ލީޑަރެއްގެ ގޮތުގައި އުޅުމުގައި ނިންމުންތައް ނިންމަންޖެހޭ އިރު، އެންމެ ރަނގަޅު ނިންމުންތަކަކީ އަބަދު ފަސޭހަ ނިންމުމަކަށް ނުވާނެ ކަމަށާއި، ލިބޭ މަގާމާއި އޭގެ މަސްއޫލިއްޔަތަށް އިޚްލާސްތެރިވާންޖެހޭ ކަމަށް ސްޓޭޓް މިނިސްޓަރ އޮފް ހެލްތު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ހިރިޔާ ސްކޫލުގެ 2017 ވަނަ އަހަރުގެ އިސްދަރިވަރުން ހުވާކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން، ދުންޔާ ވިދާޅުވީ، ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުހިންމު ސިފައަކީ އިތުބާރު ކަމަށެވެ. ދުންޔާ ވިދާޅުވީ، ލިބޭ މަގާމެއްގައި އުޅޭ އިރު، ކަންކަން ނިންމުމަކީ އުނދަގޫ ކަމެއްގެ ގޮތުގައި ނުފެނިދާނެ ކަމަށާއި، ނަމަވެސް ފަސޭހައިން ނިންމާލާ ނިންމުންތަކަކީ އަބަދު އެންމެ ރަނގަޅު ނިންމުމަކަށް ނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"އެހެންކަމުން މަގާމު ލިބޭ ހުރިހާ ދަރިވަރުންވެސް މަގާމުގެ މަސްއޫލިއްޔަތަށާއި، ސްކޫލުގެ ކޯޑް އޮފް ކޮންޑަކްޓަށް އިހްތިރާމް ކުރަންޖެހޭ. އަދި އެހެން ކުދިންވެސް އެފަދައިން އަމަލުތައް ބެހެއްޓުމަށް ބާރުއަޅަން ޖެހޭ،" ދުންޔާ ވިދާޅުވިއެވެ.
ދުންޔާ ވިދާޅުވީ، ލީޑަޝިޕަކީ ބަޔަކަށް އަމުރުކޮށް، އެބަޔަކު ކޮންޓްރޯލް ކުރުން ނޫން ކަމަށެވެ.
"ލީޑަޝިޕަކީ ބަޔަކު ލީޑުކުރުން. ބަޔަކާ އެކު، ދެފުށް ފެންނަ ގޮތަށް މަސައްކަތް ކުރުން. އަދި ފަހަތުގައި ތިބޭ މީހުންނަށް އިހްތިރާމްކުރުން،" ދުންޔާ ވިދާޅުވިއެވެ.
ދުންޔާ ވިދާޅުވި ގޮތުގައި ޚާއްސަކޮށް އަންހެނުން ލީޑަރުންނަށް ވުމަކީ ވަރަށް ޚާއްސަ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުން އަންހެނުންގެ ލީޑަޝިޕެއްގައި މީހުންނާ ގާތް ގުޅުން ބާއްވައި، މީހުންނާ ގުޅިގެން މަސައްކަތް ކުރުމަށް އިސްކަން ދެވެއެވެ.
"އަންހެން ލީޑާރުންނަކީ ވަރަށް ކޮންފިޑެންޓް ބައެއް. އެކަމުގެ ސަބަބުން އެހެން މީހުންގެ އަމަލުތަކަށް އެ ލީޑަރުން ޖެހިލުމެއް ނުވޭ. އެކަމަކު އެމީހުންނަށް ލިބޭ ބާރު އެހެން މީހުންނާ އެއް ހަމައަށް ގެނެސް، މުޅި ޓީމުގައި ހަމަހަމަކަން ގާޢިމުކުރޭ. މިކަމުގެ ސަބަބުން އަންހެން ލީޑަރުންގެ ފަހަތުގައި މަސައްކަތް ކުރާ މީހުންނަށް ރައްކާތެރިކަން އިހުސާސްވޭ،" ދުންޔާ ވިދާޅުވިއެވެ.
ހިރިޔާ ސްކޫލުގެ 2017 ވަނަ އަހަރުގެ އިސް ހަތަރު މަގާމަށް އިންތިޚާބުވި ދަރިވަރުންނާއި، ހައުސްތަކުގެ ކެޕްޓަނުންނަށް ރޭ ވަނީ އެކަމުގެ ލިޔުން ދީފައެވެ.
ހިރިޔާ ސްކޫލުގެ މިއަހަރުގެ ކެޕްޓަން ކަމަށް ހޮވުނީ އިމާނާ އާދަމެވެ. ޑެޕިއުޓީ ކެޕްޓަންކަމަށް ހިދާޔާ ޝަފީގު ހޮވުނު އިރު، ގޭމްސް ކެޕްޓަންކަމަށް ހޮވުނީ ރަންދާ އާދަމެވެ. އަދި ޑެޕިއުޓީ ގޭމްސް ކެޕްޓަންކަމަށް ހޮވުނީ މަލާހާ ހުސައިނެވެ.
މީގެ އިތުރުން އެސްކޫލުގެ މިއަހަރުގެ ގްރޭޑް ހައެއް، ހަތެއް، އަށެއް، ނުވައެއް އަދި 10 އަކުން 60 އަށް ވުރެ ގިނަ ޕްރިފެކްޓުންވެސް މިރޭ ވަނީ ހުވާކޮށްފައެވެ.