ބިންމާ އިބްރާހީމް ވަހީދުގެ ސްކްރީންޕްލޭ އަކަށް ލިލީގެ ޗެއާމަން މައްލާ ނާސިރު (މައްލާ ނާބެ) އާއި އިބްރާހިމް ރަޝީދު (މަހުރަބު އިއްބެ) ޕްރޮޑިއުސްކޮށްފައިވާ "މަލިކާ" އަކީ ހަމައެކަނި އޮލިމްޕަހުގައި ފިލްމެއް އެޅުވުމުގެ ނިޔަތުގައި ހެދި ފިލަމެއް ނޫން ކަމަށާއި އެ ފިލްމު އުފެއްދީ ބެލުންތެރިންނަށް އިބްރަތެއް ހާސިލްވާނެ ގޮތަށް ކަމަށް ފިލްމުގެ ޓީމުން ބުނެފިއެވެ.
ރިލީޒް ކުރުމުގެ ކުރިން ނޫސްވެރިންނަށް ފިލްމު ދައްކާލުމަށްފަހު ޕްރޮޑިއުސަރު އިބްރާހިމް ރަޝީދު (މަހުރަބު އިއްބެ) ބުނީ ޝޫޓިން ފެށީ ބެލުންތެރިންނަށް އިބުރަތް ހާސިލުވާނެ ފަދަ ގޮތަކަށް ފިލްމު ގެނެސްދިނުމަށް ކަމަށެވެ.
"ބެލުންތެރިންނަށް މި ފިލްމު ބަލައިގެން ހިތްހަމަޖެހޭނެ ވަގުތުކޮޅެއް. ބެލުންތެރިންނަށް މި ފިލްމު ބަލައިގެން އުފަލެއް ލިބިއްޖެއްޔާ ހަގީގަތުގައި މައްލާ ނާބެގެ މަގުސަދު ހާސިލްވީ،" އިއްބެ ބުންޏެވެ.
ޑައިރެކްޝަންގެ މަސައްކަތް އަލީ މުސްތަފާ (ސެމީ) އާއި މޫމިން ފުއާދު އަދި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)އާ ހަވާލު ކުރުމަށްފަހު ފިލްމު އަވަހަށް ނިންމަން ބާރު އަޅާފައި ނުވާނެ ކަމަށާއި ބޭނުންވީ ރަނގަޅު ފިލްމެއް އުފެއްދުމަށް ކަމަށް އޭނާ ބުންޏެވެ.
"ފިލްމުގެ މަސައްކަތް އެބޭފުޅުން ރާވައިގެން ކުރިޔަށް ގެނދިޔަ ގޮތާ މެދު އަޅުގަނޑުމެން ވަރަަށް ހިތްހަމަ ޖެހޭ. އަދި އެބޭފުޅުން މަގުމަތިން ފެނުނަސް ފިލްމުގެ މަސައްކަތް ކިހާ ހިސާބަކަށް ގޮސްފިހޭ ބުނެ ސުވާލެއް ނުކުރަން އަޅުގަނޑުމެން. އެހެން ކިޔައި އުނދަގޫ ކޮށެއް ނަހަދަން. އަޅުގަނޑުމެން ދެކެނީ ބަޔަކާ މަސައްކަތެއް ހަވާލު ކުރުމުން އެ ބޭފުޅުންނަށް ވަގުތު ބޭނުންވާނެ ކަަމަށް،" އިއްބެ ބުންޏެވެ.
ރާއްޖޭގައި ދިމާވާ ބޮޑު އިޖްތިމާއީ މައްސަލައެއްގެ މައްޗަށް ހަދާފައިވާ އެ ފިލްމުގެ މައި ރޯލުން ފެނިގެންދަނީ ކުރީގެ މަޝްހޫރު ފިލްމީ ތަރި އިސްމާއިލް ޒާހިރާއި ފިލްމީ ދާއިރާއަށް މުޅިން އަލަށް ނުކުންނަ މޫނެއް ކަމަށްވާ، ނުޒުހަތު ޝުއެއިބު (ނުޒޫ) އެވެ.
ދެން އެ ފިމްލުމުގައި ފެންނަނީ އަލީ އާޒިމް (ދޮން އައްޔަ) އާއި މިއަހަރުގެ ގައުމީ ފިލްމު އެވޯޑްސްގެ އެންމެ މޮޅު ސަޕޯޓިން އެކްޓުރެސްގެ އެވޯޑް ހޯދި ޒުވާން ބަތަލާ ފާތިމަތު އާޒިފާ (އަޒޫ)، ޖުމައްޔިލް ނިމާލް އަދި އަހުމަދު ޝާކިރު (ޝާކް އައްމަޑޭ) ގެ އިތުރުން އަހުމަދު އާސިމް އަދި ނީނާ ސަލީމްގެ މޮޅު ހުނަރެވެ.
"މަލިކާ" ބެލުންތެރިންނަށް ދައްކަން ފަށަނީ މިރޭ އެވެ.