ރާއްޖެ ޓީވީގެ ކެމެރާމަން ޒަރީރުގެ މައްޗަށް ކުށް ސާބިތުވެ، ޖޫރިމަނާކޮށްފި

ރާއްޖެ ޓީވީގެ ނޫސްވެރިޔާ އާދަމް ޒަރީރު މިއަދު ކޯޓަށް ހާޒިރުވަނީ --- ސަންފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެ ޓީވީގެ ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރި ކަމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި 3000 ރުފިޔާއިން ޖޫރިމަނާކުރަން ހުކުމް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައި ވަނީ ދައުލަތުން ހުށަހަޅާފައިވާ ވީޑިއޯއިން ފެންނަ މަންޒަރުތަކުންނާއި، ފުލުހުންގެ ހެކިބަހުން ޒަރީރުގެ މައްޗަށް އެ ދައުވާ ސާބިތުވާ ކަމަށެވެ. ބެރިކޭޑު ޖަހާފައިވާ ސަރަހައްދަށް ޒަރީރު ވަދެފައިވާކަން ހެކިބަސްދިން ފުލުހުން ބުނެފައިވާއިރު، ވީޑިއޯއިން އެކަން ކަށަވަރު ވާ ކަމަށް ހުކުމްގައި ވެއެވެ.

ދައުލަތުން ހުށަހަޅާފައިވާ ވީޑިއޯގެ ސައްހަ ކަމާމެދު ޒަރީރުގެ ފަރާތުން ސުވާލު އުފައްދާފައިނެތްކަމަށް ވެސް އެ ހުކުމްގައި ވަނީ ފާހަގަކޮށްފައެވެ.

ޒަރީރާ އެއްކޮޅަށް ހެކިބަސް ދިން ތިން ނޫސްވެރިންގެ ހެކިބަހަކީ ދައުލަތުން ހުށަހަޅާފައިވާ ހެކި ނަފީ ކުރެވޭ މިންވަރުގެ ހެކިބަހެއް ނޫން ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

މިއަދު ބޭއްވި ޝަރީއަތުގައި ޒަރީރުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ގާޒީ ވަނީ ދެ ފަރާތަށްވެސް އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ފުރުސަތު ދީފަ އެވެ.

އެ ފުރުސަތުގައި ޒަރީރުގެ ފަރާތުން ވާހަކަ ދައްކަވަމުން އޭނާގެ ވަކީލު އަބްދުﷲ ހަސީން ވަނީ އެންމެ ކުޑަ އަދަދަކުން ޖޫރިމަނާ ކުރުމަށް އެދިވަޑައިގެންފަ އެވެ.

ހަސީން ވިދާޅުވީ ޒަރީރަކީ ޒިންމާދާރުކަމާއެކު، މުޖުތަމައުއަށް ޚިދުމަތް ކުރަމުން އަންނަ މީހެއް ކަމަށާއި، އާއިލާއެއް ބެލުމުގެ ޒިންމާ ބޮލުގައި އެޅިފައިވާ މީހެއް ކަމަށެވެ. އެހެންކަމުން އޭނާ ޖަލުގައި އެކަހެރިކޮށް ބެހެއްޓުމަކީ މުޖުތަމައުއަށް އޭނާ ކުރަމުން އަންނަ ޚިދުމަތުން މަހުރޫމު ވާނެ ކަމެއް ކަން ހަސީން ފާހަގަ ކުރެއްވި އެވެ.

ހުކުމް އިއްވުމަށްފަހު ގާޒީ އާދަމް އާރިފް ވަނީ އެފަދަ ކަމެއް ތަކުރާރު ނުކޮށް، އަދާކުރަމުންދާ ވަޒީފާ ގާނޫނާ ޚިލާފުނުވާ ގޮތަށް ކުރުމަށް ނަސޭހަތް ދީފަ އެވެ.

ޒަރީރަށް މިއަދު ހުކުމް އިއްވާފައިވާ އިރު ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމުގައިވާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ މައްޗަށް ދައުލަތުން އުފުލި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމުގެ ދައުވާ ސާބިތުވެ، 28،800 ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފިއެވެ. އެ މައްސަލަ އެ ދެ ނޫސްވެރިން ވަނީ އިސްތިއުނާފުކޮށްފަ އެވެ.

comment ކޮމެންޓް