ފ. އަތޮޅު "ވިއްކާލާ" ވާހަކައިގެ ހަގީގަތް މާލިއްޔަތު ކޮމެޓީން ހޯދަނީ

މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން: ފ. އަތޮޅުގެ މަޝްރޫއާ ގުޅޭ މައުލޫމާތު ސަރުކާރުގެ މެމްބަރުނަށް ވެސް އަދި ނޭނގޭ-- ސަން ފައިލް ފޮޓޯ

ފ. އަތޮޅު ސައުދީ އަރަބިއްޔާއަށް ވިއްކާލަށް އުޅޭ ކަމަށް ބުނެ، ފަތުރަމުންދާ ވާހަކަތަކުގެ ހަގީގަތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ހޯދަން ނިންމައިފި އެވެ.

މާލިއްޔަތު ކޮމެޓީން އެގޮތަށް ނިންމެވީ މިއަދު ބޭއްވި އެ ކޮމެޓީ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.

އިބޫ ހުށަހެޅުއްވީ ފ. އަތޮޅު ސައުދީއާ ހަވާލުކޮށްގެން، މަޝްރޫއެއް ހިންގަން ނިންމާފައިވޭތޯ ބަލައި ދިނުމަށާއި އެފަދަ މަޝްރޫއެއް ކުރިއަށް ގެންދާނަމަ އެކަމުގެ ތަފްސީލު ކޮމެޓީއާ ހިއްސާކޮށްދެއްވުމަށެވެ.

އިބޫ ހުށަހެޅުއްވި އެ މައްސަލައަށް ކޮމެޓީގައި ހިމެނޭ މެމްބަރުން ބަހުސް ކުރެއްވި އެވެ.

ސަރުކާރަށް ތާއިދުކުރާ ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވީ ފ. އަތޮޅު މަޝްރޫއުގެ މައްސަލަ ކޮމެޓީން ބަލަން އުޅެނީ ސަރުކާރުން ރާއްޖެއަށް ގެންނަން އުޅޭ ތަރައްގީއަށް ހުރަސް އެޅުމަށް ކަމަށާއި ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދުމަށް ކަމަށެވެ.

ނަމަވެސް ސަރުކާރަށް ތާއިދުކުރާ ޕީޕީއެމްގެ ބައެއް މެމްބަރުން ވަނީ އެ މައްސަލަ މާލިއްޔަތު ކޮމެޓީން ބެލުމަކީ މައްސަލައެއް ނޫން ކަމަށާއި އެފަދަ މަޝްރޫއަކުން ރައްޔިތުންނަށް ލިބޭ މަންފާ އެނގިގެން ދިއުމަކީ، ރައްޔިތުންގެ މެދުގައި މިހާރު އޮތް ކަންބޮޑުވުމަށް ހައްލެއް ލިބޭނެ ކަމަށެވެ.

އިދިކޮޅު މެމްބަރުން ކޮމެޓީގައި ވިދާޅުވީ އެ މަޝްރޫއުގެ މައުލޫމާތު ހޯދުމަކީ މުހިއްމު ކަމެއް ކަމަށާއި ތަރައްގީގެ އެފަދަ ބޮޑު މަޝްރޫއެއްގެ މައުލުމާތު މަޖިލީހަށް އެނގެންޖެހޭނެ ކަމަށެވެ.

މެމްބަރުން ފާޅު ކުރެއްވި ހިޔާލުތަކަށް ރިޔާއަތް ކުރެއްވުމަށްފަހު، ކޮމެޓީގެ މުގައްރިރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ފ. އަތޮޅު ސައުދީއަށް ވިއްކާލަން އުޅޭ ވާހަކަތަކަކީ "މުޅިން ބޭރުމަތިން އުޅޭ ވާހަކަތައް" ކަމަށެވެ. އަދި މިހާރު ދެކެވެމުންދާ އެފަދަ ވާހަކަތަކުގެ ސަބަބުން އިޔާދަ ނުކުރެވޭ ގެއްލުން ރާއްޖެއަށް ލިބިގެން ހިނގައިދާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

"... އެފަދަ ޕްރޮޖެކްޓެއް އަދި ކުރިއަށް ގެންދެވޭނެ އެއްވެސް މަގެއް ފާސްކުރި [ގާނޫނޫއަސާސީއަށް ގެނައި އިސްލާހު] ޗެޕްޓާގައި 15 ވަނަ ބާބަކު ފެންނާކަށް ނޯންނާނެ. ގާނޫނު ހަދާ މަޖިލީހުން ގޮތްތަކެއް ނިންމާނީ. އެއީ ރައްޔިތުންގެ މަންދޫބުން ނިންމި ގޮތަކަށް ނޫނީ އެފަދަ ޕްރޮޖެކްޓެއް ޑިޒައިންކޮށްގެން ކުރިއަކަށް ނުގެންދެވޭނެ،" މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ނިހާން ވިދާޅުވި އެވެ.

ނަމަވެސް އެފަދަ މަޝްރޫއެއް ސަރުކާރުން ހިންގާނަމަ ކޮމެޓީގެ މެމްބަރުންނަށް އެކަމުގެ މައުލޫމާތު ހޯއްދަވައި ދެއްވާނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

"ހަމައެކަނި އެ އިނީ ހިޔާލީ ތަސައްވުރެއްގެ އައުޓްލައިނެއް އަޅައިދީފަ. އެހެންވީމަ އެ ފިޔަވަހިން ސަރުކާރުން ކަމެއް ކުރިއަށް ގެންދަވާނަމަ ގެންދަވާނީ އަޅުގަނޑުމެންގެ އެންމެންގެ ހުއްދަ ލިބިގެން،" ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ސަރުކާރުން އެފަދަ ބޮޑު ކަމެއް ނިންމާއިރު އިދިކޮޅު ފަރާތްތައް "އެކީއެކަށްޗަކަށް" އެކަހެރިކޮށްގެން ގޮތެއް ނުނިންމާނެ ކަމަށެވެ. އަދި ވިދާޅުވީ އިދިކޮޅު ފަރާތްތައް އެކަހެރިކޮށްގެން އެފަދަ ބޮޑު ކަމެއް ނިންމުމަކީ ފަހުން އެކަމުގެ ދަތިތަކެއް ސަރުކާރަށް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ.

comment ކޮމެންޓް