިއްބަވައި ކިޔަވައިދެއްވުމުގެ ޚިދުމަތުގައި ކުރިޔަށް ވަޑައިގެންނެވުމަށްޓަކައެވެ."

ޤާސިމު ބުނު މަޚްމީރާ އަކީ މުޙައްދިޘެކެވެ. އެކަލޭގެފާނަކީ ވަރަށް އަތްޕުޅުމަތި ދަތި ބޭކަލެކެވެ. ދިރިއުޅުއްވަމުން ގެންދަނީ ނުހަނު ނިކަމެތި ޙާލުކޮޅުގައެވެ. ޢުމަރު ބުނު ޢަބްދުލްޢަޒީޒަށް އެކަން އެނގިވަޑައިގެންނެވުމުން ފަންސާސް ދީނާރުގެ މަހު މުސާރައެއް ހަމަޖައްސަވައިދެއްވިއެވެ. އެކަލޭގެފަނުގެ ޒިންމާގައި އޮތް ހަތްދިހަ ދީނާރުގެ ދަރަންޏެއްވެސް އަދާކޮށްދެއްވިއެވެ. ސަވާރީއެއްވެސް ދެއްވިއެވެ. (ތަޛްކިރަތުލް ޙުއްފާޡު- އައްޛަހަބީ)

މުޖާހިދު ރަޙިމަހުﷲ އެއްފަހަރަކު ޢުމަރުގެ އަރިހަށްވަޑައިގެންނެވުމުން ތިރީސް ދިރުހަމް ދެއްވިއެވެ. އުމަރު ވިދާޅުވިއެވެ. "މިއީ އަޅުގަނޑުގެ ޕެންޝަންގެ ތެރެއިން އެރުވި އެއްޗެކެވެ."

ޢިލްމުވެރީންގެ އިތުރަށް ކިޔަވާކުދީންނަށްވެސް ޕެންޝަން ހަމަޖެއްސެވިއެވެ. ކިޔަވާދެއްވާ ޢިލްމުވެރީންނާއެކު ކިޔަވާކުދީންވެސް މަޢީޝީ ފިކުރުން ސަލާމަތް ކުރެއްވިއެވެ.

ޢުމަރުގެ ހިތްޕުޅުގައި ޢިލްމުވެރީންގެ ޤަދަރު ވަރަށް ބޮޑެވެ. އިބްނު ސަޢުދު ރަޙިމަހުﷲ ލިޔުއްވައިފައިވެއެވެ. އެއްފަހަރަކު ޢުމަރު ބުނު ޢަބްދުލްޢަޒީޒު މައްސަލައެއް ސާފުކުރެއްވުމަށްޓަކައި ސަޢީދު ބުނުލް މުސައްޔިބުގެ އަރިހަށް މީހަކު ފޮނުއްވިއެވެ. ނަމަވެސް އެމީހާއަށް އޮޅިގެން ސައީދު، ޢުމަރުގެ އަރިހަށް ގެނައެވެ. ސަޢީދު ބުނުލް މުސައްޔިބު ފެނިވަޑައިގެންނެވުމުން ޤާޟީދު ދެކެ ޢުމަރު ވަރަށް ބޮޑަށް ކޯފާ އިސްކުރެއްވިއެވެ. ސަޢީދުގެ އަރިހުން މާފު އެދިވަޑައިގެންނެވިއެވެ. ވިދާޅުވިއެވެ. "ޤާޞިދު އޮޅުވައިލައިގެން ކަލޭގެފާނަށް އުނދަގޫފުޅުކުރީއެވެ. އަޅުގަނޑު އޭނާ ފޮނުވީ ކަލޭގެފާނުގެ އަރިހުން މައްސަލައެއް އޮޅުންފިލުވައިގެން އައުމަށެވެ."

އެއްފަހަރަކު ޢިރާޤުގެ ހުރިހާ ފިޤުހުވެރީންނަށް ޢުމަރުގެ އަރިހަށް ވަޑައިގެންނެވުމަށް ދައުވަތުދެއްވިއެވެ. ޙަސަނުލްބަޞަރީ ރަޙިމަހުﷲ އާލާސްކަންފުޅާ އުޅުއްވާތީ ޙާޒިރުވެ ވަޑައެއް ނުގެންނެވުނެވެ. ނަމަވެސް ޢުމަރަށް ނަސޭޙަތްޕުޅު އަރުއްވައި ސިޓީފުޅެއް ފޮނުއްވިއެވެ. ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ އެސިޓީފުޅު ލޯފުޅުގައި ޖައްސަވައިލެއްވިއެވެ. އެސިޓީފުޅު ވިދާޅުވެފައި ކީރިތި ކުރެއްވީއެވެ.

އެއްފަހަރަކު ސާލިމު ބުނު ޢަބްދުﷲ އާއި މުޙައްމަދު ބުނު ކަޢުބާ ދެބޭކަލުން (ރަޙިމަހުﷲ) އުމަރުގެ އަރިހަށް ވަޑައިގެންނެވިއެވެ. އުމަރު އެބޭކަލުންގެ އަރިހުން ނަސޭހަތްޕުޅަކަށް އެދިވަޑައިގެންނެވިއެވެ. އެބޭކަލުންގެ ނަސޭހަތް އަޑުއައްސަވައިފައި ވަރަށް ބޮޑަށް ކީރިތިކުރެއްވިއެވެ.

ފުޠޫޙާތު

ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲގެ މުނިމާމާފުޅު އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުވެސް އެކަލޭގެފާނުގެ ޚިލާފަތުގެ ދުވަސްވަރު ފުތޫޙާތު ކުޑަކޮށް ބުރަކި ޖައްސަވައިލައްވައި ދާޚިލީ އިސްލާހަށާއި ތަބްލީޣަށް ވަގުތު ހޯއްދަވަން އެތައް ފަހަރަކު ޤަޞްދުކުރެއްވިއެވެ. ނަމަވެސް އެކަލޭގެފާނުގެ ޙަޔާތްޕުޅު ނިމިގެންދިޔައިރުވެސް ކުޑަކޮށްވެސް ފުތޫޙާތު މަޑުޖައްސައިލައްވާނެ ތަންވަޅެއް ލިބިވަޑައިނުގެންނެވިއެވެ. އަމީރުލް މުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވިއިރު އިސްލާމީ ދައުލަތުގެ ސިޔާސީ ސަރަހައްދު އޮތީ ވަރަށް ބޮޑަށް ފުޅާވެފައެވެ. ކެސްޕިޔަން ކަނޑުން ފެށިގެން ފަރަންސޭސިވިލާތާ ހަމަޔަށް އިސްލާމީ ދައުލަތް އޮތީ ފުޅާވެފައެވެ. އިސްލާމީ ލަޝްކަރު ވަނީ އިންޑިޔާގެ މެދުތެރެޔަށް ވަދެގެންފައެވެ. އެހެންކަމުން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ޤަޞްދުކުރެއްވީ އިހަށް ކުޑަކޮށް މަޑުޖައްސައިލައްވައި އިސްލާމީ ދައުލަތުގެ ދާޚިލީ އަނަރޫފަކަށް ފިލުއްވައިލެއްވުމަށެވެ. ދައުލަތުގެ ސަރަހައްދުގައި އަމަންއަމާންކަން ޤާއިމުކުރެއްވުމަށެވެ. އެންމެންނަށް ފަސޭހައިން އަދުލުއިންސާފު ލިބިގަނެވޭކަން ކަށަވަރު ކުރެއްވުމަށެވެ. އެހެންކަމަށްވުމާއެކުވެސް އެކަލޭގެފާނުގެ ދައުރަކީ ފުތޫޙާތުން މުޅީން އަތްޕުޅު ދޫކޮށްލެއްވި ދުވަސްވަރެއްވެސް ނޫނެވެ.

ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲގެ ކުރީން ޚަލީފާކަމުގައި ހުންނެވި ސުލައިމާނު ބުނު ޢަބްދުލްމަލިކު ޤުޞްޠަންޠީނިއްޔާ ފަތަޙަކުރައްވަން ފޮނުއްވި ލަޝްކަރަށް ކުރިމަތިވި ހިތާމަވެރި އިއްތިފާޤުގެ ވާހަކަ އިސްވެދިޔަ ސަފްޙާތަކުގައި ވާނީ ބަޔާންކޮށްފައެވެ.

ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ ސަރުކާރާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ އެޅުއްވި އެއްފިޔަވަޅަކީ ދުޝްމިނުންގެ ވަކިތަކުން އެލަޝްކަރު ސަލާމަތްކުރައްވައިގެން އަނބުރާ ގެންނެވުމެވެ. ވަރަށް ގިނަ އަދަދެއްގެ ކާބޯތަކެއްޗާއި ސަވާރީ އާއި އެނޫން ތަކެތި ފޮނުއްވައިގެން އެލަޝްކަރުގައި ބާކީ ތިއްބެވި މުޖާހިދުން އަނބުރާ ގެންނެވިއެވެ. އެނޫންވެސް އެވަގުތަށް މުހިންމު ނޫން ބައެއް މައިދާންތަކުން ސިފައިން އަނބުރާ ގެންނެވިއެވެ.

އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ ޖިހާދުގެ ޙަޤީޤީ މަފްހޫމް މުސްލިމުންނަށް އަލުން އޮޅުންފިލުއްވައިދެއްވިއެވެ. ޣައިރު މުސްލިމް އެއްވެސް ބާރަކާ ހަނގުރާމަ ކުރާނަމަ އެންމެ ފުރަތަމަވެސް އިސްލާމްދީނަށް ދަޢުވަތު ދިނުމަށް އެންގެވިއެވެ. ކޮންމެ ލަޝްކަރެއްވެސް ދަތުރު ފަށަންވާނީ ހަތިޔާރާއި ކާބޯތަކެތި ފުދޭވަރަށް ޖަމާކޮށްގެންކަން އެންގެވިއެވެ.

ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ ސަރުކާރާ ހަވާލުވެ ވަޑައިގެންނެވިއިރު ސްޕޭންވަނީ ފަތަހަވެފައެވެ. ނަމަވެސް ސްޕޭނުގެ މުސްލިމުންނަށް ފަރަންސޭސިންގެ އުނދަގޫ ވަރަށް ބޮޑެވެ. އެހެންކަމުން ފަރަންސޭސިވިލާތުގައި އިސްލާމީ ނޫރު ފަތުރުއްވަން ޤަސްދުކުރެއްވިއެވެ. ފަރަންސޭސިވިލާތަ ދިމާޔަށް ކުރިއަރަމުންދާން އިސްލާމީ ލަޝްކަރަށް އަމުރު ނެރުއްވިއެވެ.

އަމީރުލް މުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ ހިޖްރައިން އެއްސަތޭކަ ވަނައަހަރު ނަޖުމު ބުނު މާލިކު ޚައުލާނީ ސްޕޭނުގެ ގަވަރުނަރަކަށް ޢައްޔަންކުރެއްވިއެވެ. އެކަލޭގެފާނު ހިޖްރައިން ސަތޭކަ އެއްވަނަ އަހަރު ފަރަންސޭސިވިލާތާ ދެކޮޅަށް ޖިހާދަށް ތައްޔާރުކުރެއްވިއެވެ. ޖިހާދުގެ މައިދާނުގައި ހިތްވަރުފުޅާއެކު ކުރިޔަށްވަޑައިގެން ޝަހީދުންގެ ދަރަޖަ ޙާސިލުކުރެއްވިއެވެ. ސްޕޭނަށް ދެން އައްޔަންކުރެއްވި ގަވަރުނަރަކީ އަބްދުއްރަޙްމާން ބުނު އަބްދުއްރަޙްމާނެވެ. އެކަލޭގެފާނުގެ ވެރިކަމުގައި ފަރަންސޭސިންނާއި އިސްލާމީ ލަޝްކަރާ ދެމެދު ވަރަށް ވަރުގަދަ ހަނގުރާމައެއް ހިނގިއެވެ. ފަރަންސޭސި ލަޝްކަރަށް ހުއްޓުމެއްނެތި ލިބެމުންދިޔަ އެހީގެ ސަބަބުން މުސްލިމުންގެ ކޮންމެ މުޖާހިދަކަށް ކްރިސްޓިޔަނުންގެ ދިހަމީހުން ތިއްބެވެ. ނަމަވެސް މުސްލިމު މުޖާހިދުން ކްރިސްޓިޔަނުން ބަލިކޮށްލައްވައި ފަރަންސޭސިވިލާތުގެ ދެކުނުގެ ވަރަށްބޮޑު ސަރަޙައްދެއް ފަތަޙަކުރިއެވެ.

ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ ސިސިލީގައިވެސް އިސްލާމީ ފުތޫހާތު ކުރިޔަށްގެންދެވިއެވެ. ރޫމީންގެ ކިއްލާއެއް ފަތަހަކުރެއްވުމަށްފަހު އެކިއްލާ މަރާމާތު ކުރައްވައި އިސްލާމީ ލަޝްކަރުގެ ވަރަށް ވަރުގަދަ އަސްކަރީ މަރުކަޒަކަށް ހެއްދެވިއެވެ.

ސިންދުގެ ހިންދީ ރާޖާއަކު މުސްލިމުންނާ އެރާޖާއާމެދު ކުރެވިފައިވާ މުޢާހަދާ އާ ޚިލާފުވެވަޑައިގެން އިސްލާމީ ސަރަހައްދަށް ހަމަލަދެއްވައި ލޫޓުމާރު ކުރައްވަމުން ގެންދަވާތީ އެރާޖާ ކިޔަމަންތެރި ކުރެއްވުމަށްޓަކައި އަމްރު ބުނު މުސްލިމު ބާހިލީ އަށް ވަރުގަދަ ލަޝްކަރެއް ދެއްވައިފައި ސިންދަށް ފޮނުއްވިއެވެ. ޢަމްރު ވަޑައިގެން ރާޖާ ބަލިކުރައްވައި އޭނާގެ ވެރިކަމުގެ ދަށުގައި ސިންދުގައި އޮތް ބަޔާއި ޕަންޖާބުގެ ބައެއް ފަތަޙަކުރައްވައި އަމްރުގެ ބާރުފުޅުގެ ދަށަށް ގެންދެވިއެވެ.

ތުރުކީން އާޒަރުބައިޖާނަށް ޙަމަލަދީ ވަރަށް ގިނަ މުސްލިމުން ޝަހީދުކޮށް އެތައްބަޔަކު ހައްޔަރުކޮށްގެން ގެންދިޔަ ޚަބަރު އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ އަށް ލިބިވަޑައިގެންނެވިއެވެ. އަމީރުލް މުއުމިނީން ތުރުކީން މައިތިރި ކުރައްވަން ވަރަށް އަވަސް ފިޔަވަޅުފުޅުތަކެއް އެޅުއްވިއެވެ. އެކަމަށް ހޮއްވެވި ޖަނަރަލަކީ ޙާތިމު ބުނު ނުޢުމާން އަލް ބާހިލީއެވެ. ޙާތިމު ލަޝްކަރާއިގެން ވަޑައިގެން، އާޒަރުބައިޖާނަށް ހަމަލަދިން ތުރުކީންނާ ހަނގުރާމަކުރައްވައި އެތައްބަޔަކު ޤަތުލުކުރައްވައި އެބައިމީހުން ބަލިކޮށްލެއްވިއެވެ. ވަރަށް ގިނަ މީހުން ހައްޔަރުވެސް ކުރެއްވިއެވެ.

ޚަވާރިޖުންގެ މައްސަލަ

ޚަވާރިޖުންނަކީ އަމީރުލްމުއުމިނީން ޢަލީ ކައްރަމަﷲ ވަޖްހަހޫ އާއި، އަމީރު މުޢާވިޔާ ރަޟިޔަﷲ ޢަންހުގެ ޚިޔާލުފުޅުގެ ތަފާތުވުމުގެ ސަބަބުން ޞިއްފީނު ހަނގުރާމައިގެތެރޭގައި އުފެދުނު ބައެކެވެ. އަލީގެފާނާއި، މުއާވިޔަތުގެފާނާ ދެބޭކަލުން އެދެބޭކަލުންގެ މެދުގައިވާ މައްސަލަ ޙައްލުކުރެއްވުމަށްޓަކައި ޙަކަމުން ޢައްޔަންކުރެއްވުމުން އެކަމާ ދެކޮޅުހަދައިފައި އަމީރުލް މުއުމިނީން ޢަލީ ކައްރަމަﷲ ވަޖްހަހޫގެ ލަޝްކަރުން ވަކިވެގެންދިޔަ ޖަމާޢަތެކެވެ. އެބައިމީހުންނަކީ އެބައިމީހުންގެ ނަޒަރިއްޔާތަކުގައި ނިހާޔަތަށް ޙައްދުފަހަނަޅައިދިޔަ ބައެކެވެ. އަމީރުލް މުއުމިނީން އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހު އާއި، އަމީރުލް މުއުމިނީން އުމަރުލް ފާރޫޤު ރަޟިޔަﷲ ޢަންހުގެ ޚަލީފާކަން ފިޔަވައި، ތަޙްކީމަށްފަހު އެބައިމީހުންގެ އުންމަތުގެ އެއްވެސް އަމީރެއްގެ އަމީރުކަން ޤަބޫލެއް ނުކުރެއެވެ. އާއްމު މުސްލިމުންނާއި ޒިންމީން ޤަތުލުކޮށް މީހުންގެ މުދާ ފޭރުމަކީ އެބައިމީހުން ހުއްޓުމެއްނެތި ކުރަމުން ގެންދިޔަކަމެކެވެ. އެހެންކަމުން އަމީރުލްމުއުމިނީން ޢަލީ ކައްރަމަﷲ ވަޖުހަހޫއަށްވެސް އެންމެފަހުން އެބައިމީހުން ހަނގުރާމަކުރައްވަން ޖެހިވަޑައިގެންނެވިއެވެ. އުމަވީ ދައުލަތް އުފެދުމަށްފަހު އުމަވީންގެވެސް އެންމެ ބޮޑުބޮލުގައި ރިހުމަކަށްވެފައި އޮތީ ޚަވާރިޖުންގެ މައްސަލައެވެ.

ޚަވާރިޖުންގެ ސަބަބުން އިސްލާމީ މުޖްތަމައުގައި އުފެދިފައި އޮތް ގުޖަޑުގަޑު ހަމަޖައްސަވަން އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްއަޒީޒު އެންމެ ފުރަތަމަ ބޭނުންކުރެއްވީ، އަލްއިމާމު އަލީ ކައްރަމަﷲ ވަޖުހަހޫ ފަދައިން ހެޔޮ ނަސޭހަތް ދެއްވުމެވެ. ވިސްނައިދެއްވުމެވެ.

މިގޮތުން އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު އެންމެ ފުރަތަމަ އެޅުއްވި ފިޔަވަޅަކީ ޚަވާރިޖުންގެ ތެރޭގައި އޭރު އިސްކޮށްހުރި ބަސްޠާމަށް ސިޓީފުޅެއް ފޮނުއްވުމެވެ. އެސިޓީގައި ލިޔުއްވައިފައިވެއެވެ.

"ތިޔަގޮތަށް އުންމަތުގެ ތެރޭގައި ފަސާދަ އުފައްދައި ލޭ އޮހޮރުވުމުން ލިބޭނީ ކޮން މޮޅެއް ހެއްޔެވެ؟ ކަލޭގެ އަހަރެންގެ ގާތަށް އައިސް އަހަންނާ ބަޙުޘުކުރާށެވެ. އަހަންނަށް ކަލޭގެ ސުވާލުތަކަށް ޖަވާބު ދެވިއްޖެނަމަ އެހެނިހެން މުސްލިމުން ފަދައިން އަހަރެންގެ ކިޔަމަނުގައިވާށެވެ. ކަލެޔަށް އަހަރެން ކަލޭޔާ އެއްބަސްކުރުވިއްޖެނަމަ އަހަރެން ގެންގުޅޭ ސިޔާސަތާމެދު އަހަރެން ވިސްނާނަމެވެ."

ބަސްޠާމު ޚުދު އޭނާ އަމިއްލަޔަށް އަމީރުލް މުއުމިނީންގެ އަރިހަކަށް ނައެވެ. ނަމަވެސް މީހުން ފޮނުވައިގެން އަމީރުލް މުއުމިނީނާ ބަޙުޘުކުރިއެވެ. އަމީރުލް މުއުމިނީންގެ މި ސިޔާސަތުގެ ސަބަބުން ޚަވާރިޖުން ދުވަސްކޮޅެއް ވަންދެން ހިމޭނުން ތިއްބެވެ.

(ނުނިމޭ)

comment ކޮމެންޓް