ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މާ ގިނައިން ޗުއްޓީ ނަންގަވާ ވާހަކަތަކެއް މި ފަހަކަށް އައިސް އިދިކޮޅު ފަރާތްތަކުން ދަނީ ދައްކަމުންނެވެ. ބައެއް ފަހަރު ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ބޭނުންފުޅެއް ނުވެސް އެނގޭ ކަމަށާއި ކުރައްވަނީ ކީއް ކަމެއް ވެސް ނޭނގޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގެ އަޑު ދަނީ ގަދަ ވަމުންނެވެ. ރައީސް ގެ ކޮންމެ ދަތުރުފުޅެއްގެ ފުރިހަމަ ޚަބަރު އެނގެން ޖެހޭނެ ކަމަށް ބުނެ އެމީހުން ދަނީ އަޑު އުފުލަމުންނެވެ.
އެމީހުންގެ ވާހަކަ އަކީ މީ އެވެ؛ ރައީސުލްޖުމްހޫރިއްޔާ ރާއްޖޭން ބޭރުގައި އުޅުއްވާ ނަމަ އެ އުޅުއްވާ ތަނެއް ރައްޔިތުންނަށް ސާފުވާން ޖެހޭނެ އެވެ. އެ ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވާ ބޭނުންފުޅު ވެސް ރައްޔިތުންނަށް ކޮންމެވެސް ބަޔަކު އޮޅުންފިލުވައިދޭން ޖެހޭނެ އެވެ. އަދި ކީއް ހެއްޔެވެ! އެ ބޭނުންފުޅު ހާސިލުވި މިންވަރު ވެސް ސާފުވާން ޖެހޭނެ އެވެ.
ރައީސް ޔާމީން މި ފަހަކަށް އައިސް ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކު މި އަޑުތަކެއް އެބަ އަރުވަ އެވެ. އެ އަޑުތަކުން ރައްޔިތުންގެ މެދުގައި ކޮންމެވެސް ވަރެއްގެ "އިތުރު" ވާހަކަތަކެއް އުފަން ކުރުވަ އެވެ. އެ އުފަން ކުރުމުގެ ތެރެއިން ގައުމަށް ބޭނުމެއް ނެތް، ހަމަނުޖެހުން އުފައްދަނިވި ޚިޔާލުތައް ފެތުރިގެން އެބަދެ އެވެ. އާޚިރު ނަތީޖާއަކަށް ވަނީ ބޭނުމެއް ނެތް، ބޭކާރު ފިކުރުތަކުން ރައްޔިތުމީހާގެ ސިކުނޑިއަށް ހާސްކަމާއި ނުތަނަވަސްކަން ލިބިގެން ދިޔުމެވެ.
ވިސްނައިލުމަށް ދެތިން ވާހަކައެއް ފާހަގަކޮށްލާނަމެވެ. މިއަދު ރާއްޖޭގައި މި އޮތީ މުޅި މި ސަރަހައްދުގައި ވެސް ނެތް ފަދަ ތައުލީމީ އަދި ތަހުޒީބީ މުޖުތަމަކެވެ. އިންސާނާގެ ފިކުރީ ހަމަޖެހުމާއި ސިއްހީ ދުޅަހެޔޮކަމަށް ޓަކައި ފުރިހަމަވާން ޖެހޭ ކަންކަން އަދުގެ މުޖުތަމައު ފިސާރި ރަނގަޅަށް ދަންނާނެ އެވެ. ދުޅަހެޔޮ އާއިލާއެއް ބިނާ ކުރުމަށް ޓަކައި އާއިލާއަށް ދޭން ޖެހޭ ކޮލިޓީ ވަގުތުގެ މުހިންމުކަން ވެސް އަދުގެ ދިވެހީން ދަންނާނެ އެވެ. އެ ގޮތުން ބުރަ މަސައްކަތްތެރީން ދޭތެރެ ދޭތެރެ އިން ޗުއްޓީ ނެގުމުގެ މުހިންމު ކަމަކީ އެމީހެއްގެ މަސައްކަތުގެ ކޮލިޓީ ހިފެހެއްޓުމަށް ޓަކައި ކިހައި މުހިންމު ކަމެއް ކަން ހެޔޮ ވިސްނޭ މީހުން ދަންނާނެ އެވެ. އާއިލާ އަށް ވަގުތު ދިނުމާއި އެ ވަގުތު ދިނުމުގައި މަންމަ އާއި ބައްޕަގެ ދައުރު މުހިންމުކަން ވެސް އަދުގެ މި ހޭލުންތެރި ދިވެހީން ފިސާރި ރަނގަޅަށް ދަންނާނެ އެވެ.
މިކަމާ ގުޅުވައިލެވޭ އެހެން ނަމޫނާއެއް ވެސް މި ތަނުގައި ފާހަގަކޮށްލާނަމެވެ. ރައީސް ނަޝީދު ރާއްޖޭގެ ވެރިކަމުގައި ހޭދަކުރެއްވި ދެތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރުގައި ވަރަށް ގިނައިން އުޅުއްވި އެވެ. ރަސްމީ ދަތުރުތަކާއި ނުރަސްމީ ދަތުރު ތަކެވެ. ގަބޫލުކުރެވޭ ގޮތުގައި ރާއްޖޭގެ ރައީސަކު އެހައިތަނަށް ގައުމުން ބޭރުގައި ނޫޅުއްވާހާ ގިނައިން އެމަނިކުފާނު ރާއްޖެއިން ބޭރުގައި އުޅުއްވި އެވެ. އޭގެ ތެރޭގައި ޗުއްޓީ ދަތުރުފުޅު ތަކާއި ނުރަސްމީ ދަތުރުފުޅުތައް ވެސް ހިމެނެ އެވެ.
އެ ގޮތުން 2010 ވަނަ އަހަރު ރައީސް ނަޝީދުގެ އާއިލާ ސިންގަޕޫރުގައި ހޭދަކުރެއްވި މަޝްހޫރު ޗުއްޓީ ދަތުރާއި، 2011 ވަނަ އަހަރު އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގައި އެމަނިކުފާނުގެ ޕާޓީއަށް ފޯރި ގަދަ ކެމްޕޭނެއް ކޮށްދެއްވުމަށް ފަހު އެ ވަރުބަލިފުޅު ފިލުއްވައިލެއްވުމަށް އެ އަހަރުގެ ފެބުރުއަރީ މަހު ނެންގެވި ޗުއްޓީ އާއި ހަމަ އެ އަހަރުގެ ނޮވެމްބަރު މަހު އެމަނިކުފާނު ނެންގެވި އަހަރީ ޗުއްޓީ ފާހަގަ ކުރެވެ އެވެ. އަހަރީ ޗުއްޓީއާ ގުޅޭ ގޮތުން އޭރު ރައީސް އޮފީހުން އެއްވެސް މައުލޫމާތެއް ނުދެ އެވެ. ޗުއްޓީ ގައި ހުންނަވާނީ ކިތައް ދުވަސް ކަމެއް އަދި ޗުއްޓީ ހޭދަކުރައްވާނީ ކޮންތާކު ކަމެއް ވެސް ނުބުނެ އެވެ. ދިންހާ ވެސް މައުލޫމާތަކީ އެމަނިކުފާނު ޗުއްޓީ ހޭދަކުރައްވާނީ އާއިލާއާ އެކުގައި ކަމެވެ.
ރައީސް ނަޝީދަށް ފަހު ދެން ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުވެސް ގައުމުން ބޭރަށް ގިނަ ދަތުރުފުޅުތަކެއް ކުރެއްވި އެވެ. އޭގެ ތެރެއިން ފާހަގަ ކުރެވޭ ދެ ޗުއްޓީ ދަތުރެއް ހިމެނެ އެވެ. އެއް ދަތުރަކީ 2012 ވަނަ އަހަރު ނިއުޔޯކުގައި އޮތް އދ. ގެ ޖެނެރަލް އެސެމްބްލީ ނިންމަވައިލެއްވުމަށް ފަހު ނެންގެވި އެއް ހަފުތާގެ ޗުއްޓީ އެވެ. އެ ދަތުރުފުޅަކީ އެމަނިކުފާނު އާއިލާއާ އެކު ވަގުތުކޮޅެއް ހޭދަކޮށްލެއްވުމަށް ނެންގެވި ޗުއްޓީ އެކެވެ. އެއަށް ފަހު، 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހާ ހަމައަށް ރައީސް ވަހީދު އެއް ހަފުތާގެ ނުރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ. އެ ދަތުރުފުޅުގައި ރައީސް ވަހީދުގެ ދެކަނބަލުން ވަޑައިގެންނެވީ މެލޭޝިއާ އަށެވެ. އެ ދަތުރުފުޅާ ގުޅެ ގޮތުން ރައީސް އޮފީހުން އޭރު ބުނީ އެއީ "ޕްރައިވެޓް" ދަތުރުފުޅެއް ކަމަށެވެ.
މި ފާހަގަކޮށްލީ ކައިރި މާޒީގައި ދެ ރައީސަކު ކުރެއްވި ދަތުރުފުޅު ތަކާއި ނެންގެވި ޗުއްޓީ ތަކުގެ ވާހަކަ އެވެ. އެ ބޭފުޅުން ދައްކަވާފައިވާ ނަމޫނާ ތަކުގެ ވާހަކަ އެވެ. އެ ދަތުރުފުޅު ތަކާއި އެ ދަތުރުފުޅު ތަކުގެ މަގުސަދުން އަޅުގަނޑުމެން މި ގައުމުގެ މީހުން ދަސްކުރާންވީ ހަގީގަތަކީ ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަ މީހަކީ ވެސް އަޅުގަނޑުމެންނެކޭ އެއްފަދަ އިންސާނެއް ކަމެވެ.
އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާ އަކު ހޮވައި، އެ ބޭފުޅެއްގެ އިސްތަށިފުޅުގައި މި ގައުމު ހިންގުމުގެ އެންމެ މަތީ މަސްއޫލިއްޔަތު އަޅުވާފައި އޮންނަ އިރު، ގައުމީ ތަރައްގީގެ ދުވެލި ހަލުވި ކުރުމަށް ޓަކައި ބޭރުގެ ގައުމު ތަކަށް ދަތުރުފުޅުތައް ކުރެއްވުމަކީ އެ ޒިންމާ އަދާކުރެއްވުމުގެ ތެރޭގައި ކޮންމެހެން ކުރައްވާން ޖެހިވަޑައިގަންނަވާނޭ ކަމެއްކަން އަޅުގަނޑުމެން ގަބޫލު ކުރާން ޖެހެ އެވެ. މިހާ ވަރަށް ބަވަނަ ވެފައިވާ ދުނިޔެއެއްގައި އަމިއްލަ ފުޅު ގައުމުގައި ހުންނަވައިގެން ގައުމީ ތަރައްގީއެއް ނުގެނެވޭނެ އެވެ. އެހެން ނޫން ނަމަ ދުނިޔޭގެ އެންމެ ބޮޑެތި ބާރުތައް ކަމަށްވާ އެމެރިކާ އަދި ޗައިނާ ފަދަ ގައުމު ތަކުގެ ވެރީން އަމިއްލަ ގަނޑުވަރުން ބޭރަށް ނުކުމެވަޑައިގަންނަވާކަށް ވެސް ނުޖެހޭނެ އެވެ. ދުވާލަކު ގައުމަކަށް ދުވާލަކު ގައުމަކަށް އަމިއްލަފުޅު ގައުމުގެ ތަރައްގީގެ ސިޔާސަތު ތަކާއިގެން އެބޭފުޅުން އެ ވަޑައިގަންނަވަނީ އެކަން އެހެން ކުރައްވާން ޖެހިވަޑައިގަންނަވާތީ އެވެ.
ދެން އޮތީ އަމިއްލަފުޅު ދަތުރުފުޅު ތަކާއި އާއިލީ ދަތުރުފުޅު ތަކުގެ ވާހަކަ އެވެ. ކުރީން ވެސް އަޅުގަނޑު ދަންނަވައިލި ފަދައިން އާއިލާ އަށް ވަގުތު ދިނުމުގައި ވަކި މީހަކު އިސްތިސްނާއެއް ނުވެ އެވެ. ވެގެން ވެސް ނުވާނެ އެވެ. ދަރީން ހެޔޮ ލަފާ ބައެއްގެ ގޮތުގައި ތަރުބިއްޔަތުކޮށް އެ ދަރީން ގައުމަށް ފައިދާ ހުރި ޚިދުމަތްތެރީންގެ ގޮތުގައި ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރާން ޖެހޭ ބަޔަކީ ބެލެނިވެރީންނެވެ. ދަރީން ތަރުބިއްޔަތު ކުރުމުގެ އެންމެ ފުރިހަމަ ނަމޫނާއެއް ދައްކަން ޖެހޭ ބަޔަކީ ބެލެނިވެރީންނެވެ.
މި ކަންކަން ކުރުމަށް ޓަކައި ކޮންމެ ބެލެނިވެރިޔަކު ވެސް އާއިލާއަށް ވަގުތު ދޭން ޖެހެ އެވެ. އެއީ ރައީސް މައުމޫނު ކަމަށް ވިޔަސް، ރައީސް ނަޝީދު ކަމަށް ވިޔަސް، ރައީސް ވަހީދު ކަމަށް ވިޔަސް އަދި ރައީސް ޔާމީން ނަމަވެސް އެކަން ވާން ޖެހޭނެ ގޮތެވެ. އަދި ވެފައިވެސް އޮތް ގޮތެވެ.
އަޅުގަނޑުމެންނަށް އެ ހުރިހާ ބޭފުޅުން ވެސް އެ ކަމުގައި ދައްކަވައިފައި ވަނީ އެ ނަމޫނާ އެވެ. ރައީސް މައުމޫނުގެ ވެރިކަން ނިމިގެން ދިޔަ އިރު އަޅުގަނޑުމެންނަށް އެމަނިކުފާނު ފެނިގެން ދިޔައީ އާއިލާ ދެކެ ލޯބިފުޅުވާ އަދި އަނބިކަނބަލުން ދެކެވެސް ނުހަނު ލޯބިފުޅުވާ އާއިލީ ވެރިއެއްގެ ގޮތުގަ އެވެ. ރައީސް ނަޝީދުވެސް އާއިލާ އަށް ޓަކައި ޗުއްޓީތައް ނެންގެވި އެވެ. އަދި ވެރިކަމުގެ މުއްތަދުގެ ތެރޭގައި ފެނިގެން ދިޔައީ އަނބިކަނބަލުން ލައިލާ ދެކެ ނުހަނު ލޯބިފުޅުވާ ވެރިއެއްގެ ގޮތުގަ އެވެ. ރައީސް ވަހީދު ވެސް ހަމަ އެފަދަ އެވެ. އަނބިކަނބަލުން އިލްހާމް އަހުމަދަކީ ހަޔާތުގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރު ކަމަށް އެމަނިކުފާނު އަޅުގަނޑަށް ދެއްވި އިންޓަވިއުއެއްގައި އޭރު ވިދާޅުވެފައިވެ އެވެ. އަދި ވެރިކަމުގެ ކުރު މުއްދަތުގެ ތެރޭގައި އެމަނިކުފާނު ވަރަށް ފުރިހަމަ އަށް އެނަމޫނާ ދެއްކެވި އެވެ.
މިހާރު ރައީސް ޔާމީނެވެ. އެހެން ބޭފުޅުންނާ ޚިލާފަށް ރައީސް ޔާމީންގެ ސިޔާސީ ހަޔާތްޕުޅުގައި އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ ދައުރު އަދި ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ވަކީން ބޮޑު ކަމަށް ފާހަގަ ކުރެވެ އެވެ. އަދި ޚުދު ރައީސް ޔާމީން ވެސް ވަނީ އަނބިކަނބަލުން ފާތުންގެ އޯގާތެރި ކަމާއި ހިތްވަރާއި ދެއްވާ ސަޕޯޓަށް އެކި ފަހަރު އެކި ހަފުލާ ތަކުއި އެކަމަނާ އަށް ހައްގު ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ރައީސް ޔާމީންގެ ދެކަނބަލުން ވެސް ފެންނަނީ އާއިލީ ލޯތްބަށް އަހައްމިއްޔަތުކަން ދެއްވާ، އާއިލީ ޒިންމާ ވަރަށް ފުރިހަމަ އަށް އަދާކުރައްވާ ދެކަނބަލުންގެ ގޮތުގަ އެވެ. ދަރީންގެ ކަންކަމުގައި ވެސް ޒިންމާ ނަންގަވާ ފުރިހަމަ މަސްއޫލިއްޔަތު އަދާކުރައްވާ ދެބޭފުޅުންގެ ގޮތުގައި މުޅި ދިވެހި ގައުމަށް އެދެކަނބަލުން އެ ގެންދަވަނީ ނަމޫނާ ދައްކަވަމުންނެވެ.
މީ ހަގީގަތުގައި ކަން ހިނގާން ޖެހޭ މަގެވެ. އަޅުގަނޑުމެން ކޮންމެ މީހަކު ވެސް މި ހަގީގަތް ގަބޫލު ކުރާން ޖެހެ އެވެ. ތިބާގެ ފިރިމީހާ މަތީ މަގާމެއްގައި ހުއްޓޭ ކިޔާފައި ތިބާއަށް އަޅައިނުލައި، ދަރީންނަށް ވަގުތު ނުދީ އުޅޭ ނަމަ އެކަން އެއްވެސް މީހަކަށް ގަބޫލެއް ނުކުރެވޭނެ އެވެ. ތިބާގެ އަނބިމީހާ ކިތަންމެ ބިޒީ ވަޒިފާއެއްގައި އުޅުނަސް، ފިރިމީހާ އާއި ދަރީންނަށް ދޭން ޖެހޭ ލޯތްބާއި އޯގާތެރިކަން ނުދެވޭ ނަމަ އެކަން ބަލައެއް ނުގަނެވޭނެ އެވެ.
މި ހަގީގަތް މިހެން އޮތް އިރު، މީގެން ކޮންމެ ކަމެއްގައި އެންމެ ފުރިހަމަ ނަމޫނާ ދައްކަވާން ޖެހިވަޑައިގަންނަވާ މި ގައުމުގެ ރައީސުލް ޖުމްހޫރިއްޔާ އާއިލީ ކަމެއްގައި ހަމަ ފުރާވަޑައިގަންނަވާ އިރަށް ނުވަތަ ޗުއްޓީއެއް ހަމަ ނަންގަވާ އިރަށް، އެކަން އެހެން ނަމަކަށް ބަދަލުކުރާން ބަޔަކު މަސައްކަތް ކުރާތީ ހިތާމަ ކުރާން ޖެހެ އެވެ. އެކަން އެހެން ނުކުރަމާ ހިންގަވާށެވެ. ރައީސުލް ޖުމްހޫރިއްޔާ އަކީ ވެސް އިންސާނެއް ކަމާއި އާއިލީ ޒިންމާވެސް ހުންނާނެ ކަން ގަބޫލުކުރަމާ ހިންގަވާށެވެ. ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަ ބޭފުޅަކު އާއިލާ އަށް ވަގުތު ދެއްވައި އެ ޒިންމާ އަދާ ކުރައްވާ ނަމަ އެއީ މި ގައުމަށް މިއަދު އެންމެ ބޭނުންތެރި އެއް މިސާލުކަން ވެސް ގަބޫލުކުރަމާ ހިންގަވާށެވެ.