ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކަށް އަރައި، އެ ދޯނީގެ ކެޕްޓަނަށް ހަމަލާދިން މީހަކު ޖަލަށްލާން ހުކުމްކޮށްފިއެވެ.
މިއީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، އެއް ދުވަހު މެންދުރު ފަހު ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކަށް އަރައި، އެ ދޯނީގެ ކެޕްޓަންކަން ކުރާ، ގދ. ގައްދޫ މީހަކަށް ހަމަލާ ދިން މައްސަލައެވެ.
މި މައްސަލައިގައި، އަނިޔާއެއް ދިނުމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ މއ. ޖަންބުގަސްދޮށުގެ އިބްރާހީމް ފާރިސްގެ މައްޗަށެވެ.
ދައުލަތުން ފާރިސްގެ މައްޗަށް ކުރި މި ދައުވާއަށް އޭނާވަނީ ޝަރިއަތުގައި އިއުތިރާފުވެފައެވެ. ދައުވާއަށް އިއުތިރާފުވުމުން މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.
މިދިޔަ ހަފްތާގައި ކްރިމިނަލް ކޯޓުން ނިންމި މި މައްސަލައިން އެނގޭ ގޮތުގައި މި މާރާމާރީގައި، ދޯނީގެ ކެޕްޓަންގެ މޫނުމަތިން ދެތަނެއް ފަޅައިގެންވެސް ގޮސްފައިވެއެވެ. އެއީ، ފާރިސް އެތައް ފަހަރަކު ކެޕްޓަނަށް ހަމަލާ ދިނުމުން ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލައިގައި، ފާރިސްގެ މައްޗަށް އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވިނަމަވެސް، އެ ހުކުމުން އެއް ދުވަސް ފިޔަވައި ބާކީ މުއްދަތުވަނީ 7000 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްދީފައެވެ. ބާކީ އެއް ދުވަސް، މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ފާރިސް ބަންދުކޮށްފައި ހުރި ދުވަސްތަކުން އުނި ކުރުމުން އޭނާދެން މި މައްސަލައިގައި ތަންފީޒު ކުރަން ޖެހޭ ޖަލު އަދަބެއް ނެތެވެ. ޖޫރިމަނާ ދައްކަން ޖެހެނީ ދެ މަސް ދުވަހުންނެވެ.
މި މައްސަލަ ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމްއެވެ.