ބޭރުގެ މުބާރާތެއްގެ ފައިނަލަށް ދަތުރުކުރި ރާއްޖޭގެ ފުރަތަމަ ކްލަބަކަށް ޓީސީ

ޓީސީ ކުޅުންތެރިން މަނަންގް ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ--

ރާއްޖޭން ބޭރުގައި ބޭއްވި ބައިނަލްއަގުވާމީ މުބާރާތެއްގެ ފައިނަލަށް ދަތުރު ކުރި ރާއްޖޭގެ ފުރަތަމަ ކްލަބުގެ ޝަރަފު، ސީޓީ ސްޕޯޓްސް ކްލަބަށް ލިބިއްޖެ އެވެ.

އެ ޓީމަށް އެ ޝަރަފް ލިބުނީ މިހާރު ކުރިއަށްދާ ޝެއިހް ކަމާލް އިންޓަނޭޝަނަލް ކަޕްގެ ސެމީފައިނަލު މެޗު، ނޭޕާލްގެ މަނަންގ މަޝިޔަންގުޑީއާ (އެމްއެމްސީ)އާ ބައްދަލުކޮށް 1-0 ގެ ނަތީޖާއަކުން މުބަރާތުގެ ފައިނަލަށް ދަތުރުކޮށްގެންނެވެ.

މީގެ ކުރިން ރާއްޖޭގެ ކުލަބަކުން ބައިނަލްއަގުވާމީ މުބަރާތެއްގައި ފައިނަލާ ހިސާބަށް ދަތުރުކޮށްފައެއް ނުވެ އެވެ. މީގެ ކުރިން ބައިނަލްއަޤުވާމީ މުބާރާތެއްގައި އެންމެ ދުރަށް ސެމީ ފައިނަލާ ހަމައަށް ދެވިފައިވަނީ ވެސް ޓީސީ ގެ އިތުރުން ނިއުރޭޑިއަންޓަށެވެ.

މިއަދު ހަވީރު ރާއްޖެގަޑިން 5:30ގައި ފެށީ މި މެޗުގައި ޓީސީގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ޓީސީން މި މެޗުގެ ފުރަތަމަ ހާފުވަނީ އެމްއެމްސީއަށް މާބޮޑު ފުރުޞަތެއް ނުދީ ގޭމް ކޮންޓްރޯލް ކޮށްގެން ކުޅެފައެވެ. މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ޓީސީންނެވެ. ޓީސީގެ މަހްދީ އެމްއެމްސީގެ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށްށެވެ.

ޓީސީއަށް ލިބުނު އެންމެ ފަހި ދެ ވަނަ ފުރުޞަތެއްގެ ގޮތުގައި ފުރަތަމަ ހާފުގައި ފެނުނު އެންމެ ރަނގަޅު ފުރުޞަތަކީ 21 ވަނަ މިނެޓުގައި ޓީސީ ކެޕްޓަން ނާފިއު އަށް ލިބުނު ފުރުސަތެވެ. އޭރިއާތެރޭ މުޅިން ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވާ ގޮތެއް ނުވިއެވެ. އެ ހަފުގައި އެމްއެމްސީއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތުކަތެއް ވެސް ލިބިގެން ގޮސްފަ އެވެ. އެގޮތުން 34 ވަނަ މިނިޓުގައި އެމްއެމްސީގެ ޖާޒީ ނަންބަރު ތިނެއް އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ފަހަގަ ކޮށްލެވެއެވެ.

އެ ހާފުގައި އެންމެ ރަނގަޅު ފުރުޞަތެއް ލިބުނީ ޓީސީގެ އިބްރާހިމް ވަހީދަށެވެ. މަހުދީ އާއި ވަހީދު އެމްއެމްސީގެ ހާފް ތެރޭގައި މޮޅު ޕާސިން ގޭމެއް ކުޅުމަށް ފަހު އޭރިއާ ބޭރުން ވަހީދު ފޮނުވާލި ބާރު ހަމަލާ ގޯލަށް އަމާޒުވާ ގޮތެއް ނުވިއެވެ.

ދެވަނަ ހާފު ފަށައިގެން މޮޅަށް ކުޅެމުން ދިޔައީ އެމްއެމްސީގެ މަޝިޔަންގްޑީއިންނެވެ. އެ ހާފުގައި އެ ޓިމުން ވަނީ ޓީސީ ގޯލަށް ނުރައްކާތެރި ހަމަލާތކެއް ފޮނުވާލާފައެވެ. ނަމަވެސް ހަމަލާތައް ޓީސީގެ ނޭޕާލް ކީޕަރު ވަނީ ހުށިޔާރު ކަމާއެކު ދިފާއުކޮށްފައެވެ. ދެވަނަ ހާފުގެ 54 ވަނަ މިނިޓްގައި މަނަންގެ ކުޅުންތެރިއާ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބޯޅަ ދިފާއު ކުރީ ޓީސީ ކީޕަރު އެވެ. މެޗުގެ ކޮންޓްރޯލް ޓީސީ އަތުން ގެއްލި ހަމަލާއަކަށް ފަހު ހަމަލާއެއް ޓީސީގެ ގޯލަށް އަމާޒު ވަމުންދިޔައިރު ޓީސީގެ ޑިފެންސްލައިން އެ ހާފުގައި ފެނުނީ ވަރަށް ވަރުބަލިކޮށެވެ.

މިއަދުގެ ތާރީޚީ މެޗުގައި، ތާރީހީ ލަނޑު ޓީސީއަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ނާފިއުއެވެ. އައްޒާމް ނަގައިދިން ހުރަހަކުން އެ ގޯލް އެމްއެމްސީ ކޮޅަށް ވަނީ މަނަންގެ ކީޕަރު އަތުގައި ޖެހިފައި ނުކުތް ބޯޅަ ނާފިއު ގައިގައި ޖެހިގެންނެވެ.

އެ ނަތީޖާއާ އެކު ޓީސީ މުބަރާތުގެ ފައިނަަލަށް ދަތުރުކުރި އިރު އެޓީމާއި ފައިނަލުގައި ވާދަ ކުރަންޖެހޭ ޓީމެއް އެނގޭނީ މާދަމާ ކުޅޭ ސެމީ ފައިނަލުގެ ދެވަނަ މެޗަށް ފަހުއެވެ. އެ މެޗުގައި ވާދަކުރާނީ ގުރޫޕް "އޭ"ގެ ދެވަނަ އެފްސީ ޕޮޗިއޮން އާއި ގްރޫޕް ބީގެ އެއްވަނަ ޗިޓަގޮން އަބަހާނީ އެވެ.

comment ކޮމެންޓް