އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ފައްޔާޒު އިސްމާއިލް މަޖިލީހުގެ ތަޅުމުގައި އިހްތިޖާޖު ކުރައްވައި، މަޖިލީހުގެ ރިޔާސަތުގެ ގޮނޑިކޮޅު ހިސޯރަ ކުރައްވައިފި އެވެ.
އޭނާ އެ އިހްތިޖާޖު ކުރެއްވީ ދުންފަތާއިި އެނާޖީ ޑްރިންކުން ނަގާ ޓެކްސްގެ ފަސް ޕަސެންޓް، ހަރަދު ކުރަން ޖެހޭނީ އެފަދަ ތަކެތިން ލިބޭ ގެއްލުންތަކާ ގުޅޭ ގޮތުން މީހުން ހޭލުންތެރި ކުރުވުމަށް ކަމަށް ބަޔާން ކުރާ އިސްލާހު މަޖިލީހުން ބަލައިނުގަތުމުންނެވެ.
ގަމު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ފައްޔާޒު ހުށަހެޅި އިސްލާހު ބަލައިނުގަތް ސަބަބެއް މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު ވިދާޅެއްނުވެ އެވެ. ފައްޔާޒު އިސްލާހު ހުށަހެޅުއްވީ ސިނގިރެޓާއި އެނާޖީ ޑްރިންކުން ނަގާ ޓެކްސް ބޮޑު ކުރަން ކޮމެޓީން ދިރާސާކޮށް ނިންމައި ހުށަހެޅި ރިޕޯޓަށެވެ.
މިއަދު މަޖިލީހަށް އެޖެންޑާކޮށްފައި ވަނީ ސިނގިރެޓާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސްކޮށް ވޯޓަށް އެހުމެވެ. އެ މަރުހަލާގައިވާ ބިލަކަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު މެމްބަރުންނަށް ލިބިގެންވެ އެވެ.
މަޖިލީހުގެ ލައިވް ފީޑު މެދު ކަނޑާލި ނަމަވެސް މަޖިލީހުގެ ރައީސް ވަނީ މަޖިލީހުގެ ތަޅުމުގައި ވަޒީރުން އިށީންދެވަޑައިގަންނަވާ ގޮނޑިއެއްގައި އިށީންދެވަޑައިގެން ވޯޓަށް އައްސަވައިގެން ސަރުކާރުން ހުށަހަޅާފައިވާ ބިލު އިސްލާހަކާ ނުލައި ފާސްކުރައްވާފަ އެވެ. އެ ބިލަކީ ސިނގިރެޓާއި އެނާޖީ ޑްރިންކުން ނަގާ ޓެކްސް ބޮޑު ކުރުމަށް އިންޕޯޓް ޑިއުޓީގެ ގާނޫނަށް ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި ބިލެކެވެ.
އިންޕޯޓް ޑިއުޓީގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލު މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ. އެ ބިލަށް ތާއީދުކޮށް 52 މެމްބަރުން ވޯޓު ދީފައިވާ އިރު، ދެކޮޅަށް ވޯޓު ދިނީ ހަތަރު މެމްބަރުންނެވެ. އަދި އެއްވެސް ކޮޅަކަށް ވޯޓު ނުދޭ ތިން މެމްބަރުން ތިއްބެވެ.
އެ ބިލު ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރައްވައިފިނަމަ، ސިނގިރޭޓް ފޮށްޓެއްގެ އަގު 80 ރުފިޔާއަށް ވުރެ ބޮޑުވެގެންދާނެ އެވެ. އަދި އެނާޖީ ޑްރިކު ދަޅަކުން އަށް ރުފިޔާ ބޮޑުވެގެންދާނެ އެވެ.