ދިވެހި ފިލްމީ ދައިރާއަށް މިހާރަކަށް އައިސް މިވަނީ އާ މޫނު ތައާރަފް ވާން ފަށައިފައެވެ. ފިލްމު ތަކުންނާއި ވީޑިއޯ ލަވަތަކުން ފިލްމީ ދާއިރާއަށް ތައާރަފްވާ ކުދިން ދަނީ އެކުދިންގެ މޮޅު ހުނަރު ދައްކަމުންނެވެ. ދައްކަން މިއުޅެނީ ހިތްގައިމު ރީތި ލަވައަކުން އިންޑަސްޓްރީއަށް ތައާރަފްވި މުހައްމަދު ވިޝާލްގެ ހުނަރު ދައްކާލާފައިވާ "އަބަދު މަގޭ ހިތް ބޭނުމޭ"، މިލަވައިގެ ވާހަކައެވެ.
ހަސަން ރާޝިދު ޕްރޮޑިއުސްކޮށް އޭނާ ކިޔާފައިވާ އެ ލަވައިން ފެނިގެންދަނީ ދިވެހި ފިލްމުތަކުން ބެލުންތެރިންގެ ހިތް އަތުލަމުން އަންނަ މަޝްހޫރު ފިލްމީ ތަރި މަލީހާ ވަހީދު (މަލް) އާއި ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވި މުހައްމަދު ވިޝާލެވެ.
"ހީލީމާ"، ލަވައިން ޑައިރެކްޓަރުގެ ދަތުރު ފެށި އަޒްހާން ޑައިރެކްޓް ކޮށްފައިވާ އެލަވައަކީ އަމިއްލަ ރާގެކެވެ.
އެ ލަވައިގެ ޅެން ހަދާފައިވަނީ ގިނަ ލަވަތަކަކުން ދިވެހިންގެ މަގުބޫލުކަން ހޯދި ލަވަކިޔުންތެރިޔާ ފަލާހު އެވެ. އަލީ ރަމީޒުގެ ގިނަ ލަވަތައް ކިޔާދީފައިވާ ކޮއްކޮ މިއުޒިކް ހަދާފައިވާ "އަބަދު މަގޭ ހިތް ބޭނުމޭ" ލަވައިގެ މަންޒަރުތައް ނަގާފައިވަނީ ހުޅުމާލޭގައެވެ.
އޭގެ އިތުރުން ލަވައިގެ ކެމެރާ ހުސެން (ކުޑަޓެޑް) ކޮށްދީފައިވާއިރު މޭކަޕް ކޮށްދިނީ، ރިޒޫ(ލޭކޮކާ) އެވެ.
"އަބަދު ހިތް މަގޭ ބޭނުމޭ" ގެ ޕްރޮޑިސަރު ބުނީ، ބޭނުންވަނީ އާ ކުދިންނަށް ފުރުސަތުދީ އެކުދިން ފިލްމީ ދާއިރާއަށް ނެރުމަށް ކަމަށެވެ. އަދި އެކަހަލަ ރީތި ކިތަންމެ ލަވައެއް ބެލުންތެރީންނަށް ގެނެސްދޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.