ބޭލްއަށް ދެއްކި ރަތް ކާޑާ ގުޅިގެން އޭނާ ވަނީ މައާފަށް އެދިފައި: ޒިދާން

ލަސް ޕަލްމާސްއާ ދެކޮޅަށް ކުޅުނު މެޗުގައި ބޭލްއަށް ރަތް ކާޑު ދެއްކުމުން އޭނާ ދަނޑުން ފައިބަނީ: ރޭ ކުޅުނު އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

ރެއާލް މެޑްރިޑްގެ ވޭލްސް ތަރި ގެރެތު ބޭލްއަށް ލަސް ޕަލްމާސްއާ ދެކޮޅަށް ދެއްކި ރަތް ކާޑާ ގުޅިގެން އޭނާ މައާފަށް އެދިފައިވާ ކަމަށް އެކްލަބުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ލަސް ޕަލްމާސްއާ ދެކޮޅަށް ކުޅެ 3-3 ލަނޑުން އެއްވަރުވި މެޗުގައި ބޭލްއަށް ވަނީ ދެވަނަ ހާފުގެ ކުރީކޮޅުގައި ރަތް ކާޑެއް ދައްކައި، ދަނޑުން ފޮނުވާލައިފައެވެ.

ބޭލްއަށް ދެއްކި ރަތް ކާޑަށްފަހު 3-1 ލަނޑުން ރެއާލް ބަލިވާން ދަނިކޮށް، މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް، އެޓީމުގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ދެ ލަނޑު ޖަހައި، ރެއާލަށް ޕޮއިންޓެއް ކަށަވަރުކޮށްދީފައެވެ.

"ބޭލް ވަނީ މައާފަށް އެދިފައި. އެކަމާ ގުޅިގެން އޭނާ ހުރީ ދެރަވެފައި. މިފަދަ ކަންތައްތައް ވާނެ. އެކަންތައްތަކެއް ބަދަލެއް ނުކުރެވޭނެ. އަހަރެން ކުރިން ހުރީ ވަރަށް އުފަލުން. އެކަމަކު ފަހަކަށް އައިސް އަހަރެން މި ހުންނަނީ އުފަލަކުން ނޫން. އެކަމަކު މިއީ ވަރަށް ދިގު ސީޒަނެއް. އަދި އަހަރެމެން އެކަންތައްތައް ބަދަލުކުރާނަން،" ރެއާލްގެ ކޯޗު ޒިދާން ބުންޏެވެ.

ރޭގެ މެޗުން ރެއާލް އެއްވަރުވުމާ ގުޅިގެން ބާސާއަށް ވަނީ ޕޮއިންޓެއްގެ ފަރަގަކާއެކު ލަލީގާ ތާވަލުގެ އެއްވަނަ ލިބިފައެވެ. ނަމަވެސް ބާސާ ވަނީ ރެއާލަށްވުރެ އެއް މެޗު އިތުރަށް ކުޅެފައެވެ.

comment ކޮމެންޓް