ެއެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން އިންތިޒާމުކޮށްގެން މިދިޔަ އަހަރު ބޭއްވި، "އެނާރޖީ އެފިޝަންސީ އާރޓް ކޮމްޕެޓިޝަން 2016"ގެ ނަތީޖާ ފާޅުކޮށްފިއެވެ.
މި މުބާރާތުގައި ކެޓަގަރީ ތަކުން ވަނަވަނައަށް ދިޔަ ކުދިންނަށް ވަނީ ސެޓްފިކެޓާއި އެވޯޑް ހަވާލުކޮށްފައެވެ. މި ކުރެހުމުގެ މުބާރާތުގައި ވަނީ ހަ އަހަރާއި ފަންސަވީސް އަހަރާ ދެމެދުގެ ކުދިންގެ މުޅި ޖުމްލަ ހަތަރު ކެޓަގަރީ އަކުން 134 ކުރެހުން ހުށަހަޅާފައެވެ.
މި ކުރެހުމުގެ ހަރަކާތުގެ މަގްސަދަކީ ސްކައުޓުންނާއި ގާލްގައިޑުންގެ ޔުނީފޯމުގައި ޖަހާނެ "އެނާރޖީ އެފިޝަންސީ" ބެޖެއް ފަރުމާ ކުރުމެވެ. މުބާރާތުގެ ފަނޑިޔާރުންގެ މާކުހާއި ފޭސްބުކް ލައިކްސް ލިބިގެން ވަނަތަކަށް ހޮވުނު އަށް ކުރެހުމަކަށް ވަނީ އެވޯޑް ހަވާލުކޮށްފައެވެ.
އޭގެ އިތުރުން ހަކަތަ އިސްރާފުނުކޮށް ބޭނުންކުރުމަށް އަހުލުވެރިކުރުމަށް އާންމުކުރެވޭ ދެ ވީޑިއޯ އެއްވެސް މިއަދު ވަނީ ލޯންޗުކޮށްފައެވެ.
"އެނާރޖީ އެފިޝަންސީ އާރޓް ކޮމްޕެޓިޝަން 2016" ގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަހަކަފުޅު ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤު އިބްރާހީމް ވިދާޅުވީ، އެ މުބާރާތުގެ ސަބަބުން ރާއްޖޭގައި ހަކަތައިގެ ދާއިރާއިން ކުރަމުންދާ މަސައްކަތަށް ބޮޑު ކުރި އެރުމެއް ލިބިގެންދާނެ ކަމަށެވެ.
އޭގެ އިތުރުން ރާއްޖެ އަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގެއްލުންތަކެއް ވަމުންދާ ގައުމެއް ކަމަށާއި އެ ހަރަކާތުގެ ސަބަބުން އެފަދަ ކަންކަމުގެ މައުލޫމާތު ލިބިގެންދާނެ ކަަމަށްވެސް ޠާރިޤު ވިދާޅުވިއެވެ.
ރާއްޖެއަކީ ބޭރުގެ ގައުމުތަކުން ހަކަތަ އުފެއްދުމަށް ބޭނުންވާ ޑީސަލް ގެނެސްގެން ހަކަތަ އުފައްދަމުންދާ ތަނެއް ކަމަށާއި އެ ހަކަތަ ބޭނުންކުރުމުގައި "އެނާރޖީ އެފިޝަންޓް" ކުރެވިއްޖެ ނަމަ އެއީ ރާއްޖެއަށްވެސް ލިބިގެންދާނެ ލުޔެއް ކަމަށް ޠާރިޤު ވިދާޅުވިއެވެ.
ޠާރިޤު ވިދާޅުވީ، ސަރުކާރުން އަންނަަ އަހަރު ނިމެންވާއިރަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭނުންކުރެވޭ ކަރަންޓަކީ އިއާދަކުރަނިވި ހަކަތައިން ބޭނުންކުރެވޭ އެއްޗަކަށް ހަދާނެ ކަމަށެވެ. އޭގެ އިތުރުން ހަކަތަ އިސްރާފުނުކޮށް ބޭނުން ކުރުމަށް ކުރެވޭނެ ކަންތައްތައް ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށް ޠާރިޤު އެދިވަދައިގެންނެވިއެވެ.