ފ. އަތޮޅު ޕްރޮޖެކްޓް މުހިންމު، ތަފްސީލް ނެތީސް ގޮތް ނިންމައިގެން ނުވާނެ: އޭޑީކޭ ނާޝިދު

ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު: ފ. އަތޮޅު މަޝްރޫއާ ގުޅޭ ގޮތުން ތަފާތު ހިޔާލެއް ނެރުއްވި-- ފޮޓޯ/ މަޖިލިސް

ގާނޫނު އަސާސީގައިވާ ގޮތަށް، ފ. އަތޮޅުގައި އެއްވެސް ޕްރޮޖެކްޓެއް ހިންގާނަމަ އެއީ މުހިންމު ޕްރޮޖެކްޓެއް ކަމަށާއި، ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ރަސްމީކޮށް ނުލިބެނީސް އެއްވެސް ފަރާތަކުން އެކަމުގައި ގޮތް ނިންމައިގެން ތިބުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ކޮމަންޑޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ މިއަދު އާންމުކުރި ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ނާޝިދު ވިދާޅުވީ، ގާނޫނު އަސާސީގެ 15 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތަށް ހިންގާ ޕްރޮޖެކްޓެއްނަމަ، ފ. އަތޮޅުގައި ސަރުކާރުން ހިންގާނެ ޕްރޮޖެކްޓަކީ މުހިންމު ޕްރޮޖެކްޓަކަށްވާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށް ގެނައި ދެ ވަނަ އިސްލާހުގެ ދަށުން ދިވެހިރާއްޖެއަށް ގެނެވޭ ބޮޑެތި އިންވެސްޓްމެންޓްތަކުގައި އަމަލުކުރަންވީ ގޮތް ގާނޫނު އަސާސީއަށް އިތުރުކުރި 15 ވަނަ ބާބުގައި ވަނީ ބަޔާންކޮށްފަ އެވެ. އެގޮތުން ވަނީ ހާލަތެއް ފިޔަވައި ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ބޭރުގެ ފަރާތްތަކަށް ކުއްޔަށް ނުވަޔަ އެނޫންވެސް ގޮތަކަށް ދެވޭނީ އެންމެ ދިގުވެގެން 99 އަހަރަށް ކަމަށް އެ ބާބުގައިވެ އެވެ.

އޭގެ އިތުރުން އެފަދަ ޕްރޮޖެކްޓެއްގެ ދަށުން ކުރެވޭ އިންވެސްޓްމެންޓަކީ މަދުވެގެން އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކަށް ވުމުގެ އިތުރުން، އެ އިންވެސްޓްމެންޓްގައި ހިމެނޭ ބިމަކީ 70 ޕަސެންޓް އެ ޕްރޮޖެކްޓަށް ހިއްކާފައިވާ ބިމަކަށް ވާންޖެހެ އެވެ. އަދި އެފަދަ ޕްރޮޖެކްޓަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ހާއްސަ ގާނޫނަކުން ހުއްދަ ދެވިފައިވާ އަދި ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ދިވެހި ދައުލަތުގެ ބާރު ފުރިހަމައަށް އެތަނަކަށް ހިނގަންޖެހެ އެވެ.

ނާޝިދުގެ ބަޔާނުގައި ބުނީ، "ސަރުކާރުން ހިންގުމަށް ޝައުގުވެރިވެފައިވާ" އިންވެސްޓްމެންޓާ ގުޅިގެން އިއްޔެގެ މަޖިލީހުގެ ކޮމިޓީގައި، އެ މަޝްރޫއަކީ އޭގެ ޒާތައް ބަލާއިރު ގާނޫނާ އެއްގޮތަށް ހިންގާ ޕްރޮޖެކްޓެއް ނަމަ ރަނގަޅު ޕްރޮޖެކްޓަކަށް ވާނެ ކަމަށާއި އޭގެ މައުލޫމާތު މަޖިލީހާ ހިއްސާކުރުމަށް ވެސް ދަންނަވާފައިވާ ކަމަށެވެ.

ނާޝިދު ވިދާޅުވީ، އެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުންނާއި އެހެނިހެން ފަރާތްތަކުން ނާޝިދު ފާޅުކޮށްފައިވާ ހިޔާލުތަކާއި ދައްކާފައިވާ ވާހަކަތަކުގެ އަސްލު އޮޅޭ ގޮތަށް މައުލޫމާތު ފަތުރައި އޭނާއަށް ހުތުރުބަހުން މުއާމަލާތް ކުރަމުން ގެންދާތީ އެކަމަކީ މިނިވަން ދިމިގްރާދީ ނިޒާމެއްގައި ކަން އޮންނަންވާނެ ގޮތް ނޫން ކަމަށް ވެސް ނާޝިދުގެ ބަޔާނުގައިވެ އެވެ.

ނާޝިދު ވިދާޅުވީ ޕްރޮޖެކްޓްގެ ވާހަކަތަކާ ގުޅިގެން ފެތުރިފައިވާ ހަބަރުތަކާ ގުޅިގެން ރައްޔިތުންގެ ނުތަނަވަސްކަން ފިލުވާލުމަށް ސަރުކާރުން އެކަމުގެ ހަގީގަތް ހާމަކުރުމަށް އެދިލައްވާ ކަމަށެވެ.

comment ކޮމެންޓް