ހިމަބިހި ނައްތާލުމުގެ ގައުމީ ކެމްޕޭނުގައި ނެޓްބޯޅަ އެސޯސިއޭޝަނުން ބައިވެރިވެއްޖެ

ނެޓްބޯޅަ ކުޅުންތެރިއާ އީމާ އަބްދުއް ސައްތާރު އެމްއާރް ވެކްސިން ޖަހަނީ-- ފޮޓޯ/ނެޓްބޯޅަ އެސޯސިއޭޝަން

ހިމަބިހި ނައްތާލުމުގެ ގައުމީ ކެމްޕޭނުގައި ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބައިވެރިވެއްޖެ އެވެ.

ރޭ ނިމިގެން ދިޔަ އިންޓާ އޮފީސްް ނެޓްބޯޅަ މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގެ ކުރިން ނެޓްބޯޅަ އެސޯސިއޭޝަނުންވަނީ މި ކެމްޕެއިންގައި ރަސްމީކޮށް ބައިވެރިވެ، ވެކްސިން ޖަހައިދިނުމުގެ ހަރާތެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

ހިމަބިހި ނައްތާލުމަށް ކުރިއަށް ގެންދާ ކެމްޕޭނަށް ތާއިދު ކުރުމުގެ ގޮތުން ނެޓްބޯލް އެސޯސިއެޝަނުން ކުރިއަށްގެން ދިޔަ ހަރަކާތުގެ ތެރެއިން އެންމެ ފުރަތަމަ ވެކްސިން ޖަހާފައި ވަނީ ޒުވާން ނެޓްބޯޅަ ކުޅުންތެރިއާ އީމާ އަބްދުއް ސައްތާރު އަދި އައިޝަތު އަނާން އިންލް އެވެ. އެ ދެ ކުޅުންތެރިންނަށް ވެސް ވަނީ އެމްއާރް ވެކްސިން ޖެހި ކަމުގެ ސެޓްފިކެޓް ހަވާލުކޮށްދީފައެވެ.

ސަން ސްޕޯޓްސްއާ ވާހަކަދައްކަމުން ނެޓްބޯލް އެސޯސިއޭޝަންގެ ރައީސާ އައިމިނަތު ޝާޒްލީން ވިދާޅުވީ ނެޓްބޯލް އެސޯސިއޭޝަނުން ރޭ ކުރިއަށްގެންދިޔަ ހަރަކާތަކީ ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ ހިމަބި ނައްތާލުމުގެ ކެމްޕެއިނަށް ތާއީދު ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.

ޝާޒް ވިދާޅުވީ ކޮންމެ ކުޅުންތެރިއަކީ ވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ޖެހޭ ކުޅުންތެރިއެއްކަމަށާއި މިފަދަ ނުރައްކާތެރި ބަލިތަކުން އެކުޅުންތެރީން އަދި ޖުމުލަކޮށް ކޮންމެ ބޭފުޅަކު ވެސް ރައްކާތެރިވެ ހުރުން އެއީ މުހިއްމު ކަމެއް ކަމަށެވެ.

ނެޓްބޯޅަ ކުޅުންތެރިއާ އަނާން އެމްއާރް ވެކްސިން ޖެހި ކަމުގެ ސެޓްފިކެޓް ދައްކާލަނީ--ފޮޓޯ/ނެޓްބޯޅަ އެސޯސިއޭޝަން

"އަޅުގަނޑުމެން ވެސް ސަރުކާރުން ކުރިއަށް ގެންދާ މި ކެޕްޕޭނުގައި ރަސްމީކޮށް ރޭ މި ބައިވެރިވީ، އިރާދަކުރެއްވިއްޔާ މި ކެމްޕެއިން ޕްރޮމޯޓްކޮށް މި ބަލިން މީހުން ސަލާމަތް ކޮށްދިނުމަށް ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގައި ނެޓްބޯޅަ އެސޯސިއޭޝަނުން އަބަދު ވެސް ބައިވެރިވާނެ" ޝާޒް ވިދާޅުވި އެވެ.

ނެޓްބޯޅަ އެސޯސިއޭޝަނަކީ ހިމަބިހި ނައްތާލުމުގެ ގައުމީ ކެމްޕޭނުގައި ބައިވެރިވި ފުރަތަމަ ކުޅިވަރު އެސޯސިއޭޝަން އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީގައި ސަރުކާރުން ކުރިއަށްގެންދާ ހިމަބިހި ނައްތާލުމުގެ ގައުމީ ކެމްޕޭނުގެ ދަށުން، 70،000 އެއްހާ ރައްޔިތުންނަށް އެމްއާރު (މީސަލްސް އެންޑް ރުބެއްލާ) ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް