މާދަމައިން ފެށިގެން ހުޅުމާލޭ ބަނދަރުގައި އަޅާ އުޅަނދުތަކުން ފީ ނަގަނީ

ހުޅުމަލޭ ބަނދަރުގައި އުޅަނދެއް އަޅާފައި ---

ހުޅުމާލޭ ބަނދަރު ދެ ޒޯނަކަށް ބަހާލައި، އެ ބަނދަރުގައި އަޅާ އުޅަނދުފަހަރުގެ ދިގުމިނަށް ބަލައިގެން މާދަމާއިން ފަށައިގެން ފީއެއް ނެގުމަށް ނިންމައިފި އެވެ.

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ބަނދަރު ދެ ޒޯނަކަށް ބަހާލައި، އުޅަނދުތަކުން ފީ ނެގުމަށް ނިންމީ ހުޅުމާލޭ ބަނދަރުގައި އުޅަނދުފަހަރު އަޅާފައި ބޭއްވުމުގެ ސަބަބުން އެސަރަހައްދަށް ވަދެ ނުކުމެ އުޅޭ އުޅަނދުތަކަށް އުނދަގޫ ވާތީ އެވެ.

އެޗްޑީސީއިން ވަނީ، ހުޅުމާލޭ ފަރާއި ފަޅު ބޭނުންކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލައި، އަންމުކޮށްފަ އެވެ.

ހުޅުމާލޭ ބަނދަރުގެ ފުރަތަމަ ޒޯނަކީ އެ ބަނދަރުގައި ހުޅުލެއާ ދިމާލުން އޮތް ހިސާބެވެ. އެ ހިސާބުގައި އަޅާފައި ބޭއްވޭނީ ރާއްޖެ އިން ބޭރުން އަންނަ ޔޮޓުފަހަރާއި ސަފާރީއާއި ޑައިވިންގް އަދި އެކްސްކާޝަން އުޅަނދުތައް ފަދަ، ފަތުރުވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ އުޅަނދުތަކެވެ. މި ޒޯނުގައި އަޅާފައި ބާއްވާ ކޮންމެ އުޅަނދެއް، އެ އުޅަނދުގެ ދިގުމިނަށް ބަލައި، ކޮންމެ މީޓަރަކަށް މަހަކު 50 ޑޮލަރުގެ ފީއެއް ދައްކަން ޖެހެ އެވެ.

ދެވަނަ ޒޯނު އޮންނަނީ ހުޅުމާލޭ ބަނދަރުގެ އިރުމަަތީ ދިމާލުގައި، ހުޅުމާލޭގެ ދެވަނަ މަޝްރޫއުގައި ހިއްކި ސަރަހައްދު ކުރިމަތިންނެވެ. އެ ސަރަހައްދުގައި އަޅާފައި ބޭއްވޭނީ ލޯންޗާއި، މުދާ އުފުލާ އުޅަނދުތަކާއި މަސްވެރިކަމުގައި ބޭނުންކުރާ އުޅަނދުތަކާއި އަމިއްލަ އުޅަނދުފަހަރެވެ. އެ ޒޯނުގައި އޮންނަ ކޮންމެ އުޅަނދެއް މަހަކު ދައްކަން ޖެހެނީ ދިގުމިނަށް ބަލައި، މީޓަރަކަށް 100 ރުފިޔާގެ ފީއެކެވެ.

އުސޫލުގައި ބުނެފައިވާ ގޮތުން ހުޅުމާލޭ ބަނދަރުގައި އަޅާފައި އޮވެ، އުޅަނދެއް މަރާމާތު ކުރެވޭނީ އެޗްޑީސީގެ ހުއްދައާ އެކުގަ އެވެ. އަދި އެ އުޅަނދަކުން ވިޔަފާރި ވެސް ކުރެވޭނީ އެޗްޑީސީގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއްގެ އިތުރުން، ކަމާ ބެހޭ އިދާރާތަކުގެ ހުއްދަ ހޯދައިގެންނެވެ.

އުސޫލުގައި ބުނެފައި ވަނީ، އެ އުސޫލާ ޚިލާފުވާ ފަރާތެއް ފުރަތަމަ ފަހަރަށް 5،000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދު، ދެވަނަ ފަހަރު 10،000 އާ 50،000 ރުފިޔާއާ ދެމެދު، އަދި ތިން ވަނަ ފަހަރު އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ޖޫރިމަނާ ފައިދާ ނުދައްކައިފި ނަމަ، ނުވަތަ ތިންފަހަރަށް ވުރެ ގިނައިން ގަވައިދާ ޚިލާފުވެއްޖެ ނަމަ އެފަރާތެއް ހުޅުމާލޭ ބަނދަރު ބޭނުންކުރުން މަނާކުރެވޭނެ އެވެ.

comment ކޮމެންޓް