ހުމާފިހި މަރުވާއިރު ބަލަން ތިބެންވީބާ؟

ސާޅީސް އަށް ގަޑި އިރު ތެރޭގައި ހަތަރު ކުދިން ޑެންގޫ ހުން ޖެހިގެން މަރު ވެއްޖެ އެވެ. މި ދައްކަނީ މީހުންގެ ފުރާނައިގެ ވާހަކަ އެވެ. މީ ކުޅޭ ކުޅޭ ވާހަކައެއް ނޫނެވެ. މި ރޭޓުން މީހުން މަރުވަމުން ދާ ނަމަ މަހަކު 60 މީހުން މަރުވާނެ އެވެ. އަދި ކަމުގެ ސީރިއަސްކަން މިއަށްވުރެ ބޮޑުވެއްޖެ ނަމަ މި އަދަދު ދެ ގުނަ، ނޫނީ ތިން ގުނަ އިތުރު ވެސް ނުވާނެ އެކޭ ބުނެވޭކަށް ނެތެވެ.

މި ދުވަސްކޮޅު ރަށްރަށުގައި އެކި ކަހަލަ ރޯގާ ތަކާއި ހުން މި ވަނީ އާދަޔާ ޚިލާފަށް ގިން ވެފަ އެވެ. ހޮޑުލާ މީހުން ހޮޑު ލަނީ އެވެ. ހުމާ ފިހޭ މީހުން ހުމާ ފިހެނީ އެވެ. މީ މޫސުމީ ރޯގާ އެކޭ ބުނެ ފުއްދައި ލެވޭކަށް ނެތެވެ. ކަމުގެ ނުރައްކާތެރިކަން އެއަށްވުރެ ބޮޑެވެއްޖެ އެވެ. ތުއްތު ތުއްތު ދަރިފުޅަކު ހުމާ ފިހެވެމުން ދާ މަންޒަރު ބަލަން ހުރުން އިންސާނިއްޔަތުގެ ކަންފުޅެއް ހުރި އެއްވެސް މީހަކަށް ކުޅަދާނައެއް ނުވާނެ އެވެ. ވީ އިރު އެ ކުދިންގެ މައިންބަފައިންގެ ހިތުގައި އަޅާނެ ވޭން އޮތީ އިހުސާސް ކޮށްލުމެވެ. މާދަމާ މި ރޯގާގެ ނުވަތަ ހުމުގެ ޝިކާރަ އަކަށްވެގެން މި ދުނިޔެއާ އަލްވަދާއު ކިޔާނީ އަޅުގަނޑުމެންގެ ތެރެއިން ކާކުގެ ދަރިއެއް ކަމެއް ނޭނގެ އެވެ. އެއީ އަޅުގަނޑުގެ ދަރިފުޅު ކަމަށް ވެސް ވެދާނެ އެވެ. ނޫނީ ތިޔަ ބޭފުޅާގެ ދަރިފުޅު ނުވަތަ ކޮއްކޮ ނުވަތަ ބޭބެ ކަމަށް ވެސް ވެދާނެ އެވެ. އަޅުގަނޑުމެން ހޭ އަރާނީ އަމިއްލަ ދަރިފުޅު ފަސްދޮށަށް ލުމުގެ ވަގުތު ޖެހުނީމަ ތޯ އެވެ؟ ނުވަތަ އަމިއްލަ ކޮއްކޮ ނުވަތަ ބޭބެ ވަޅުލުމުގެ ވަގުތު އައިސް ޖެހުނީމަ ތޯ އެވެ؟ ނޫނެކެވެ. އަޅުގަނޑުމެންނަކީ އެހާ އަމިއްލަ އެދުން ބޮޑު ބައެއް ނޫނެވެ.

މުޅި ގައުމު ހުމާ ރޯފިލަމުންދާ އިރު އެކި ނަންނަމުގައި އުފައްދާފައި ހުރި "ކަމާ ބެހޭ" ރަސްމީ އިދާރާތައް ކޮބައި ހެއްޔެވެ؟ ހެލްތް ކޯޕަރޭޝަންތައް ކޮބައި ހެއްޔެވެ؟ ސެންޓަރ ފޮ ކޮމިޔުނިޓީ ޑިސީޒް ކޮންޓްރޯލް ކޮބައި ހެއްޔެވެ؟ ހެލްތް މިނިސްޓަރީ ކޮބައި ހެއްޔެވެ؟ ހެލްތް މިނިސްޓަރު މި ކުރައްވަނީ ކޮން ކަމެއް ހެއްޔެވެ؟ އެ ކަމަނާ އަށް ވެސް މިކަން ނުކުރެއްވޭ ނަމަ އަވަހަށް އިސްތިއުފާ ދެއްވާށެވެ. މަދިރި ކޮންޓްރޯލު ކުރަން ޚާއްސަ ޕްރޮގްރާމެއް ފައްޓަން ކެބިނެޓުން ނިންމި ކަމަށް މީޑިއާ ގައި އިއުލާން ކުރުމުން ސަރުކާރުގެ ޒިންމާ އަދާ ކުރެވުނީ ތޯ އެވެ؟ ފަހަރަކު ފުރާނައެއް، ފަހަރަކު ފުރާނައެއް ދުނިޔެ ދޫކޮށްފައި ދާ އިރު، އަޅުގަނޑުމެންގެ މުޅި ސިއްހީ ނިޒާމު މިއޮތީ ނިދާފައި ހެއްޔެވެ؟ ނުވަތަ "ވާ" ވެފައި ހެއްޔެވެ؟

ޑެންގޫ ހުމުގެ މައިގަނޑު ސަބަބަކީ މަދިރިކަން އަޅުގަނޑުމެންގެ ތެރެއިން އެންމެ އާދައިގެ މީހުނަށްވެސް އެނގެ އެވެ. އެކަމަކު އަޅުގަނޑުންގެ ސިއްހީ ނިޒާމު ބެލެހެއްޓުމުގެ ޒިންމާ އަޅުގަނޑުމެން އެބައެއްގެ ކޮނޑުގައި އަޅުވައިގެން މި ތިބި މީހުނަށް އެވަރު ވެސް އެނގޭހެނެއް ހީއެއް ނުވެ އެވެ. ނޫނީ އެ މީހުނަށް މި ހުރިހާ ކަމެއް އެނގި ތިބެ ޒިންމާ އަށް އިހުމާލު ވަނީ އެވެ. ނުވަތަ އެ ޒިންމާ އަދާ ކުރަން ތަސައްރަފު ނުފުދެނީ އެވެ.

މަދިރި ކޮންޓްރޯލު ކުރުމަށް ޓަކައި އޯގަނައިޒްޑް މަސައްކަތް ތަކެއް ކުރެވޭ ތަނެއް އަދިވެސް ނުފެނެ އެވެ. ޚާއްސަ ޓާސްކެއްގެ ގޮތުގައި މިކަން ކުރަން އުޅޭ ތަނެއް ނުފެނެ އެވެ. ހުރިހާ ރަށެއްގައި ވެސް މިހާރުން މިހާރަށް މަދިރި މަދު ކުރުމުގެ ކުއްލި ޕްރޮގްރާމެއް ފައްޓަން ވެއްޖެ އެވެ.

އެ ކަމަކު މި ނާޒުކު ވަގުތުގައި ވެސް އަޅުގަނޑުމެންނަށް ފެންނަމުން މި ދަނީ އުފަލާއި މަޖަލު ހަރަކާތްތަކެވެ. އަޅުގަނޑުމެން މި އުޅެނީ މުޅި ރާއްޖޭގައި ފްލެޓު ނޭޅިގެނެވެ. ފްލެޓަކީ މީހުން ދިރިއުޅެން ހަދާ ތަނަކަށް ވާ އިރު، އެންމެ ފުރަތަމަ ބޭނުން ވާނީ މީހުން ސަލާމަތުން ތިބުން ކަމެއް އެކަން ކުރަން އުޅޭ ބަޔަކަށް ނޭނގެނީ ބާވަ އެވެ. އަޅުގަނޑުމެން މި އުޅެނީ ތިލަފުށި އިންޑަސްޓްރިއަލް ޒޯނެއްގެ ގޮތުގައި ތަރައްގީ ނުވެގެނެވެ. އެތަން ބޮޑު ވިޔަފާރި މަރުކަޒެއްގެ ގޮތުގައި ތަރައްގީ ނުކުރެވިގެނެވެ. އަޅުގަނޑުމެން މި އުޅެނީ ހުޅުމާލެ ތަރައްގީ ނުވެގެނެވެ. އަޅުގަނޑުމެން މި އުޅެނީ ސާކު ސަމިޓު މި ރާއްޖޭގައި ނުބޭއްވިގެނެވެ. މާއްދީ މި ހުރިހާ ކަންކަމުގެ ފަހަތުން އަޅުގަނޑުމެއް ދުވާ އިރު، އަޅުގަނޑުމެންގެ އިންސާނިއްޔަތު ބިނާ ކުރުމަށް ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ ސިއްހީ ގޮތުން ދުޅަހެޔޮ ޖީލެއް ބިނާ ކުރުމަށް ކުރެވުނު ކަމަކީ ކޮބައި ހެއްޔެވެ؟ ހުޅުމާލެ އާއި، ތިލަފުށި ހިއްކައިގެން ބޮޑެތި ރަށްތައް މަދު އަހަރަކުން ހެދުނު އިރު އައިޖީއެމްއެޗުގެ އާ އިމާރާތް ނުހުޅުވި އެތައް އަހަރު ތަކެއް ފާއިތުވެގެން ދާން ޖެހުނީ އެ ކަމަށް ދެވޭ އަހައްމިއްޔަތުގެ ބޮޑު ކަމުންބާވައޭ އަޅުގަނޑު ހިތަށް އަރަ އެވެ.

މަދިރީގެ ވިހަގަދަ ކަށި ތަކުން މި ގައުމުގެ ރައްޔިތުން މިއަށްވުރެ ބޮޑަށް ސަލާމަތް ކުރެވޭނެ ކަންކަން ރާވައި ހިންގާނެ ފެންވަރާ ފަންވަރު ދައުލަތުގެ ބަޖެޓުގައި ހުންނާނެ އެވެ. މަދިރި މަދު ކުރުމުގެ ކުއްލި ޕްރޮގްރާމެއް ރާއްޖޭގެ ހުރިހާ ރަށެއްގައި ވަގުތުން ވަގުތަށް ހިންގާނެ ފައިސާ ދައުލަތުގެ ބަޖެޓުގައި ނެތް ނަމަ މިހާރުން މިހާރަށް ސަޕްލިމެންޓަރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާށެވެ. އެ ތަނުގައި ތިއްބަވާނީ ރައްޔިތުންނަށް ހެޔޮ އެދިވަޑައިގަންނަވާ ރައްޔިތުންގެ މެންބަރުންނެވެ. އެ ބޭފުޅުން ވަގުތުން އެ ބަޖެޓް ފާސް ކޮށްދެއްވާނެ އެވެ. އިއްޔެ އާއި އިހަށް ދުވަހު އެ ބޭފުޅުންނަށް މި ޑެންގޫގެ ސަބަބުން ކުދިން މަރުވަމުންދާ މައްސަލަ ކުއްލި މައްސަލަ އެއްގެ ގޮތުގައި މަޖިލީހުގައި ނަންގަވަން އެނގިވަޑައިނުގަތީ ކޮމެޓީ ތަކަށް މެންބަރުން ބެހުމުގެ މައްސަލައިގެ ސީރިއަސްކަން ބޮޑު ވެގެން ކަމަށް ވެސް ވެދާނެ އެވެ. "މޮސްކިޓޯ ޕޮޕިއުލޭޝަން" މަދު ނުކުރެވޭ ވަރުގެ ނާގާބިލު ބަޔަކަށް އަޅުގަނޑުމެންގެ ރަސްމީ އިދާރާތައް ވެއްޖެ ނަމަ ރައްޔިތުންނާ އެކަން ހަވާލު ކުރައްވާށެވެ. އަޅުގަނޑު ހަމަ ގައިމު ވެސް ނުކުންނާނަމެވެ. ހުރިހާ ރައްޔިތުން ވެސް ނުކުންނާނެ އެވެ. ނޫނީ ހުރިހާ ކަމަށް ހެޔޮ ވަރު ސިފައިންނާ ހަވާލު ކުރައްވާށެވެ! އެ ބޭފުޅުން ހަމަ ގައިމު ވެސް މި ގައުމުގެ ރައްޔިތުންނަށް ޓަކައި އެ ކަން ކޮށްދެއްވާނެ އެވެ. އެބޭފުޅުން މީދާ މަރާށާއި ކައުންޓަރުތައް ސާފު ކުރައްވަން ނުކުންނަވާއިރު މިކަމަށް މާ ބޮޑު ސަމާލު ކަމެއް ދެއްވާނެ ދެއްތޯ އެވެ؟
ގުޅޭ ޓެގު
comment ކޮމެންޓް